ދުނިޔެ

ސިރިސޭނައަށް ގޮތްހުސްވެ ލަންކާގެ ޕާލިމަންޓް އުވާލައިފި

Nov 9, 2018
3

ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ނުލިބޭނެކަން ޔަގީންވުމާ އެކު ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވައިފި އެވެ.

ސިރިސޭނަގެ އަރިސްބޭފުޅުން މީޑިއާތަކަށް ވިދާޅުވި ގޮތުގައި އެކަމާ ގުޅޭ ގަރާރުގައި ރައީސް ސިރިސޭނަ ސޮއިކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ. އަދި އެ ގަރާރު މިރޭގެ ވަގުތެއްގައި ގެޒެޓްގައި ޝާއިއުކުރާނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު އެ ގައުމުގެ ބޮޑު ވަޒީރު ކަމުން ރަނިލް ކުއްލި ގޮތަކަށް ވަކިކުރެއްވުމަށް ފަހު، ރައީސް ސިރިސޭނަ އެންމެ ފުރަތަމަ ވެސް ޕާލިމަންޓް ސަސްޕެންޑްކުރެއްވި އެވެ. އަދި ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ އެމަނިކުފާނުގެ ސިޔާސީ ވާދަވެރިޔާ އަދި އިންތިހާބުގައި އެމަނިކުފާނާ ވާދަކޮށް ނާކާމިޔާބުވި، ކުރީގެ ބޮޑު ވަޒީރު ރާޖަޕަކްސަ އެވެ.

އެހެން ނަމަވެސް، ފަހުން ސިރިސޭނަ ވަނީ މި މަހުގެ 14 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން އަންގަވައިފަ އެވެ.

ރަނިލް ގެންދަވަނީ އޭނާއަށް މަޖިލީހުގައި ފުރިހަމަ އަގުލަބިއްޔަތު އޮތް ކަމަށް ވިދާޅުވެ ބޮޑު ވަޒީރު ކަމުން އޭނާ ވަކި ނުކުރެވޭނެ ކަމަށާއި ބޮޑު ވަޒީރަކީ އަދިވެސް އޭނާ ކަމަށް ވިދާޅުވަމުން އެވެ. ބޮޑުވަޒީރުގެ ރަސްމީގެކޮޅު ޓެމްޕުލް ޓްރީޒްއިން ނުކުތުމަށް އޭނާ ގެންދަވަނީ ދެކޮޅު ހައްދަވަމުން އެވެ. އެއާ އެކު ލަންކާ ވަނީ ސިޔާސީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފަ އެވެ. ރަނިލް ވަނީ އޭނާގެ އަގުލަބިއްޔަތު މަޖިލީހުގައި އޮތްކަން ދެއްކުމުގެ ގޮތުން މަޖިލީހުގައި ވޯޓެއް ނެގުމުގެ ފުރުސަތު ދިނުމަށް ތަކުރާރުކޮށް މަސައްކަތް ކުރައްވައިފަ އެވެ.

ސިރިސޭނަގެ ވެރިކަން ކުރާ ކޯލިޝަންގައި މީގެ ކުރިން އޮތް ރަނިލް ނިސްބަތްވާ ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ، ޔޫއެންޕީ އިން ބުނެފައި ވަނީ ރައީސް ސިރިސޭނަ ޕާލަމަންޓް އުވާލުމަށް ނިންމެވި ނިންމެވުން ގަބޫލު ނުކުރާ ކަމަށާއި އެ ނިންމުމާ ދެކޮޅު ކަމަށެވެ. އަދި ބޮޑުވަޒީރުކަމުގައި ހުންނަވާ ބޭފުޅަކު ވަކިކުރުމުގެ ބާރަކީ، ރައީސްއަށް އޮންނަ ބާރެއް ނޫން ކަމަށް ބުނެ އެ ޕާޓީއިން ގެންދަނީ ސިރިސޭނައާ ދެކޮޅަށް އަޑުއުފުލަމުން އެވެ.

ސިރިސޭނަގެ ގާތްބޭފުޅުން މީޑިއާތަކަށް ވިދާޅުވި ގޮތުގައި، ޕާލިމަންޓް އުވާލުމުގައި ސިރިސޭނަ އަމަލުކުރެއްވީ ގާނޫނީ އިމުގެ ތެރެއިން އެވެ. އަދި ސިރިސޭނަ އެ ނިންމުން ނިންމެވުމުގެ ބޭނުމަކީ މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ވީހާ ވެސް އަވަހަކަށް ހައްލު ކުރަން ރައްޔިތުންގެ އަވަސް ވޯޓަކަށް ދިޔުމަށް މަގުފަހި ކުރުމެވެ. އެގޮތުން ޕާލިމަންޓް އުވާލުމާ އެކު ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި އޮންނާނެ އެވެ. އަދި 14 ދުވަހުގެ ތެރޭގައި އާ އިންތިހާބެއް ބޭއްވުމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަން ޖެހޭނެ އެވެ. ސިރިސޭނައަށް ތާއީދު ކުރާ ފަރާތްތަކުން ބުނަނީ، އާ އިންތިހާބެއް ބޭއްވުމުން މިހާރު ޖެހިގެން އުޅޭ މައްސަލައިގައި ސީދާ ރައްޔިތުންގެ ވިސްނުން ވޯޓުން ސާފުވާނެ ކަމަށެވެ.