ހަބަރު

ސިއްރު ޑީލްތަކުން ތިން ބިލިއަން ޑޮލަރުން ރާއްޖެ ޗައިނާއަށް ދަރާފައި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ހެދި ޑީލްތަކުން ރާއްޖެ ތިން ބިލިއަން ޑޮލަރަށް ދަރާފައިވާކަމަށް ޗައިނާގެ ނޫހަކުން ބުނެފި އެވެ.

ޗައިނާ މޯނިން ޕޯސްޓުން ބުނީ، ޗައިނާއިން މިކަން ހާމަކޮށްފައިވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހު ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރާ އެކު ބޭއްވި ބައްދަލުވުމުގައި ސަފީރު ޖަންގް ލި ޖޮންގް ކަމަަށެވެ.

ކުދި ގައުމުތަކަށް އެހީވެދީ، އެފަދަ ގައުމުތަކަށް އިމާރާތްކުރުމުގެ އެހީ ފޯރުކޮށްދިނުމަށް ޗައިނާއިން ފެށި ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓް އިއުލާންކުރުމާއެކު އެ ޕްރޮޖެކްޓުގައި އެންމެ ފުރަތަމަ މި ސަރަހައްދުން ބައިވެރިވި ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނެ އެވެ. ބެލްޓް އެންޑް ރޯޑްގެ ތެރެއިން ދިވެހި ސަރުކާރާއި ޗައިނާއާއެކު ގިނަ ޑީލްތަކެއްގައި ސޮއިކުރި ކަމަށް ޗައިނާ މޯނިން ޕޯސްޓްގައިވެ އެވެ. ސިނަމާލެ ބްރިޖާއި، އެއާޕޯޓް އެކްސްޓެންޝަން މަޝްރޫއާއި ހުޅުމާލެ ހައުސިން ޕްރޮޖެކްޓެެއްވެސް އޭގެތެރޭގައި ހިމެނޭ ކަމަށް އެ ނޫހުން ބުންޏެވެ. އެ ނޫހުން ބުނީ އޭގެ ތެރޭގައި އަޑި ނޭނގޭ ސިއްރު ކަންތައްތަކެއް ހިމެނޭ ކަމަށް ވެސް ތުހުމަތުވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން، ޗައިނާގެ ހަބަރުތައް ގެނެސްދޭ، ސައުތު ޗައިނާ މޯނިން ޕޯސްޓަށް އިދިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ޑިޕްލޮމޭޓް އަދި ކުރީގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަހުމަދު ނަސީމް ދެއްވި އިންޓަވިއުއެއްގައި ވަނީ، އެހާ ބޮޑު އަދަދަކުން ރާއްޖެ ޗައިނާއަށް ދަރާފައިވާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ސިއްރު ޑީލްތަކެއްވެސް ހަދާފައިވާކަމުގެ ތުހުމަތު ކުރެވޭތީ އެކަންކަމުގެ އަޑި ހޯދުމަށް ޗައިނާގެ އެހީތެރިކަމަށް ވެސް ވަނީ އެދިވަޑައިގަންނަވާފަ އެވެ.

"ހަގީގަތަކީ ކޮބައިކަން އަޅުގަނޑުމެން ހޯދަން އެބަޖެހޭ. ސަބަބަކީ ހަގީގަތް އެނގޭ މީހަކު ނެތް. މިއީ ވަރަށް ވަރުގަދަ އަދަދުތަކެއް، އެހެންކަމުން ކަމުގެ ހަގާިގަތް ހޯދަން ޗައިނާގެ އެހީ ބޭނުންވޭ،" އަހުމަދު ނަސީމް ވިދާޅުވި އެވެ.

ރާއްޖެ ޗައިނާއަށް ތިން ބިލިއަންޑޮލަރަށް ދަރާފައިވާކަމަށް އެގައުމުން ބުނެފައިވާއިރު، އެއީ ރާއްޖޭގެ ދެ އަހަރު ދުވަހުގެ އާމްދަނީއާ ވެސް ނުބައްދަލު އަދަދެކެވެ. އެހެންކަމުން މިއީ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަދައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ތަހުގީގު ކުރަންޖެހޭ އެއް މައްސަލައިގެ ގޮތުގައި ނަސީމް ސިފަކުރެއްވި އެވެ. އަދި ވިދާޅުވީ، މިވަރުގެ އަދަދަކުން ރާއްޖެ ދަރާފައިވާތީ ދަރަނި އަދާކުރުމަށް އިތުރު ގޮތްތަކެއް ހޯދޭނެ މަގު ހޯދަން ޗައިނާއާއެކު ނެގޯޝިއޭޝަން ތަކަކަށް ދާންޖެހޭނެ ކަމަށެވެ.

"އަޅުގަނދުމެންނަށް ޖެހޭނީ ޗައިނާއާ ވާހަކަ ދައްކަން. މިވަރުގެ ބޮޑު އަދަދުތަކެއް ދައްކާނެ ވަރު ރާއްޖޭގައި ނެތް. އެމީހުންނަކަށް އަހަރެމެންގެ ލޭ ނުދެވޭނެ،" އަހުމަދު ނަސީމް ވިދާޅުވި އެވެ.

ބެލްޓް އެންޑް ރޮދް މަޝްރޫއުގެ ދަށުން ރާއްޖޭގައި ޗައިނާއިން ހިންގި ބްރިޖް މަޝްރޫއަށް ވެސް 200 މިލިއަންޑޮލަރު އަދި އެއާޕޯޓް މަޝްރޫއަށް ވެސް 200 މިލިއަން ޑޮލަރު ޗައިނާގެ އެހީގައި ވަނީ ހޯދާފަ އެވެ. މި އަދަދުތަކަކީ މި މަޝްރޫއުތަކާ އެކަށީގެން ނުވާ އަދަދުތަކދެއް ކަމަށް އިދިކޮޅުން މީގެ ކުރިންވެސް އެތަކެއް ފަހަރު މަތިން ވަނީ ދައުވާކޮށްފަ އެވެ.

ތިން ބިލިއަން ޑޮލަރަށް ރާއްޖެ ޗައިނާއަށް ދަރާފައިވާކަން ހާމަވެފައިވާއިރު، ރައީސް ޔާމީންއާ ގުޅިގެން ކުރެވޭ ތަފާތު އެކި ތުހުމަތުތައް ފުރިހަމައަށް ތަހުގީގުކޮށް، ހަގީގަތް ހޯދާނެ ކަމަށް އިބޫ ވަނީ ވައުދުވެވަޑައިގަންނަވާފަ އެވެ.