ހަބަރު

މޫސާ ސިރާޖު ފޮނަދޫ ދާއިރާއަށް ކުރިމަތިލާން ނިންމައިފި

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ގާނޫނީ ވަކީލް މޫސާ ސިރާޖު ނިންމަވައިފި އެވެ.

ވަކީލް މޫސާ ސިރާޖު ނިންމެވީ ފޮނަދޫ ދާއިރާއަށް ކުރިމަތިލައްވާށެވެ. އޭނާ ވަނީ އެ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން މިއަދު އިއުލާން ކުރައްވާފަ އެވެ.

މޫސާ ސިރާޖު ވިދާޅުވި ގޮތުގައި އޭނާ މަޖިލީހަށް ކުރިމަތިލާން ނިންމީ ފަނޑިޔާރުގެ ހަމަ މަގަށް އަޅުވައި ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރާ މަޖިލީހެއް އޮތުމުގެ މުހިންމުކަން އިންތިހާއަށް ބޮޑުވެފައިވާތީ އެވެ.

މިހާރު ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރައްވަނީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ އެވެ. އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ފޮނަދޫގައި ބެހެއްޓި ތިން ވޯޓު ފޮށީގެ ތެރެއިން ދެ ފޮށިން މެޖޯރިޓީ ހޯދާފައިވަނީ އެމްޑީޕީ އެވެ.

މޫސާ ސިރާޖު ގެންދަވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލުކަން ކުރައްވަމުންނެވެ. އޭގެ އިތުރުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ ވަކީލްކަން ވެސް ސިރާޖު ކުރައްވަ އެވެ. ސިރާޖަކީ އެމްޑީޕީގެ ގާނޫނީ މަސައްކަތުގައި ވެސް އިސްކޮށް އުޅުއްވާ ވަކީލެކެވެ.

ރިޔާސީ އިންތިހާބު ގާތްވެފައިވަނިކޮށް ގއ. ކޮލަމާފުށިން ހައްޔަރުކުރި 18 މީހުންގެ ދިފާއުގައި އެ ރަށަށް ދިޔަ ވަކީލުންގެ ވަރުގަދަ ޓީމުގައި ވެސް ސިރާޖު ހިމެނެ އެވެ.