ހަބަރު

މޫނު ނިވާކޮށްގެން ތިބެ ވަނުމުން ފޯނު ދޭކަށް ނުޖެހޭ: އަލީ ހަމީދު

ރަސްމީ ހައިސިއްޔަތުން މަސައްކަތް ކުރައްވަން ތިއްބަވަނިކޮށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ސުޕްރީމް ކޯޓްގެ ދޮރު ވައްޓާލާފައި އެތެރެއަށްވަދެ ހައްޔަރު ކުރުމުން އެފަރާތްތަކަށް ފޯން ދޭން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހައި ކޯޓްގައި އޮތް މިއަދުގެ ޝަރީއަތުގައި ވިދާޅުވެއްޖެ އެވެ.

އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ އަލީ ހަމީދުގެ މައްޗަށް ކުރިމިނަލް ކޯޓުން ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެ ދައުވާ އުފުލާފައިވަނީ ތަހުގީގަށް ފޯނު ނުދިން މައްސަލައިގަ އެވެ. މި މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށްވެސް އެހުކުމް އިއްވާފައި ވެއެވެ. އެމައްސަލާގައި ރައީސް މައުމޫންގެ މައްޗަށް އިއްވި ހުކުމް ވަނީ ހައި ކޯޓުން ބާތިލްކޮށްފަ އެވެ.

މިއަދު އޮތީ އަލީ ހަމީދުގެ ފަރާތުން އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފް ކުރުމުގެ ޝަރީއަތެވެ. އެމައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާފައިވާއިރު، އަލީ ހަމީދުގެ ފަރާތުން ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް ނުވަ ނުކުތާއެއް ހުށަހަޅާފައި ވެއެވެ.

ނުކުތާތައް ފާހަގަ ކުރައްވަމުން އަލީ ހަމީދުގެ ގާނޫނީ ވަކީލު ސަފާ ޝަރީފް ވިދާޅުވީ، މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ޣައިރު ގާނޫނީ ބަންދެއްގައި ބަހައްޓައިގެން އިޖްރާއަތްތަކާއި ހިލާފަށް ތަހްގީގްކޮށްގެން ކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އިމްތިޔާޒްތަކާއި ހިލާފަށް ކަމަށްވެސް ސަފާ ވިދާޅުވި އެވެ.

ސަފާ ވިދާޅުވީ، މި މައްސަލާގައި އަލީ ހަމީދާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިވެރީންގެ ހެކިބަސް ނަގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި މައްސަލަ ނިންމާފައިވަނީ އެހެކިވެރީންގެ ހެކިބަހަށް ބިނާކޮަށް ކަމަށެވެ. އަދި މި މައްސަލާގެ ދައުވާ ފޯމް ކޯޓުން ބަލައިގަނެފައިވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް ސަފާ ވިދާޅުވި އެވެ.

މައްސަލާގައި އަލީ ހަމީދަށް އެކަށީގެންވާ ވަސީލަތްތަކާއި ފުރުސަތު ދީފައިނުވާ ކަމަށެވެ. އެގޮތުން އަލީ ހަމީދުގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމަށް ފުރުސަތު ދީފައިނުވާ ކަމަށްވެސް ސަފާ ވިދާޅުވި އެވެ. އަދި މައްސަލާގައި ގާނޫނާއި އިޖްރާއައްތަކާއި ހިލާފަށް ކޯޓުން ކަންކަން ކުރިއަށް ގެންދާކަމަށް ވަކީލުންނަށް ފެނިވަޑައިގަންނަވާތީ މި މައްސަލައިން ވަކީލުން ތަނާޒުންވުމުން، ވަކީލުން އައްޔަން ކުރުމަަށް އިތުރު ފުރުސަތު ނުދީ މައްސަލަ ނިންމާފައިވާ ކަމަށްވެސް ސަފާ ވިދާޅުވި އެވެ.

ނުކުތާތައް ފާހަގަ ކުރަމުން ސަފާ ވިދާޅުވީ، މައްސަލާގައި ކުށުގެ އުންސުރުތައް ފުރިހަމަނުވާ ކަމަށާއި ކުށުގެ ނިޔަތުގެ އުންސުރުވެސް ދައުލަތުން ސާބިތުކޮށްދީފައިނުވާ ކަމަށެވެ. އަދި މައްސަލާގައި ހުކުމް އިއްވިއިރު، އަލީ ހަމީދުގެ ގާނޫނީ ހުއްދަ ބާތިލް ކުރުމަށް ކޯޓުން ނިންމާފައިވަނީ ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން ކަމަށްވެސް ސަފާ ވިދާޅުވި އެވެ.

ސަފާ އިތުރަށް ވިދާޅުވީ، މައްސަލަ ބިނާ ކޮށްފައިވަނީ ފޯން ނުދިން މައްސަލާގައި ކަމަށާއި ނަމަވެސް އެ ފޯންގައި މައްސަލައާ ގުޅުން ހުރި ހެކި ހުރިކަން ދައުލަތަށް ދަށު ކޯޓުގައިވެސް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. އަލީ ހަމީދުގެ ފަރާތުން އެދުނީ ހުކުމް ބާތިލް ކުރުމަށެވެ.

