ހަބަރު

މެންބަރު ނަޝީދު ދޮޅު ލައްކަ ޑޮލަރު ދައްކަން ހުކުމްކޮށްފި

އިންޑިއާ މީހަކަށް 150،000 ޑޮލަރު ދައްކަން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުގައި ނަޝީދާ ދެކޮޅަށް ދައުވާކުރީ އިންޑިއާ ރައްޔިތެއް ކަމަށްވާ އަލަކާ ސިންގް އެވެ. އެއީ އޭނާ އިންވެސްޓްކުރި އުޅަނދެއް ކަމަށްވާ "ބަރުތީލަ" ނަމަކަށްކިޔާ ސަފާރީއެއް ނަޝީދު ބޭނުންވި ފަރާތަކަށް ކުޑަ އަގެއްގައި ވިއްކާލާފައިވާ ކަމަށް ބުނެ ކުރި ދައުވާއެކެވެ.

އަލަކާ ސިންގް ސަފާރީއަށް އިންވެސްޓްކުރުމުގައި ނަޝީދު މެދުވެރިޔަކަށްވީއިރު، އެ ސަފާރީގެ ރަޖިސްޓްރީ ވަނީ ނަޝީދަށް ބަދަލުކޮށްފަ އެވެ. ސަފާރީ ކުޑަ އަގެއްގައި ވިއްކާލުމަށްފަހު ނަޝީދު ވަނީ އަލަކާ އިންވެސްޓްކުރި ފައިސާއިން ގެއްލުންވި އަދަދު އަނބުރާ ދައްކައިދޭނެ ކަމަށް އެއްބަސްވެފަ އެވެ. އެގޮތަށް އެއްބަސްވީ އީމެއިލްއަކުންނެވެ.

އެ ސަފާރީ ވިއްކާލަން އެއްބަސްވެފައި އޮތީ ހަތަރު ލައްކަ ޑޮލަރަށެވެ. އެއީ އިންވެސްޓްކުރި ފައިސާ ފޫބެއްދޭ ވަރަށެވެ. ނަމަވެސް ސަފާރީ ވިއްކާލީ 250،000 ޑޮލަރަށެވެ. އެހެންވެ ބާކީ އޮތް 150،000 ޑޮލަރު ހޯދަން އަލަކާ ވަނީ ދައުވާގައި އެދިފަ އެވެ.

އެ މައްސަލާގައި ނަޝީދުގެ ފަރާތުން ބުނެފައިވަނީ އެކަމަށް ގާނޫނީ ބުރަދަނެއް ލިބޭ ފަދަ އެއްބަސްވުމަކުން އެއްބަސްވެފައިނުވާނެ ކަމަށެވެ. އެ ބަދަލަށް އޭނާ ޒިންމާ ވާން ނުޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމަކު ސިވިލް ކޯޓުން ނިންމީ އޭގެ ޒިންމާ ނަޝީދު އުފުލަންޖެހޭނެ ކަމަށެވެ. ގާޒީ މުހައްމަދު ހަލީމް އިއްވެވި ހުކުމްގައި ބުނެފައިވަނީ، ސަފާރީ ވަކި އަގަކަށް ވިއްކާފައިވަނީ ނަޝީދުގެ ލަފާގެ މަތިން ކަމަށާއި އަލަކާއަށް ގެއްލުންވާ ފައިސާގެ ޒިންމާ ނަޝީދު ނަގަންޖެހޭނެ ކަމަށެވެ. ގެއްލުންވި 150،000 ޑޮލަރު ދައްކަން ނަޝީދު، އެއްބަސްވެފައިވާކަން އީމެއިލްއިން އެނގޭ ކަމަށް ވެސް ހުކުމްގައިވެ އެވެ. އެހެންވެ، 15 ދުވަސް ތެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރަން ވަނީ އަންގާފަ އެވެ.