އަލީ އަޝްފާގު (ދަގަނޑޭ)

ދަގަނޑޭގެ ފޮޓޯތަކުން ތަފާތު ތިން ވާހަކައެއް

އަލީ އަޝްފާގް 'ދަގަނޑޭ' ފުޓްބޯޅައިގެ ދަނޑުގައި މަޝްހޫރުވީ ކުލަބު ވެލެންސިއާގެ 12 ނަންބަރު ޖޯޒީގައި، 2001 ވަނަ އަހަރު ގަލޮޅު ދަނޑަށް ފުންމާލި ހިސާބުންނެވެ.

ވެލެންސިއާގެ އެ ޓީމަށް ދަގަނޑޭ ހިމެނުމުން، އޭރު ވެލެންސިއާގެ ފޯވަޑްލައިންގައި ކުޅުނު ތިން އަލީ. ވެގެންދިޔައީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު އެޓޭކިން ޓްރިއޯ ކަމަށެވެ. އެއީ އަނެއް ދެ އަލީ، ކަމަށްވާ، މަޝްހޫރު އަލީ ޝިހާމް 'ހުރާ އައްޔަ' އާއި އަލީ އުމަރު ހިމަނައިގެންނެވެ. ގިނަ ބަޔަކަށް އަޝްފާގު އެނގެން ފެށީވެސް އެހިސާބުންނެވެ. އޭނާގެ ކެރިއަރުގެ އޭގެ ކުރީގެ ވާހަކަތައް ގިނަ ބަޔަކަށް އޮތީ ނޭންގި އެވެ. ދިވެހިންގެ ހިތުގައި އޭނާގެ މައްޗަށް ބަންޑުންކޮށްލި ލޯއްބާއި ސަޕޯޓުން އުތުރި އަރަމުން ދާއިރުވެސް، އޭނާގެ ސީނިއާ ކެރިއަރުގެ ކުރިން އޮތް ބާބެއް އާންމުންނަކަށް ނޭންގެ އެވެ.

އިއްޔަ އަޝްފާގު ކުރި ޓްވީޓުން، އޭނާގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ކުރީގެ ވާހަކަތައް ބުނެ ދެއެވެ. ޖަމާލުއްދީން ސުކޫލުގައި އަޝްފާގް ކިޔަވަމުން ދިޔަ ދުވަސްވަރު އެސުކޫލުގެ ޓީމަށް އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދިން ދެ ފޮޓޯ ޓްވީޓް ކޮށް، އެ ފަހުރުވެރި ކާމިޔާބުގެ ހަނދާންތައް އާކޮށްފައި ވެއެވެ. އެއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ ފުރަތަމަ މެޑަލް ކަރުގައި އަޅާލި ތާރީހީ ވަގުތު ކޮޅުގެ ފޮޓޯއަކާ އެކު އެވެ.

ދަގަނޑޭގެ ޓްވީޓް

އަޝްފާގްގެ މި ޓްވީޓަށް ފުން ނަޒަރެއް ހިންގާލުމުން، ސިކުނޑި ވަދެގެންދާނީ އެތައްބައިވަރު ވާހަކަތަކެއް ކިޔައިދޭ ޕޯސްޓެއްގެ ގޮތުގަ އެވެ. ނިއު ރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަލީ ވަހީދު 'ބަލަކު' ގެ ވާހަކަ އެންމެ ފުރަތަމަވެސް ގިނަ ބަޔަކު އަޑު އަހާފައި ވާނީ ސިޔާސީ ދާއިރާއިންނެވެ.

އަޝްފާގްގެ ޓްވީޓުން، އޭނާ އާއި ބަލަކުގެ ކުރީގެ ވާހަކަތައްވެސް ކިޔައި ދެއެވެ. ޖަމާލުއްދީން ސުކޫލަށް، އިންޓަ ސުކޫލު ފުޓްބޯޅަ މުބާރާތް ހޯދައިދިން އިރު އެ ޓީމުގެ ކެޕްޓަނަކީ ބަލަކެވެ. ބަލަކު އާއި ދަގަނޑޭގެ ފުޓްބޯޅަ ކެރިއަރަށް ފައްކާ ކުރަމުން އައީ އިންޓަ ސުކޫލުގެ ތެރެއިންނެވެ. ސުކޫލު ނިންމައި، ކެރިއާއެއްގެ ގޮތުގައި ފުޓްބޯޅަ ކުޅެން އިހުތިޔާރު ކުރީ ދަގަނޑޭ އެވެ. ކިޔަވައި ނިންމައިގެން އައިސް ބަލަކު ދިޔައީ ސިޔާސީ ދާއިރާއަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު، 2008 ގެ ރިޔާސީ އިންތިހާބަށް ކުރެއްވި ކެމްޕޭންގައި، އަލީ ވަހީދު ވަނީ ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާފަ އެވެ. އެއީ ސިޔާސީ ދާއިރާގައި އޭނާގެ ފެށުމެވެ. އެއަށްފަހު ރައްޔިތުންގެ މަޖީލީހަށް ކުރިމަތިލައްވައި ތޮއްޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެވެ. އޭގެ މާފަހުން ގައުމީ ޓީމުގެ މެނޭޖަރު ކަމަށް ވަޑައިގެން ހިސާބުން ނޫނީ، އޭނާއާ ދިވެހި ފުޓްބޯޅައާ ގުޅުން އޮތްކަން ގިނަ ބަޔަކަށް ނޭންގެނެ އެވެ.

