ވިޔަފާރި

މަންތާ އެއާގެ ހިތްގައިމު ބްރޭންޑިން ދައްކާލައިފި

އިވެންޓަށް ގޮސް ދަރުބާރުގެ އަށް ވަތް ގޮތަށް ޖެހުނީ މަންތާ އެއާގެ ފްލައިޓަށް ޗެކިން ކުރާ ށެވެ. އެ ތަނުގައި މަންތާ އެއާގެ ކައުންޓަރެއް ހުއްޓެވެ. އަދި އެތެރެ އަށް ވަދެވުނީ ބޯޑިން ޕާސް ދައްކާފަ އެވެ. ބޯޑިން ފާސްކޮޅު ހިފައިގެން ކެބިން އިން ކްރޫ ގޮސް އިށީންނަ ގޮނޑި ދެއްކި އެވެ. މިއީ ރާއްޖޭގައި އަލަށް ދަތުރު ފަށަން ތައްޔާރުވެފައިވާ މަންތާ އެއާގެ ބްރޭންޑިން ދައްކާލަން މިރޭ އޮތް ހަފުލާ ފެށިގެން ދިޔަ ގޮތެވެ. މިރޭ މަންތާ އެއާގެ ބްރޭންޑިން ދައްކާލިއިރު، ވަރަށް ހިތް ގައިމެވެ.

ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި މަންތާ އެއާގެ ބްރޭންޑިން ލޯންޗް ކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.

މި ރަސްމިއްޔާތުގައި މަންތާ އެއާ އޭވިއޭޝަންގެ ޗީފް އޮޕަރޭޓިން އޮފިސަރު އަދި ސީއޯއޯ، އެޑްވާޑް އެލްސްފޯޑް ވިދާޅުވީ މި އެއާލައިންގެ ދަތުރު ފަށަން ފުރިހަމައަށް ތައްޔާރުވެފައިވާއިރު، މަންތާ އެއާ ވެގެންދާނީ ދިވެހިންނަށް ދަތުރު ކުރުމުގެ މުޅިންއާ ތަޖުރިބާއެއް ލިބޭނެ އެއާލައިނަކަށް ކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމް ސިނާއަތު ވަރަަށް ބޮޑަށް ފުޅާވެއްޖެ. ރިސޯޓުތައް އިތުރުވެ ގެސްޓްހައުސް ވިޔަފާރި ފުޅާވެއްޖެ. އެހެންވެ މި ހުރިހާ ފަރާތްތަކާއި ދިވެހި އާއްމު ރައްޔިތުންނަށް އެންމެ ފުރިހަމަ ވައިގެ ދަތުރުފަތުގެ ނިޒާމެއް ބޭނުންވޭ. އެކަމަށް މަންތާ އެއާމި ފަށަނީ،" އެޑްވާޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަންތާ އެއާއިން ދަތުރު ފަށަނީ ފަސިންޖަރުންނަށް ތަފާތު ހިދުމަތެއް ދިނުމުގެ ގޮތުން ދެ ކްލާހެއްގެ ޝީޓް ހިމެނޭ ގޮތަށް ކަމަށެވެ. އަދި މަންތާ އެއާއިން ދަތުރުކުރާ މީހުންނަށް ފަސޭހައިން އިށީނދެލައިގެން ތިބެވޭނެ ޖާގަ އޮންނާނެ
ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެއާ ކްރާފްޓް ތަކުން ދަތުރު ކުރާ ފަސިންޖަރުންގެ ތެރެއިން ކޮންފޯޓް ކްލާހުގެ ފަސިންޖަރުންނަށް 27 ކިލޯގެ ލަގެޖް އެލަވަސް ލިބޭނެ. އަދި އަނެއް ކްލާހުން 35 ކިލޯ ލިބޭނެ. މީގެ އިތުރުން ހެޑް ލަގެޖުގެ ގޮތުގައި ފަސް ކިލޯ ލިބޭނެ،" އެޑްވާޑް ވިދާޅުވި އެވެ.

