ހަބަރު

ޖުމްހޫރީ 50 ޖަލްސާއިން ސަރުކާރުގެ ވެރިން ނުފެނުމުން މައުމޫން ކަންބޮޑުވެއްޖެ

ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި އެމަނިކުފާނުގެ ކެބިނެޓަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް މިނިސްޓަރަކު ހާޒިރުވެ ނެތުމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ ހާއްސަ މުނާސަބާ ފާހަގަކުރަން ރޭ އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާ ކުރިއަށްދިޔައީ ސަރުކާރުގެ އިސް ލެވެލްގެ އެއްވެސް ބޭފުޅެއް ނެތި ވަރަށް "ވަނދު" ކޮށެވެ. އެ ޖަލްސާގައި އެއްވެސް ހާއްސަ ކަމެއް ނެތެވެ. އެންމެ ކުޑަމިނުން ރައީސް ގެ ފަރާތުން ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއެއްހާ މިންވަރު ވެސް ފޮނުވާލާފައެއް ނުވެ އެވެ.

ގައުމީ ބޮޑު ދެ މުނާސަބާ އެއްފަހަރާ ބައްދަލުކޮށް، ޖުމްހޫރިއްޔަތަށް ފަންސާސް ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ކަލްސާގައި ރައީސް އާއި ވަޒީރުންގެ ބައިވެރިވުން ނެތުމުން ކަނބޮޑުވުން ފާޅުކުރައްވައި، ދިގު 30 އަހަރުގެ ރައީސް، ރައީސް މައުމޫން ވިދާޅުވީ، ރޭގައި ފެނުނު މަންޒަރުން ހިތާމަކުރައްވާ ކަމަށެވެ. ރައީސް ވަޑައިނުގެންނެވި ތަނުގައި އެމަނިކުފާނުގެ ވަޒީރަކުވެސް އެ ޖަލްސާއަށް ވަޑައިނުގެންނެވި އިރު، ގައުމީ އުސޫލުތަކަށް ގަދަރުކުރަންޖެހޭ މިންވަރަކީ އެއީ ތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

"ރައީސް ޔާމީން ނެތްތަނުގައި އެންމެ ކެބިނެޓް މިނިސްޓަރެއް ވެސް ނެތް. މިއީތޯ އަހަރެމެންގެ ގައުމީ އުސޫލުތައް ދިރުވަންޖެހޭ ގޮތަކީ،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރޭގެ ޖުމްހޫރީ 50 ޖަލްސާގައި ސަރުކާރުވެ ވެރިން ބައިވެރިވެވަޑައިގެންފައިނުވާއިރު، މި ތާރީހީ މި ދުވަހު ރައީސް ޔާމީން ގައުމާ މުހާތަބު ކުރައްވާފައެއް ވެސް ނުވެ އެވެ. އަދި ރައީސް އޮފީހުން ބަޔާނެއް ވެސް ނުނެރެ އެވެ. ރައީސް ޔާމީން ތަހުނިޔާ ނުވެސް ފޮނުވަ އެވެ. ރައީސް ޔާމީން ފިޔަވައި އެހެން ހުރިހާ ރައީސުން ވަނީ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުވާފަ އެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވަނީ ތަހުނިއްޔާ ފޮނުވަން ރަސްމީ ބަޔާނެއް ވެސް އާންމު ކުރައްވާފަ އެވެ.