ހަބަރު

ބެންޗަށް އަރާ ފޮޓޯ ނެގި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ

Nov 12, 2018
2

ކޯޓެއްގެ ފަނޑިޔާރުގެ ބެންޗަށް އަރާ، ހުރުމަތް ކެނޑޭ ގޮތަށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާތީ އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން ބުނެފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ފޮޓޯތަކަކީ ޖުވެނައިލް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ތެރޭގެ ފޮޓޯއެކެވެ. އެ ފޮޓޯތައް ނަގާފައިވާ ހަތަރު ޒުވާނުންނަކީ އެ ކޯޓަށް ހެކި ބަސް ނެގުމަށް ގެންދިޔަ ދެ ޒުވާނުންނެވެ.

އެ ޒުވާނުން ވަނީ ފަނޑިޔާރުގެ ބެންޗަށް އަރައި ފަނޑިޔާރުގެ ގޮނޑިކޮޅުގައި އިށީނދެ ތިބެ ފޮޓޯތައް ނަގާ އާންމުކޮށްފަ އެވެ. އާންމުކޮށް ޝަރީއަތުގެ މަޖިލީހަށް މީހުން ވައްދަނީ ފޯނު އަތުލުމަށްފަހު އެވެ. އެހެންވެ އެ ފޮޓޯތައް އެ ޒުވާނުން ނެގި ގޮތެއް ސާފެއް ނުވެ އެވެ.

އެ މައްސަލައާ ގުޅިގެން ޑީޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ޝަރުއީ އެއްވެސް ކޯޓެއްގެ ހުއްދައާ ނުލާ އެ ކޯޓެއްގެ އެތެރެ ފޮޓޯ ނެގުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. އެހެންވެ އެކަން ކުށްވެރިކޮށް އެފަދަ އަމަލުތައް ނުކުރުމަށް ޑީޖޭއޭއިން ވަނީ އަންގާފަ އެވެ.

އެ މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހާ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޑީޖޭއޭއިން ބުންޏެވެ.