ހަބަރު

ފައިސާ ދައްކަން އެންގީ ގާނޫނާ ހިލާފަށް، އިސްތިއުނާފުކުރާނަން: މެންބަރު ނަޝީދު

އިންޑިއާ މީހަކަށް 150،000 ޑޮލަރު ދައްކަން ސިވިލް ކޯޓުން ހުކުމްކުރި މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅާނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މެމްބަރު ނަޝީދު ނެރުއްވާފައިވާ މީޑިއާ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ، އެކަމަކީ ދަޢުވާ ކުރި ފަރާތާއި އޭނާއާއި، ދެމެދު އަހަރުތަކެއް ވަންދެން އޮތް ރަހުމަތްތެރިކަމެއްގައި، ދައުވާކުރި ފަރާތުން، އެހެން ފަރާތަކާއެކު ހިންގަން ބޭނުންވި ވިޔަފާރި މުއާމަލާތެއްގައި ދައުވާ ކުރި ފަރާތުން އެދުނު މިންވަރަށް އެވިޔަފާރި މުއާމަލާތުން ފައިސާ ނުލިބޭތީ، އޭގެބޭރުން، މަދުވާ އަދަދުގެ ފައިސާ ފަހަރުގައި ހަމަޖައްސާނެ ގޮތެއް ހޯދަދޭންވީ ނަޝީދު ކަމަށް ބުނެ، ދައުވާ ކުރި ފަރާތަށް އެހީތެރިވެދިނުމުގެ ގޮތުން، ހެޔޮނިޔަތުގައި، މުގާބަލެއްނެތި، އަމިއްލަ އިސްނެގުމުގައި، ލިޔުނު އީމެއިލެއްގެ މައްޗަށް އެކަނި ބިންކޮށް ކޮށްފައިވަ ދައުވާއެއް ކަމަށެވެ.

ނަޝީދު އެ އީމެއިލްގައި ފާޅުކުރާ ހިޔާލަކީ ގާނޫނީގޮތުން ތަންފީޒުކުރެވިދާނެ ހުށަހެޅުމެއް ނޫން ކަމަށާއި، އެއީ ޒިންމާއެއް އިލްތިޒާމެއް އުފައްދާ ހުށަހެޅުމެއްވެސް ނޫން ކަމަށް ބުނެފައިވެ އެވެ. އެ ހުށަހެޅުމަކީ އޯގާތެރިކަމުގައި ހުށަހެޅި އިހުސާންތެރި ހުށަހެޅުމެއްކަމަށް ބަލައިގަންނަ ކަމަށާއި، އެކަމަށް ޝުކުރުވެރިވާ ކަމަށް ބުނެ ދައުވާ ކުރި ފަރާތުން އެ އީމެއިލްއަށް ޖަވާބުދީފައިވާ ކަމަށްވެސް އެ ސްޓޭޓްމަންޓްގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެ ސްޓޭޓްމަންޓްގައި ބުނެފައިވަނީ، އީމެއިލްގައި ފާޅުކުރި ހިޔާލުތައް ފާޅުކުރި ފަހުން ހިނގާދިޔަ އެހެން ކަންކަމުގެ ސަބަބުން ނަޝީދު ފާޅުކުރި އެ ހިޔާލު ބާތިލުވެދިޔަ ފަހުން، އޭނާ ކޮށްފައިވާ ގާނޫނީ ހަމައެއް ނެތް ދައުވާއެއް ކަމަށާއި، އެއީ، އެއްގޮތަކަށްވެސް މީހެއްގެ އަތުން ނަޝީދު ގަނެފައިވާ މުދަލަކަށް ނުވަތަ ހޯދި ހިދުމަތަކަށް އަގު ނުދީގެން ނުވަތަ މީހެއްގެ އަތުން ނެގި ދަރަންޏެއް ނުވަތަ ފައިސާއެއް އަނބުރާ ނުދައްކައިގެން ނުވަތަ މީހެއްގެ ފައިސާގައި ޖެހިގެން ކުރި ދައުވާއެއް ނޫން ކަމަށެވެ.

ސިވިލް ކޯޓުން މިއަދު ކޮށްފައިވާ ހުކުމް ކޮށްފައިވަނީ، މުގާބަލެއްނެތި ހުށަހެޅޭ ހުށަހެޅުންތައް ތަންފީޒުނުކުރެވޭނެ ކަމަށް ބުނާ ޝަރުއީ ހުކުމްތަކާއި، އެނޫންވެސް ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށާއި، އެހެންކަމުން، އެ ހުކުމް އިސްތިއުނާފުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްގެންދަން ގަސްދުކޮށްފައިވާ ކަމަށް އެ ސްޓޭޓްމަންޓްގައި ވަނީ ބުނެފަ އެވެ.