މަންތާ އެއާގެ ބްރޭންޑިން ލޯންޗް ކުރިއިރު އެ ކުންފުނިން ވަނީ އޭޓީއާރް 600-72 މަރުކާގެ 78 ގޮނޑީގެ ބޯޓެއް ގެނެސްފަ އެވެ. އަދި އަންނަ މަހު އިތުރު ބޯޓެއް ވެސް ގެންނާނެ ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ.

މަންތާ އެއާގެ ބްރޭންޑް ލޯންޗް ކުރަން ބޭއްވި ހަފުލާގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި ޓޫރިޒަމް ސިނާއަތުގެ ވެރިން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން މަންތާ އެއާގެ މައި ކުންފުނި ޔުނިވާސަލްގެ އިސްވެރިންވެސް ބައިވެރި ވަޑައިގެންފައިވެ އެވެ. މީގެ އިތުރުން މަންތާ އެއާއިން ދަތުރުތަކުގައި ބޭނުންކުރަން ގެނެސްފައިވާ އޭޓީއާރު މަރުކާގެ ބޯޓު އުފައްދާ ނޯޑިކް އޭވިއޭޝަން ކެޕިޓަލް ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވި އެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން މަންތާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ މަންތާ އެއާގެ ދަތުރުތައް ފަށަނީ، 80 ޕަސެންޓް ދިވެހި މުވައްޒަފުންނާއެކުގައި ކަމަށެވެ.

"އެންމެ ބޮޑު އެއް އުންމީދެއް، ދިވެހިންނަށް ވަޒީފާ ފަހިކުރުން. އެހެންވެ އަޅުގަނޑުމެން މިފަށަނީ ވެސް 80 ޕަސެންޓް ގާބިލް ދިވެހިންނާއެކު،" ހަލީލް ވިދާޅުވި އެވެ.

މަންތާ އެއާއިން އެތެރޭގެ އުދުހުންތަކަށް ތައްޔާރުވެފައިވާއިރު އެހެން އެއާލައިންތަކާ އެ އެއާލައިން ތަފާތުވާނެ އެވެ. ޑޮމެސްޓިކް އެހެން އެއާލައިންތަކާ ހިލާފަށް މަންތާ އެއާއިން ދަތުރުކުރަން ބުކިން ހަދާއިރު، ބޭނުންވާ ގޮނޑި ދުރާލާ ބުކް ކޮށްލެވޭނެ ނިޒާމެއް ގާއިމް ކުރާނެ އެވެ.

މީގެ ކުރިން ވާހަކަ ދައްކަވަމުން އެއާލައިންގެ ސީއީއޯ ހަލީލް ވިދާޅުވެފައިވާ ގޮތުގައި މަންތާ އެއާ އިން ދަތުރު ފަށާނީ، ފްލައިޓުން ބޭނުންވާ ޝީޓް ބޭނުން ވަގުތެއްގައި ބުކް ކޮށްލެވޭނެ ގޮތަށެވެ. އަދި މަންތާ އެއާގެ ޝެޑިއުލް ދުރާލާ، ކޮންމެ ހަ މަހަކުން އާއްމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަންތާ އެއާގެ ސަބަބުން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅަކު ދަތުރު ކުރަން ބޭނުންވާ ތާރީހު ކަނޑައަޅާފައި އެ ޝީޓް އެވޭލަބަލް ވާނަމަ ވަގުތުން ރިޒަވޭޝަން ހެއްދޭނެ. އޭރުން ކޮންފަމޭޝަން ވެސް ލިބޭނެ. އެއްގޮތަކަަށް ވެސް މަޑުކުރާކަށް ނުޖެހޭނެ ލާސްޓް މިނެޓަކަށް. ހަ މަސް ކުރިން ވެސް ކޮންފަމޭޝަން ހޯދޭނެ،" ހަލީލް ވިދާޅުވި އެވެ.

މަންތާ އެއާ ފުރަތަމަ މަތިންދާ ބޯޓު މިހާރު ގެނެސްފައިވާ އިރު، މި އަހަރުގެ ޑިސެމްބަރު މަހު ދެވަނަ ބޯޓު ގެންނާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި މި އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަތަމަ އުދުހޭނީ ދ. ކުޑަހުވަދޫ އަށެވެ. އެ އަށްފަހު ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއާޕޯޓަށް ވެސް ދަތުރު ފަށާނެ އެވެ.