ދުނިޔެ

ޕާލިމަންޓް އުވާލީ ހަމަނުޖެހުން ހިންގުމަށް ޖާގަ ނުދޭން: ސިރިސޭނާ

Nov 12, 2018

ކޮލޮމްބޯ (ނޮވެމްބަރު 11) - ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީސް އުވާލައި އާ އިންތިހާބަކަށް ހުޅުވާލީ، މަޖިލީސް ތެރޭގައި ހަމަނުޖެހުން ހިންގާ، މުޅި ގައުމަށް އެފަދަ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓެން ޖާގަ ނުދިނުމަށްކަމަށް، އެ ގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު އެ ގައުމުގެ ބޮޑު ވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ކުއްލި ގޮތަކަށް ވަކިކުރެއްވުމަށް ފަހު، ރައީސް ސިރިސޭނަ އެންމެ ފުރަތަމަ ވެސް ޕާލިމަންޓް ސަސްޕެންޑްކުރެއްވި އެވެ. އަދި ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ އެމަނިކުފާނުގެ ސިޔާސީ ވާދަވެރިޔާ އަދި އިންތިހާބުގައި އެމަނިކުފާނާ ވާދަކޮށް ނާކާމިޔާބުވި، ކުރީގެ ބޮޑު ވަޒީރު ރާޖަޕަކްސަ އެވެ.

އެހެން ނަމަވެސް، ފަހުން ސިރިސޭނަ ވަނީ މި މަހުގެ 14 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން އަންގަވައިފަ އެވެ.

ރަނިލް ގެންދަވަނީ އޭނާއަށް މަޖިލީހުގައި ފުރިހަމަ އަގުލަބިއްޔަތު އޮތް ކަމަށް ވިދާޅުވެ ބޮޑު ވަޒީރު ކަމުން އޭނާ ވަކި ނުކުރެވޭނެ ކަމަށާއި ބޮޑު ވަޒީރަކީ އަދިވެސް އޭނާ ކަމަށް ވިދާޅުވަމުންނެވެ.

ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ނުލިބޭނެކަން ޔަގީންވުމާ އެކު ސިރިސޭނާ ވަނީ ހުކުރު ދުވަހު ޕާލިމަންޓް އުވާލައްވައި، އާ އިންތިހާބެއް ބޭއްވުމަށް ނިންމަވާފަ އެވެ.

އެ ނިންމެވުމާއި ގުޅިގެން، އިއްޔެ ޓީވީ މެދުވެރިކޮށް ގައުމާއި މުހާތަބު ކުރައްވަމުން ސިރިސޭނާ ވިދާޅުވީ، މަޖިލީސް ބާއްވައި، ވޯޓަކަށް ގޮސްފިނަމަ، މަޖިލީސް ތެރޭގައި ހަމަނުޖެހުން ހިންގާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވުނީ، މަޖިލީސް އުވާނުލައި، މިމަހުގެ 14 ވަނަ ދުވަހު މަޖިލީސް ބާއްވައިފިނަމަ، މި ގައުމުގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން ހިނގާ، ލޮބުވެތި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް،" ސިރިސޭނާ ވިދާޅުވި އެވެ.

އަދި ހަމަނުޖެހުން ހިންގުމަށް ޖާގަ ނުދީ، ރައްޔިތުންގެ ވޯޓަކުން އަލުން މެމްބަރުން މަޖިލީހަށް އިންތިހާބު ކުރަން ފުރުސަތު ދިނުމަކީ ރައީސްގެ ގާނޫނީ ޒިންމާއެއް ކަމަށް ގަބޫލު ކުރައްވާކަމަށް ވެސް ސިރިސޭނާ ވިދާޅުވި އެވެ.

ސިރިސޭނަގެ ވެރިކަން ކުރާ ކޯލިޝަންގައި މީގެ ކުރިން އޮތް ރަނިލް ނިސްބަތްވާ ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ، ޔޫއެންޕީ އިން ބުނެފައި ވަނީ ރައީސް ސިރިސޭނަ ޕާލަމަންޓް އުވާލުމަށް ނިންމެވި ނިންމެވުން ގަބޫލު ނުކުރާ ކަމަށާއި އެ ނިންމުމާ ދެކޮޅު ކަމަށެވެ. އަދި ބޮޑުވަޒީރުކަމުގައި ހުންނަވާ ބޭފުޅަކު ވަކިކުރުމުގެ ބާރަކީ، ރައީސްއަށް އޮންނަ ބާރެއް ނޫން ކަމަށް ބުނެ އެ ޕާޓީއިން ގެންދަނީ ސިރިސޭނައާ ދެކޮޅަށް އަޑުއުފުލަމުން އެވެ.

ސިރިސޭނަގެ ގާތްބޭފުޅުން މީޑިއާތަކަށް ވިދާޅުވި ގޮތުގައި، ޕާލިމަންޓް އުވާލުމުގައި ސިރިސޭނަ އަމަލުކުރެއްވީ ގާނޫނީ އިމުގެ ތެރެއިން އެވެ.