ޗައިނާގެ ބޭންކްތަކަށް ރާއްޖެ 3.2 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދަކުން ދަރާފައިވާކަމަށް އެގައުމުން ބުނެފައިވީ ނަމަވެސް އަނބުރާ ދެއްކޭނީ ދީފައި ހުރި އެއްޗެއްގެ އަގަށް ވާވަރަށް އެކަނި ކަމަށާއި ޗައިނާއިން ބޭނުން ވަނީ ރާއްޖެ އަޅުވެތި ކުރަން ކަމަށް ކުރީގެ ރައީސް، އަދި އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ދިއްދޫއަށް ވަޑައިގެން ރަށު ރައްޔިތުންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ޗައިނާއަށް ރާއްޖެ ދަރާފައިވާ ދަރަނި އިބޫގެ ސަރުކާރުގައި ދައްކާނެ ކަމަށެވެ. ނަމަވެސް އެ ދަރަނި ދައްކާނީ ކޮށްދިން ކަންކަން ރަނގަޅަށް "މިނެ ކިރައިގެން" އޭގެ އަގަށް ވާވަރުގެ އެއްޗެއް ކަމަށެވެ. ކޮށްދިން ކަމެއް ވިއްޔާ ފެންނަން އެބަހުރި ކަމަށާއި އެއްވެސް ކަމެއް ވަގު ނުވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގައި ހެދިފައިވާ އެއްޗެއްގެ އަގު އަޅުގަނޑުމެންނަށް އެ ގައުމުތަކަށް ދެއްކޭނެ. އަޅުގަނޑުމެން ބަލަން ބޭނުން އެ ވިދާޅުވާ 3.2 ބިލިއަން ޑޮލަރު ހަރަދުވެފައި އޮތީ ކޮން ތަނދެއްގައިކަން. ބްރިޖްގެ ކޮންކްރީޓްގެ އަގު އެނގޭ އަޅުގަނޑުމެންނަށް. ދަގަނޑުގެ މިންވަރު، އަގު އެނގޭ އަޅުގަނޑުމެންނަށް. އަޅުގަނޑުމެން މިނާންޖެހޭ އަޅުގަނޑުމެން ކިރާންޖެހޭ، އަޅުގަނޑުމެންނަށް އަނބުރާ ދެވޭނީ އަޅުގަނޑުމެންނަށް ލިބުނު އެއްޗެއް،" ނަޝީދު ވިދާޅުވި އެވެ.
ޗައިނާއަކީ އިންޑިއާ ކަނޑުގައި އުފެދެމުން އަންނަ އިސްތިއުމާރީ ބާރެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވި އެވެ. އަދި ވިދާޅުވީ ޗައިނާގެ ލޯ ހުރީ ރާއްޖެ އަޅުވެތިކުރުމާ ދިމާލަށް ކަމަށެވެ. އެކަން ދިވެހިން ދަންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ހުޅުވަންޖެހޭ ވަރަށް ލޯތައް ނުހުޅުވައިފި ނަމަ އަނެއްކާވެސް އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިއުން އޮތީ ދުރުގައި ނޫންކަމަށް ވެސް ވިދާޅުވި އެވެ.
އިންޑިއާ ކަނޑުގައި އަނެއްކާވެސް އަރަމުން އަންނަ ބާރެއް ދިވެހި ރާއްޖެއަށް މާބޮޑަށް ނަޒަރު ހުއްޓިފައި އެބަވޭ. އަޅުގަނޑު މިދަންނަވަނީ ޗައިނާގެ ވާހަކަ. މި ގަރުނު މެދުޖެހޭ އިރު ދިވެހިން މި ފިލާވަޅު ލިބިނުގެންފިނަމަ އަނެއްކާވެސް ތިބޭނީ މީގެ ކުރީގެ ދެފަހަރުވެސް ދިވެހިން ތިބި ހާލުގަމުހައްމަދު ނަޝީދު - ކުރީގެ ރައީސުލްޖުމްހޫރިއްޔާ
"އިންޑިއާ ކަނޑުގައި އަނެއްކާވެސް އަރަމުން އަންނަ ބާރެއް ދިވެހި ރާއްޖެއަށް މާބޮޑަށް ނަޒަރު ހުއްޓިފައި އެބަވޭ. އަޅުގަނޑު މިދަންނަވަނީ ޗައިނާގެ ވާހަކަ. މި ގަރުނު މެދުޖެހޭ އިރު ދިވެހިން މި ފިލާވަޅު ލިބިނުގެންފިނަމަ އަނެއްކާވެސް
ތިބޭނީ މީގެ ކުރީގެ ދެފަހަރުވެސް ދިވެހިން ތިބި ހާލުގަ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތިުގައި، ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމެއް ނޫނެވެ. ރާއްޖެއަކީ ވަރުގަދަ ކަނޑުގެ ސަރަހައްދެއް ލިބިފައި އޮތް، އިގްތިސޯދީ ސަރަހައްދު ސައޫދީ އަރަބިއާ އަށްވުރެ ބޮޑު ވަސީލަތް ހުރި ގަުމެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ގުދުރަތީގޮތުން ރާއްޖެއަށް ލިބިފައިވާ މުއްސަނދިކަމުގެ ބޭނުން ހިފަންޖެހޭނީ ދިވެހިން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ދައުލަތް އާ ވެރިއަކާ އެކު އާ ފަސް އަހަރަކަށް ކުރިމަތިލާއިރު ކުރިއަށް ހުރި ދުވަސްތައް އުނދަގޫވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންނަމަވެސް، ވިދާޅުވީ، ހުރިހާ ދައްޗަކުން އަރައިގަނެ، ދިވެހިންނަށް ފާގަތި ދުވަސްތަކެއް އިބޫގެ ވެރިކަމުގައި އެމަނިކުފާނު ދިވެހިންނަށް ހޯދައިދެއްވާނެ ކަމަށެވެ.