ހަބަރު

ޕާޓީގެ ރައީސްކަމަށް އިމްރާނާއި ނަޝީދުގެ ޝަރުތު ހަމަވޭތޯ ބަލަނީ

ސުޕްރީމް ކޯޓް އަމުރާ ގުޅިގެން، އާންމުންގެ ޝަކުވާ ލިބެމުންދާތީ، އިމްރާން އަބްދުﷲ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ދެބޭފުޅުން ނިސްބަތްވާ ޕާޓިގެ ރައީސްކަމުގެ މަގާމަށް ޝަތުރު ހަމަވޭތޯ ބަލަން އީސީއިން މަސައްކަތް ފަށައިފި އެވެ.

އީސީގެ މެންބަރު އަދި ތަރުޖަމާން އަހުމަދު އަކްރަމް މިރޭ ވިދާޅުވީ، ސުޕްރީމްކޯޓުގެ އަމުރަށްފަހު ޝޭހް އިމްރާނާއި ނަޝީދަށް ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ދެމިތިބެވޭނެ ކަމާމެދު ސުވާލު އުފައްދައި ކޮމިޝަނަށް ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށެވެ. އެ ޝަކުވާތަކާ ގުޅިގެން އެ ދެބޭފުޅުންގެ ކިބައިގައި ޕާޓީގެ ޝަރުތު ހަމަވޭތޯ ބެލުމަށް އަންނަ އާދީއްތަ ދުވަހު ކޮމިޝަންގައި ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އަދި އެ ބައްދަލުވުމަށްފަހު އެކަމުގައި ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަންނަ އާދީއްތަދުވަހު އެ ދެ ޕާޓީއަށް ވެސް އީސީ އިން ނިންމާ ގޮތެއް ވަކިވަކިން އަންގާނަން،" އަކްރަމް ވިދާޅުވި އެވެ.

ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ޖަލު ބަންދުގައި ހުންނަ މީހަކަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ލިބިގެނެެއް ނުވެ އެވެ.

ނަމަވެސް މި ދެ ބޭފުޅުންނަކީ ވެސް ކުށް ސާބިތުވެ ޖަލަށް ހުކުމްކޮށް، ހުކުމުން ބައެއް ތަންފީޒުކުރިފަހުން ސުޕްރީމް ކޯޓުން އެ ހުކުމްތައް ރިވިއު ކުރަން ނިންމައި، އެ ހުކުމްތަކަށް އަމަލުކުރުން ފަސްކުރުމަށް އެ ކޯޓުން ނެރުނު ވަގުތީ އަމުރާ އެކު އެދެބޭފުޅުން ވަނީ މިނިވަންވެވަޑައިގެންފަ އެވެ.