ހަބަރު

ރައީސް ޔާމީން އާރަށުގައި ހެއްދެވި ގެކޮޅުގެ ފޮޓޯ އާންމުކޮށްލައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޗުއްޓީ ހޭދަ ކުރައްވާ، އާރަށުގައި އެމަނިކުފާނު ދިރިއުޅުއްވަން ހެއްދެވި ގެކޮޅުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށްފި އެވެ.

އެ ގެކޮޅުގެ ފޮޓޯތައް އާންމުކޮށްލާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ. ފޮޓޯތައް އާންމުކުރުމަށްފަހު އޭނާ ވިދާޅުވީ އެ ގެކޮޅަކީ ގަދަބާރުން މުޅި އުމުރު ވެރިކަމުގައި ހުންނެވޭނެ ކަމަަށް ޔަގީންކޮށް ރައީސް ޔާމީން އަޅުއްވާފައިވާ "ގަނޑުވަރެއް" ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ގެކޮޅުގެ މަސައްކަތް ކޮށްފައިވަނީ ސިފައިންނެވެ. ފޮޓޯތަކުން ފެންނަ ގޮތުން އެއީ ތިން ބުރީގެ އިމާރާތެކެވެ. ޓެރެސްއެއް ވެސް ހިމެނޭ އެ އިމާރާތް ފަރުމާކޮށްފައިވަނީ ޝާހީ ފަރުމާއަކަށެވެ.

މި ގެކޮޅާ ބެހޭ މައުލޫމާތެއް މީގެކުރިން ވެސް އަދި ފޮޓޯތައް އާންމުކުރުމުން ވެސް ރަސްމީ ފަރާތަކުން ދީފައެއް ނުވެ އެވެ.

ރައީސް ޔާމީން ހަފުތާ ބަންދާއި ޗުއްޓީ ދުވަސްތައް ހޭދަ ކުރައްވަނީ އާ ރަށުގަ އެވެ. އަދި ބައެއް މުނާސަބަތުތައް ވެސް އާ ރަށުގައި ރައްޓެހިންނާއި ސަރުކާރުގެ އިސް ބޭފުޅުންނާއެކު ފާހަގަ ކުރައްވަ އެވެ. ސަރުކާރުގެ ބައެއް މުހިންމު ނިންމުންތައް ވެސް އާރަށުގައި ނިންމާ ކަމަށްވެ އެވެ.

ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން އާންމުކޮށް ރައީސް ޔާމީންއާއެކު އާރަށަށް ވަޑައިގަންނަވަ އެވެ.

ރައީސް ޔާމީން މިހާރު އާއިލާއެކު ދިރިއުޅުއްވަނީ ހިލާލީގޭގަ އެވެ. މީގެކުރިން އަމިއްލަފުޅު ގެކޮޅު، ދޫވެހީގައި ދިރިއުޅުއްވި ނަމަވެސް އެ ގެކޮޅު ރައީސް ޔާމީން ވަނީ ދޫކޮށްލައްވާފަ އެވެ. އާޓިފިޝަލް ބީޗް ކުރިމަތިން ރައީސް ޔާމީން ބައްލަވައިގަތް ބިމެއްގައި ބުރިބުރިއަށް ގެކޮޅެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ބާރު ސްޕީޑްގައި ދަނީ ކުރަމުންނެވެ.