ވިޔަފާރި

ބައިސްކޯފު އެޕްގެ ޕާޓްނަރަކަށް ދިރާގު

ދިވެހި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ހިމަނައިގެން މިރޭ ނެރެން ހަމަޖެހިފައިވާ "ބައިސްކޯފު" އެޕްގެ ޕާޓްނާއަކަށް ވުމަށް ދިރާގުން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

މުނިފޫހިފިލުވުމުގެ ދާއިރާގެ އެކި ލަވަތަލާއި ފިލްމުތަކާއި ވީޑިއޯތައް ބަލާލެވޭ ގޮތަށް ކޮންޓެއް ހިމަނައިގެން ނެރޭ ފުރަތަމަ މިފަދަ އެޕަކާ ގުޅެން ނިންމާފައިވާކަން އިއުލާންކޮށް ދިރާގުގެ ޕްރޮޑަކްޓް ޑިވެލޮޕްމެންޓް އެންޑް އިނޮވޭޝަން މެނޭޖާ މުހައްމަދު ފާހިރު ވިދާޅުވީ، މިއީ ދިވެހި ޒުވާނުންގެ ހުނަރު ކުރިއެރުވުމަށާއި ޒުވާނުން ކުރާ މަސައްކަތްތަކަށް ދިރާގުން ދޭ އެއްބާރުލުމުގެ ދަށުން ހަދާ ޕާޓްނާޝިޕެއް ކަމަށެވެ.

ސްމާޓް ފޯނުތަކަށް ހާއްސަ ބައިސްކޯފު އެޕް ވެގެންދާނީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ލިބޭ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މި އެޕުން ވީޑިއޯ އާއި ފިލްމު އަދި ލަވަ ބެލޭ އިރު މަދަހަވެސް ބަލައިލެވޭނެ އެވެ.

ބައިސްކޯފް އެޕް ނެރުމަށް ހަމަޖެހިފައިވަނީ މިރޭ އެކަމަށްޓަކައި ދަރުބާރުގޭގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތު ވަރަށް ވަރަށް ކުލަގަދަކޮށް ބޭއްވުމުގެ ތައްޔާރީތައް މިހާދު ދަނީ ކުރަމުންނެވެ.

މި އެޕް ނެރުމަށް މިރޭ އިންނަ އިވެންޓު، ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވްކުރާނެއެވެ. އަދި އެ އެޕާބެހޭ ގިނަ މައުލޫމާތުތަކެއްވެސް މިރޭ ހާމަކުރާނެ އެވެ.