ފުޓްބޯޅައިގައި، ބަލަކާއި ދަގަނޑޭގެ ގުޅުމުގެ ހާއްސަކަން އެނގިގެން ދެއެވެ. ދަގަނޑޭގެ ފުޓްބޯޅައިގެ ފުރަތަމަ ކާމިޔާބުގައި އޭނާގެ ކެޕްޓަނަކީ، ބަލަކެވެ. ގައުމީ ޓީމުގައި ދަގަނޑޭގެ މެނޭޖަރުކަންވެސް ބަލަކު ކުރެއްވި އެވެ. އެއީ ގައުމީ ކެޕްޓަންގެ ގޮތުގައި ދަގަނޑޭގެވެސް ކުރީކޮޅުގެ އަހަރުތަކުގަ އެވެ. ގައުމީ ޓީމުގެ މެނޭޖަރު ކަމުން، ދުރައް ޖެހިލުމަށް ފަހު ދުވަސް ކޮޅަކަށް ފުޓްބޯޅައާ ދުރައް ބަލަކު ޖެހިވަޑައިގެންނެވި ނަމަވެސް އޭނާގެ ހިތް ފުޓްބޯޅަ އާ ދުރު ނުވާކަން އެނގެނީ 2012 ވަނަ އަހަރު ނިއު ރޭޑިއަންޓްގެ ޗެއާމަންކަމަށް ވަޑައިގެންނެވުމުންނެވެ.

އޭރު ދަގަނޑޭ ކުޅެމުން ދިޔައީ، ވީބީ ސުޕޯޓްސް ކުލަބަށެވެ. އެ ޓީމުގައި އޭނާ ހުއްޓައި ބޮޑު އަގެއް ހުށަހަޅައި، ދަގަނޑޭ އަލުން ނިއު ރޭޑިއަންޓަށް ގެނައީ ބަލަކެވެ. އެ ޓްރާންސުފާގެ އަގު ރަސްމީކޮށް ހާމަ ނުކުރިނަމަވެސް އެއީ ކުޅުންތެރިޔަކުގެ ސޮއި ހޯދުމަށް، ދިވެހި ދެ ކުލަބެއްގެ ދެމެދުގައި ހެދުނު އެންމެ އަގު ބޮޑު ޓްރާންސްފާގެ ޑީލް އެވެ. އަނެއްކާވެސް ދަގަނޑޭ ގޮވައިގެން ލީޑް ކުރައްވަން ބަލަކު ނިކުންނެވި އެވެ. މިފަހަރު ދަގަނޑޭގެ ޗެއާމަންއަކީ ބަލަކެވެ.

ފޮޓޯގައި، ދަގަނޑޭ އާއި ބަލަކަށް އިނާމު ދެއްވުމަށް އެ ހުންނެވީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހީދެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އޭރުގެ މިނިސްޓަރެވެ. ކުޅިވަރު ގައި ޝާހީދު މަސްއޫލުވެ ނޫޅުއްވި ނަމަވެސް އޭނާއަކީ، ރައީސް މައުމޫންގެ އަރިހުގައި ކިރިކެޓް ކުޅުއްވި ބޭފުޅެކެވެ. މަޖީދިއްޔާ ސުކޫލަށް 75 އަހަރު ފުރިގެން ބޭއްވި ހާއްސަ ފުޓްބޯޅަ މެޗުގައި ޝާހިދު ގަލޮޅު ދަނޑަށް ވަޑައިގެންނެވި އެވެ. ސިޔާސީ ދާއިރާގައި އެބަ އުޅުއްވަ އެވެ.

ޝާހިދު އާއި ބަލަކުގެ ގުޅުން، މިއޮތީ މާ ކުރިން ގުޅިފަ އެވެ. ސިޔާސީ ދާއިރާއަށް ވަޑައިގެންނެވީ ވެސް ޝާހީދު ވެސް އެ ޕާޓީގައި ހިމެނުނު ޕާޓީންނެވެ. އޭރުގެ ޑީއާރްޕީގެ ސްޕޯކްޕާސަންގެ މަގާމު އަލީ ވަހީދު އަދާ ކުރެއްވިއިރު، ޝާހީދަކީ އެ ޕާޓީގެ އެލީޓް މެންބަރެކެވެ. އޭގެ ފަހުން އޮތް މަލްޓި ޕާޓީ ނިޒާމުގެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދެ ބޭފުޅުންވެސް ނިކުމެވަޑައިގެންނެވީ، ޑީއާރްޕީގެ ޓިކެޓްގަ އެވެ. ބަލަކު އަކީ ތޮއްޑޫ ދާއިރާގެ މެންބަރެވެ. ޝާހިދުއަކީ ކެޔޮދޫ ދާއިރާގެ މެންބަރެވެ.


