ހަބަރު

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް: ދެމީހަކު ހޮސްޕިޓަލްގައި

ހައިވޭ މަތިން ބާރަށް ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިތާތަކެއް ވެއްޖެ އެވެ.

މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ އެ ސައިކަލު ދުއްވަން އިން މީހާއާއި ފަހަތުގައި އިން 17 އަހަރުގެ ކުއްޖަކަށެވެ. ދެމީހުންވެސް ވަނީ ސީރިއަސް ޒަހަމްތަކަކާ އެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިސަރަކު ވިދާޅުވީ، ހައިވޭގައި އެކްސިޑެންޓެއް ހިނގައިގެން މިއަދު ހެނދުނު 9:30 ހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން މާލެކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް މާލެއިން ހުޅުމާލެ އަންނަ ފަޅިއަށް އަރައިގެން ދަނިކޮށް ސައިކަލު ކަހާލައިގެން ދިއުމުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަނިޔާވި ދެ މީހުންގެ ތެރެއިން ސައިކަލު ދުއްވަން އިން މީހާގެ ފައި ވަނީ ކަކޫ ހުޅުން ބިންދައިގެން ގޮސްފަ އެވެ. އަދި އޭނާގެ ބޯ ފަޅައިގެން ގޮސް ގެއްލުންތަކެއް ވަނީ ވެފަ އެވެ. ފަހަލތުގައި އިން 17 އަހަރުގެ ކުއްޖާގެ ވެސް ފަޔަށް ގެއްލުންތަކދެއް ވެފައިވާއިރު އޭނާއަށް ވެސް ކުދި ޒަހަމްތަކެއް ވަނީ ވެފަ އެވެ.

މި ފަހަކަށް އައިސް ބްރިޖާއި ހައިވޭ މަތީގައި އެކްސިދެންޓް ހިނގާ މިންވަރު ދަނީ އިތުރުވަމުންނެވެ.