ނަރުދަމާ ޕަމްޕުތައް ހަލާކުވެގެން މ މުލީގެ މަގުތަކަށް ގިނަ އަދަދަކަށް ނަޖިސްފެން ބޭރުވަމުންދާތީ އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
މުލީގެ ބައެއް މަގުތަކުގައި ވާރޭވެހިގެން ފެންބޮޑުވާ ގޮތަށް ޖަގިސްފެންގަނޑު ބޮޑުވެފައި އޮތް އިރު އެކަމާ ގުޅިގެން އާންމުން ދަނީ ޝަކުވާއާއި ނުރުހުން ފާޅުކުރަމުންނެވެ. މުލީ ރައްޔިތުން ބުނާ ގޮތުން އެކި ދުވަސްވަރަށް ރަށުތެރޭގައި ބޮޑުވާ ނަޖިސްފެނާއެކު ރައްޔިތުން ދިރިއުޅޭތާ މިހާރު ފަސް ވަރަކަށް އަހަރު ވަނީ އެވެ. ނަމަވެސް އަދިވެސް އެ މައްސަލައަށް އެއްވެސް ވަރެއްގެ ހައްލެއް ގެނެވިފައެއް ނުވެ އެވެ
"އަވަސް" އަށް މައުލޫމާތުދެއްވަމުން މުލީ ކައުންސިލްގެ ރައީސް އިބްރާހިމް ޒަކީ ވިދާޅުވީ، ރަށުގެ މައު މަގުތަކުގައި، ގޭގޭގެ ދޮރުމަތީގައި ނަޖިސް ފެންގަނޑު ހެދިފައި އޮންނާތީ ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެ މައްސަލަ ދިމާވަމުންދާތީ ފެނަކަ އާއި ކަމާބެހޭ ތަންތަނަށް މައްސަލަ އެކި ފަހަރުމަތިން ހުށަހެޅި ކަމަށާއި ނަމަވެސް ދާއިމީ ހައްލެއް އެއްވެސް ފަރާތަކުން މިހާތަނަށް ފޯރުކޮށް ނުދޭ ކަމަށެވެ.
"ކޮންމެ ދެތިން ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ނަޖިސް ލީކުވޭ ފެނާ އެކު. މާބޮދަށް ފެން ބޮޑުވާ ކޮންމެ ފަހަރެއްގައި ފެނަކައިގެ މުވައްޒަފުން އެ ފެން ކަހަނީ މެނުއަލްކޮށް ޕަމްޕް ބޭނުންކޮށްގެން. އެކަމަކު މިހާރު ހެދިފައި އޮތް ފެންގަނޑުތައް އެގޮތަށް ވެސް ހިންދާނުލެވިފަ އަދި އޮތީ،" ޒަކީ ވިދާޅުވި އެވެ.
ފާހާނާ ނަޖިސް ގިނަ އަދަދަކަށް ރަށުތެރެއަށް ފެތުރޭތީ ބަލިމަޑުކަމެއް ރަށަށް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާބާދީގައި ހާހެއްހައި މީހުން ދިރިއުޅޭ މުލީގައި ނަރުދަމާ އެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.