ރާއްޔިތުންގެ މަޖިލީހުގައި އެކުގައި މަސައްކަތް ކުރެއްވި އެވެ. ޑީއާރްޕީގެ ޕާލިމެންޓް ގުރޫޕުގައި ދެ ބޭފުޅުންވެސް ވަރަށް އިސްކޮށް އުޅުއްވި އެވެ. ޑީއާރްޕީ ރޫޅި ފަޅައިގެންދާން ކައިރިވެފައި ވަނިކޮށް، 2011 ވަނަ އަހަރު އަލީ ވަހީދު އެމްޑީޕީއަށް ބަދަލު ވި އެވެ. ދެހާސް ތޭރައިގެ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް ޝާހިދުވެސް އެމްޑީޕީއަށް ބަދަލުވި އެވެ. އެމްޑީޕީގެ ޕާލިމެންޓް ގުރޫޕުގައި ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރެއްވި އެވެ.

ޑީއާރްޕީއަށް ބަލަކު ވަޑައިގެންނެވިއިރު، ޝާހީދު ހުންނެވީ އެ ޕާޓީގެ އެލީޓް މެންބަރެއްގެ ގޮތުގަ އެވެ. އެމްޑީޕީއަށް ޝާހިދު ވަޑައިގެންނެވިއިރު، ބަލަކު ހުންނެވީ އެމްޑީޕީގެ އެލީޓް މެންބަރެއްގެ ގޮތުގަ އެވެ. އެ ޕާޓީގެ ޗެއާ ޕާސަންގެ މަގާމު ފުރުއްވަމުން ގެންދެވީ ބަލަކެވެ. އުސޫލެއްގެ ގޮތުން ޝާހީދުވެސް މަސައްކަތް ކުރައްވަން ޖެހުނީ ބަލަކުގެ ދަށުންނެވެ. ހާލަތު ބަދަލުވެ ފުރޮޅިގެންދާ މިންވަރު މި ވާހަކަތަކުން އެނގިގެންދެ އެވެ.

ދަގަނޑޭގެ ޓްވީޓްގައި ހިމަނާފައިވާ ފޮޓޯތަކުގެ ކުަލަ އެންމެ ސާފު ނުވިޔަސް، އެ ފޮޓޯތަކުގައިވާ ތިން ޝަހުސިއްޔަތުގެ ކެރިއާގެ ކުލަ ކިތަންމެހާވެސް ގަދަ އެވެ. ދަގަނޑޭ އަކީ ރާއްޖޭގެ ފުޓްބޯޅަ ދަނޑުގައި، އެންމެ އަލިގަދަ ޝަހުއްސިއްޔަތެވެ. ސިޔާސީ ދަނޑުގައި ބަލަކު އާއި ޝާހިދު އަކީ އަލިގަދަ ދެ ޝަހުސިއްޔަތުންނެވެ. މިހާރުވެސް ސިޔާސީ ދާއިރާގައި ވަރަށް ހަރަކާތްތެރިކޮށް ދެ ބޭފުޅުންވެސް އެބަ އުޅުއްވަ އެވެ. ސިޔާސީ ދާއިރާގައި ނެތީ ދަގަނޑޭ އެވެ.

އެހެންނަމަވެސް، އޭނާވެސް ސިޔާސީ ދާއިރާއަށް ނުނިކުންނަވާނެ ކަމަށް ބުނެވޭކަށް ނެތެވެ. ރައްޔިތުންގެ މަޖިލީހަށް އޭނާވެސް ވާދަ ކުރައްވަން އުޅުވާ ކަމުގެ އަޑުތައް މި ދޭތެރެއަކުން ގަދަވެގެން ދިޔަ އެވެ. މޮޅަށް ކުޅިވަރު ކުޅުއްވި ތަރިން، ސިޔާސީ ދާއިރާއަށް ނިކުތުމަކީ ދުނިޔޭގައި ހިނގަމުންދާ އަދި އާންމުންވެސް ބަލައިގަންނަ ކަމެކެވެ. އޭގެ ހެކި، ލައިބިރިއާ އާއި ޕާކިސްތާނުން މިހާރު އެދަނީ ފެންނަނަމުންނެވެ. ލައިބީރިގައި، އެގައުމުގެ ކުރީގެ ކެޕްޓަން ޖޯޖު ވިއާ އެވެ. ޕާކިސްތާންގެ ކުރީގެ ކެޕްޓަން އިމްރާން ހާން އެވެ.