އަލީ ހަމީދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ރައްދު ދެއްވައި ޕީޖީގެ ވަކީލް އައިޝަތު ރީޝާ ވިދާޅުވީ، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އުންސުރުތަކާއި އެއްގޮތަށް ކަމަށާއި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ތާރީހުތަކާއި ހިލާފަށް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ، އެގޮތަށް ވިދާޅުވެފައިވަނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުމަށްފަހު ޝަރީއަތްތައް ފަށާފައިވަނީ އެއް މަސް ދުވަހުގެ މުއްދަތެއް ދީފައިނުވާ ކަމަށް ބުނެ ސަފާ ވިދާޅުވުމާއި ގުޅިގެންނެވެ.

ރީޝާ ވިދާޅުވީ، މައްސަލާގައި އަލީ ހަމީދުގެ ވަކީލުން ތަނާޒުލްވުމަކީ ވަކީލުންގެ ފުރުސަތުދީފައިނުވާ ކަމަށް ނުބެލެވޭނެ ކަމަށާއި އަލީ ހަމީދުގެ ފަރާތުން ވަކީލުން ހޯދަން ޝަރީއަތުގައި "އެކި ފަހަރު މަތިން" ވެސް އެދިފައިނުވާ ކަމަށެވެ. އެގޮތަށް ވިދާޅުވީ، ރައީސް މައުމޫންގެ ފަރާތްޕުޅުން ކޯޓުގައި އެކި ފަހަރު މަތީން ވަކީލުންގެ ފުރުސަތު ދިނުމަށް އެދިފައިވާކަން ފާހަގަ ކުރައްވަމުންނެވެ.

ނުކުތާތަކަށް ރައްދު ދެއްވަމުން ރީޝާ އިތުރަށް ވިދާޅުވީ، އަލީ ހަމީދުގެ ފަރާތުން ހުށަހެޅި ހެބި ނުނަގަން ނިންމެވީ ރަނގަޅަށް ކަމަށެވެ. އަދި މި މައްސަލާގައި ހެކިބަސް ނެގި ފަރާތްތަކުން ފޯންގައި އެކަށީގެންވާ ހެކި ހުންނާނެ ކަމަށް ބުނެފައިވާތީ، އެކަމަށް ރިއާޔަތްކޮށް މައްްސަލަ ނިންމާފައިވަނީ ރަނގަޅަށް ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ރީޝާ ވިދާޅުވި އެވެ.

ދައުލަތުގެ ފަރާތުން އެދުނީ ކުރިމިނަލް ކޯޓުން އިއްވި ހުކުމް ދެމެހެއްޓުމަށެވެ. އަދި އެދުނީ މައްސަލާގައި އިޖްރާއަތްތައް ގޯސްކޮށް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފަނޑިޔާރުންނަށް ގަބޫލުފުޅު ކުރެވޭނަމަ، މައްސަލަ ނިންމަވާއިރު، މައްސަލަ އަލުން ދަށު ކޯޓުގައި މައްސަލަ ބެލޭނެ ގޮތަށް ނިންމަވައި ދެއްވުމަށެވެ.

ދައުލަތުގެ ފަރާތުން ވާހަކަ ދައްކަވާ ނިންމެވުމުން ފުރުސަތަކަށް އެދުނީ އަލީ ހަމީދެވެ. އަލީ ހަމީދު ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ސޮއި ކުރައްވައި އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ތަންފީޒު ނުރުމަށް ކަމަށެވެ. އަދި ހައްޔަރުކޮށްފައިވަނީ ގާނޫނުތަކާއި ހިލާފަށް އިޖްރާއަތްތަކާއި ހިލާފަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަލީ ހަމީދު ވިދާޅުވީ، ފަނޑިޔާރުން ރަސްމީ ހައިސިއްޔަތުން މަސައްކަތް ކުރައްވަން ތިއްބަވަނިކޮށް ސުޕްރީމް ކޯޓުގެ ދޮރު ވައްޓާލައި މޫނު ނިވާކޮށްގެން ތިއްބެވި ފަރާތްތަކަކުން ކަމަށެވެ. އެގޮތަށް ދޮރު ވައްޓާލާފައި ނުވަދެވޭނެ ކަމަށާއި އެކަން ކޮށްފައިވަނީ މައުލޫއީ ގޮތުންނާއި އިޖްރާއީ ގޮތުންވެސް ހިލާފަށް ކަމަށެވެ. އެހެންކަމުން ފޯން ދޭން ނުޖެހޭނެ ކަމަށްވެސް އަލީ ހަމީދު ވިދާޅުވި އެވެ.

އަލީ ހަމީދު ވިދާޅުވީ، މި މައްސަލާގައި ދައުލަތުން ފޯންގައި ހެކި ހުރިކަން ސާބިތުކޮށް ދީފައިވެސް ނުވާ ކަމަށާއި މި މައްސަލައަކީ ހަގީގަތެއްނެތް، ޔަގީންކަމެއްނެތި ކޮށްފައިވާ ދައުވާއެއްގެ މައްޗަށް ކުރިއަށް ގެންގޮސްފައިވާ މައްސަލައެއް ކަމަށެވެ.

މައްސަލަ ބައްލަވާ އިސް ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ، މައްސަލާގައި އިތުރުކަމެއް ސާފު ކުރަން ނެތްނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. ނަމަވެސް ހުކުމް އިއްވާ ޝަރީއަތް ބާއްވާނެ ތާރީހެއް ވިދާޅެއްނުވެ އެވެ.