އެތެރޭގެ އުދުހުންތަކަށް އުންމީދީ ބަދަލުތަކެއް ގެންނަން، މަންތާ އެއާގެ ފުރަތަމަ މަތިންދާ ބޯޓް ރާއްޖެ މިއަދު އަތުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި މަންތާ އޭވިއޭޝަންގެ އޭޓީއާރް 600-72 މަރުކާގެ 72 މީހުން ޖާގައިގެ ބޯޓު ރާއްޖެ އައުން ފާހަގަ ކުރުމަށް މަންތާ އެއާގެ އިސް ބޭފުޅުންނާއި އެއާޕޯޓްސް ކޮމްޕެނީ އަދި ބައެއް ރިސޯޓުތަކުގެ އޮފިޝަލުން ވަޑައިގެންނެވި އެވެ.
ޑެންމާކްގެ ބިލަންޑް އެއާޕޯޓުން ފުރައިގެން އައި ބޯޓަށް މަރުހަބާ ކިއުމަށް ބޭއްވި ރަސްމިއްޔާތުގައި މަންތާ އޭވިއޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހަލީލް ވިދާޅުވީ ސިވިލް އޭވިއޭޝަންގެ ހުއްދަ ލިބުނުހާ އަވަހަކަށް ދަތުރު ފަށަން އެ ކުންފުނިން ތައްޔާރުވެފައިވާއިރު، މަންތާ އެއާ އިން ދަތުރު ފަށާއިރު ދެ ކްލާހެއްގެ ޝީޓް ލިބެން ހުންނާނެ ކަމަށެވެ.
"މީގެ ބޭނުމަކީ އެހެން އެއާލައިންތަކަށް ވުރެ ތަފާތު، ފުރިހަމަ ހިދުމަތްތަކެއް ދިނުން،" ހަލީލް ވިދާޅުވި އެވެ.
ބޭނުންވާ ގޮނޑި ދުރާލާ ހޯދޭނެ
ހަލީލް ވިދާޅުވީ މަންތާ އެއާ އިން ދަތުރު ފަށާނީ، ފްލައިޓުން ބޭނުންވާ ޝީޓް ބޭނުން ވަގުތެއްގައި ބުކް ކޮށްލެވޭނެ ގޮތަށް ކަމަށެވެ. އަދި މަންތާ އެއާގެ ޝެޑިއުލް ކޮންމެ ހަ މަހަކުން އާއްމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅަކު ދަތުރު ކުރަން ބޭނުންވާ ތާރީހު ކަނޑައަޅާފަ އެ ޝީޓް އެވޭލަބަލް ވާނަމަ ވަގުތުން ރިޒަވޭޝަން ހެއްދޭނެ. އޭރުން ކޮންފަމޭޝަން ވެސް ލިބޭނެ. އެއްގޮތަކަަށް ވެސް މަޑުކުރާކަށް ނުޖެހޭނެ ލާސްޓް މިނެޓަކަށް. ހަ މަސް ކުރިން ވެސް ކޮންފަމޭޝަން ހޯދޭނެ،" ހަލީލް ވިދާޅުވި އެވެ.
ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅަކު ދަތުރު ކުރަން ބޭނުންވާ ތާރީހު ކަނޑައަޅާފަ އެ ޝީޓް އެވޭލަބަލް ވާނަމަ ވަގުތުން ރިޒަވޭޝަން ހެއްދޭނެ. އޭރުން ކޮންފަމޭޝަން ވެސް ލިބޭނެމަންތާ އެއާ ސީއީއޯ | މުހައްމަދު ހަލީލް
އޭނާ ވިދާޅުވީ އެ އެއާލައިންގެ މައިގަނޑު މަގުސަދަކީ އެތެރޭގެ އުދުހުންތަކުގެ "މޮނޮޕޮލީ" ނައްތާލައި ވާދަވެރި މާހައުލެއް އުފެއްދުން ކަމަށެވެ.
"ކޮންޕެޓިޝަން އައީމަ މި ބަލަނީ ޕްރައިޒް [އަގުތައް] ވެސް ތަން ކޮޅެއް ރަނގަޅަށް ހަމަޖެހިގެން ދާނެ ކަމަށް. އޮޓަމެޓިކުން ޕްރައިޒް ސެޓުލް ވާނެ،" ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަންތާ އެއާ އިން ދަތުރު ފަށާއިރު "އިން- ފްލައިޓް" ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.
"ކޮންމެ ވެސް ވަރެއްގެ އިންފްލައިޓް ހިދުމަތެއް ވެސް ދޭނަން. މާބޮޑު ކޭޓަރިން ސާވިސް އެއް ނޫންނަމަވެސް ރަނގަޅު، ކޮންފަޓަބަލް، ކޭޓަރިން ހިދުމަތެއް ލިބޭނެ،" ހަލީލް ވިދާޅުވި އެވެ.
ފުރިހަމަ ހިދުމަތްތަކާއެކު ފަށާ މި އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަތަމަ އުދުހޭނީ ދ. ކުޑަހުވަދޫ އަށެވެ. އެ އަށްފަހު ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއާޕޯޓަށް ވެސް ދަތުރު ފަށާނެ އެވެ.
އަގަށް ހެޔޮ ބަދަލެއް އަންނާނެ
ވީއައިއޭ، ވީއައިޕީ ލައުންޖުގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ އިތުރު މަންޒިލްކަށް އުދުހެން ފަށާނީ އިތުރު އެއާކްރާފްޓް ލިބުމުން ކަމަށެވެ.
