އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރުގެ ތަހުގީގުތަކާ ކުރިމަތިނުލައި ބޭސްފަރުވާއަށް ބޭރަށް ފުރަން ބޭނުންނުވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، އަދީބަށް އަޅާ ވޭން މިހާރުވެސް ފެންނަނީ އޭނާ އަށް ކަމަށާއި، ރާއްޖެއިންވެސް އެކަށީގެންވާ ފަރުވާ ނުދީ އިންސާފު ނުލިބި އަދީބަށް ޓޯޗާ ކުރަމުން އަންނަތާ ތިން އަހަރު ވެފައިވާ ކަމަށެވެ. އެކަމާ ޒިންމާވާނެ މުއައްސަސާއެއް، އިދާރާއެއް ނެތް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ނަޝްވާ އިތުރަށް ވިދާޅުވީ، ހުރިހާ ތަނަކުންވެސް އަދީބަށް ދަނީ ބޭއިންސާފުންކަން ކުރަމުން ކަމަށާއި، އެހެން ނަމަވެސް އަދީބު ވަނީ "މަރުވިޔަސް ރައީސް ސޯލިހުގެ ސަރުކާރުން ހިންގާ ތަހުގީގުތަކަށް ކުރިމަތި ނުލާ ބޭސްފަރުވާއަށް ނުފުރާނެ ކަމަށް" ވިދާޅުވެފަ ކަމަށެވެ. އަދި އަދީބުއާ ގުޅުވައިގެން ދައްކާ ސާބިތު ނުހިފޭ ދޮގު ވާހަކަތަކަށް އިންސާފުވެރި ތަހުގީގަކުން ސާފުވާނެ ކަމަށްވެސް ނަޝްވާ ވަނީ ވިދާޅުވެފަ އެވެ.
އަދީބަށް ތަފާތު ސިއްހީ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން އަދީބުގެ އެތެރެ ހަށީގައި ސިސްޓު އަދި ހިލަަތަކެއް އުފެދި ސިއްހީ ހާލު މާ ބޮޑަށް ގޯސްވެފައިވާ ކަމަށް އޭނާގެ ސީޓީ ސްކޭނުން ދައްކާ ކަމަަށް އަދީބުގެ ވަކީލުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މީގެ އިތުރުން އަދީބުގެ ލޮލުގެ ހާލަތު ގޯސްވެފައިވަނީ ލޮލުގެ ނުރައްކާތެރި މައްސަލައެއް ކަމަށްވާ ގޮލޮކޮމާ ޖެހިފައިވާތީ އެވެ. އެކަން އައިޖީއެމްއެޗްގެ ޑޮކްޓަރުން އަދީބަށް އެންގިތާ މިހާރު އެތައް މަހެއް ވަނީ ވެފަ އެވެ. ލޮލުގެ ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. މިހާރުވެސް އަދީބު އޮންނެވީ ކިޑްނީއަށް ތަދުވާތީ އައިޖީއެމް ހޮސްޕިޓަލުގައި އެދުމަތި ކުރެވިފައެވެ.