މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުކުރެވޭތީ، ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް މަގާމުން ދުރުވެ، ޖަވާބުދާރީވުމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ގޮވާލައްވައިފި އެވެ.
މިއަހަރުގެ މެދުތެރޭގައި ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގެ ތެރެއިން ފޮރިން މިނިސްޓްރީގެ އިސްވެރިއަކު އެތަނުގެ އަންހެން މުވައްޒަފަަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ވަނީ ސޯޝަލް މީޑިއާގައި ފެންމަތިވެފަ އެވެ. އެ މައްސަލާގައި ހާރިޖީ ދާއިރާގެ ބައެއް ފަރާތްތަކާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ އެކަން ތަހުގީގު ކުރުމަށް ގޮވާލާ ބާރު އަޅައިފަ އެވެ. އަދި ރާއްޖެއިން ލަންކާއަށް ކަނދައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ޝަރީފް (މުންދު) ވެސް ވަނީ އިއްޔެ ގޮވާލައްވާފަ އެވެ.
މުންދުގެ އެ ގޮވާލެއްވުމަށް ތާއީދުކޮށް، ސަފީރު އަހުމަދު މުހައްމަދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަގާމުން އިސްތިއުފާ ނުދެއްވާނަމަ، މިނިސްޓަރު އާސިމް މަސައްކަތުން އެއްފަރާތްވާންޖޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުރެވޭ ތުހުމަތުތަކަށް މިނިސްޓަރު ޖަވާބުދާރީވާންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އިއްޔެ "އަވަސް" އާ ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ހާރިޖީ ދާއިރާއަކީ ވަރަށް ގަދަރު ހުރި އިދާރާއެއް ކަމަށާއި އަދި ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ވެސް ވަކާލާތު ކުރާ ތަނެއް ކަމަށެވެ. އަދި އެތަނުގެ އެންމެ އިސްކޮށް ހުރި ފަރާތަށް އެފަދަ ތުހުމަތެއް ކުރުމަކީ މުޅި މިނިސްޓްރީގެ އަގު ވެއްޓިގެންދާ ކަމެއް ކަމަށް މުންދު ވިދާޅުވި އެވެ.
ނަމަވެސް ކަންތައް ހިނގީ އެއަށް ވުރެ ގޯސްކޮށް ކަމަށާއި ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފައި ވަނީ ވަކި ބޭފުޅެއްގެ ނަން ނުބުނެ ހުރިހާ އިސްވެރިން ޝާމިލުވާ ގޮތަށް ކަމަށް މުންދު ވިދާޅުވި އެވެ. އަދި އެ މައްސަލާގައި މިދިޔަ ދެ ދުވަސް ތެރޭގައި ހާރިޖީ ދާއިރާގެ އިސް ފަރާތްތަށް މިނިސްޓަރާ ސުވާލު ކުރި ކަމަށާއި ނަމަވެސް އެމަނިކުފާނު އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށް މުންދު ވިދާޅުވި އެވެ. އެހެންވެ އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނު އިސްތިއުފާ ދިނުން ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
މިނިސްޓަރު އާސިމް މަގާމުން އިސްތިއުފާދިނުމަށް އެކުގައި މަސައްކަތްކުރެއްވި ބައެއް ފަރާތްތަކުން ވެސް ގޮވާލަމުން އަންނަ އިރު ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ވަނީ އެކަން ކުއްވެރިކޮށް، މައްސަލަ ބަލައި ވީހާވެސް އަވަހަށް ފިޔަވަޅު އަޅަން ގޮވާލައްވާފަ އެވެ.
މި މައްސަލާއާ ގުޅިގެން މިނިސްޓަރު އާސިމަށް ގުޅަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފަ އެވެ.