"އެއްގޮތަކަށް ވެސް އިތުރު ޑެސްޓިނޭޝަންތަކެއް އެޑެއް ނުކުރާނަން ކެޕޭސިޓީ އިތުރުކޮށްގެން ނޫނީ. އެހެންނޫނީ މިހާރު ވާގޮތަށް ކެޕޭސިޓީ ނެތް ވަރަށް ކޮންޓްރެކްޓްތައް ނެގުން. އެގޮތަކަށް ކަންތަކެއް އަޅުގަނޑުމެން ނުކުރާނަން،" ހަލީލް ވިދާޅުވި އެވެ.
ދިވެހިންނަށް ހާއްސަ އަގުތަކެއް!
ހަލީލް ވިދާޅުވީ މަންތާ އެއާ ފެށުމުން ދިވެހިންނަށް ޖާގަ ނުލިބުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
"ލޯކަލް މީހުންނަށް ހާއްސަ ފެއާ ތަކެއް ހުންނާނެ. ވަކި އަދަދެއްގެ ޝީޓް ތަކެއް ލޯކަލްސްއަށް ބްލޮކް ކޮށްފަ ހުންނާނެ. ކޮންމެހެން، ކޮންމެ މީހަކު މަންތާ އެއާ އަށް ދާކަން ނުޖެހޭނެ. ކޮންމެ ބޭފުޅަކު ވެސް ސްމާޓް ފޯނެއް ގެންގުޅޭ. އެހެންވެ ކޮންމެ ތަނަކު ހުރެގެން ވެސް ޓިކެޓް ބުކް ކުރެވޭނެ،" ހަލީލް ވިދާޅުވި އެވެ.
ޓޫރިސްޓު އައުމުގެ ކުރިން ކަނެކްޝަން ހޯދޭނެ
މަޝްހޫރު ރިއޯލޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަލީލް ވިދާޅުވީ މަންތާ އެއާއިން އޮޕަރޭޝަން ފެށުމާއެކު ޓޫރިސްޓުން ރާއްޖެ އައުމުގެ ކުރިން ރިސޯޓަށް ދާން ފްލައިޓް ޔަގީން ކުރެވޭނެ ކަމަށެވެ.
"މަންތާ އިން ޕްރޮވައިޑް ކޮށްދޭ ހިދުމަތުގެ ސަބަބުން ގެސްޓް މީހާ ތިން މަސް ކުރިން ބުކް ކުރިއަސް ފްލައިޓްގެ އެރަވައިވަލް އަށް ބޭސްކޮށް އެތެރޭގެ ފްލައިޓް ބުކް ކޮށްލެވޭނެ. ކޮންފަމޭޝަން ލިބޭނެ. މިއީ ބޮޑު ބަދަލެއް، އެހެން އެއާލައިންތަކާ ބަލާއިރު،" ހަލީލް ވިދާޅުވި އެވެ.
"މިއައީ ގޮން ޖަހާކަން ނޫން، ހިދުމަތް ދޭން،"
ހަލީލް ވިދާޅުވީ މަންތާ އެއާ އިން ރާއްޖޭގައި ދަތުރު ފަށަނީ އެހެން އޮޕަރޭޓަރުންނަށް ގޮންޖަހަން ނޫން ކަމަށާ، ފުރިހަމަ ހިދުމަތެއް ދޭން ކަމަށެވެ.
"ޓޫރިސްޓުނާއި އާއްމުންނަށް ވެސް އެންމެ ފުރިހަމަ ހިދުމަތް ދިނުން ބޭނުމަކީ. ރާއްޖޭގެ ޓޫރިޒަމް މިވަނީ ވަރަށް ބޮޑަށް ފުޅާވެފަ. ބެޑް ކެޕޭސިޓީ އިންކްރީޒްވެފަ. މި އިތުރުވާ ވަރަށް އެބަޖެހޭ ޓްރާންސްފާ ރަނގަޅުވާން. މިހާރު ވާގޮތަކީ އޭވިއޭޝަން ކެޕޭސިޓީ ނެތުން. އެހެންވުމުން އޭވިއޭޝަން މި އޮތީ ބޮއްސުންލާފަ. އެހެންވެ، އަޅުގަނޑުމެން މިއައީ ޓޫރިސްޓުންނާއި އާއްމުންނަށް ފުރިހަމަ ހިދުމަތެއް ދޭން،" ހަލީލް ވިދާޅުވި އެވެ.
މަންތާ އެއާ އިން މިއަދު ފުރަތަމަ މަތިންދާ ބޯޓު ގެނައިއިރު މި އަހަރުގެ ޑިސެމްބަރު މަހު ދެވަނަ ބޯޓު ގެންނާނެ ކަމަށް ވަނީ ބުނެފަ އެވެ. މަންތާ އެއާ އިން ދަތުރު ފެށިއިރު މިހާރު އެތެރޭގެ އުދުހުންތަކުގައި ހިދުމަތް ދެނީ ސަރުކާރުގެ ކުންފުނި އައިލެންޑް އޭވިއޭޝަނާއި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއާ އެވެ. މީގެ އިތުރުން ސީ ޕްލޭންގެ ހިދުމަތް ދެނީ އައިލެންޑް އޭވިއޭޝަން އާއި ޓީއެމްއޭ އެވެ.