ހަބަރު

ނާޒިމް، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ޖުމްހޫރީ ޕާޓީއާ މިއަދު ގުޅިވަޑައިގެންފި އެވެ. ނާޒިމް ކުރިން ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގަ އެވެ.

ނާޒިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ މިއަދު ކުނޫޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ނާޒިމް ޖުމްހޫރީ ޕާޓީއަށް ގުޅުމަށް އެދޭ ފޯމާ ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އެ ރަސްމިއްޔާތުގައި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

ބޭސްފަރުވާއަށް މެލޭޝިއާގައި ހުންނެވުމަށްފަހު ނާޒިމް ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ. އޭނާ ރޭ ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާކަން އިއުލާން ކުރައްވާފަ އެވެ.

ރިޔާސީ އިންތިހާބަށްފަހު ނާޒިމް ބޭސްފަރުވާއަށް ނާޒިމް މެލޭޝިއާއަށް ވަޑައިގެންނެވިިއިރު އެތަނުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް އިއްވާފައިވާާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރުކޮށްފަ އެވެ. އެހެންވެ، މިހާރު ނާޒިމް ހުންނެވީ މިނިވަނެއްގެ ގޮތުގަ އެވެ.

ނާޒިމް ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފަ އެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ނާޒިމްގެ ފަރާތުން އިސްތިއުފާކުރުމުން 2016 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ.

އޭގެ ފަހުން ނާޒިމްގެ ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރުމުން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކުރި ނިންމި ނިންމުން ރިވިއުކޮށް ދޭން އެދުނެވެ. އަދީބު ވެސް ވަނީ ކަން ހިނގި ގޮތް ސުޕްރީމް ކޯޓުގައި ކިޔައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އޮތީ ގޮތެއް ނުނިންމަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީ ރިވިއުކުރުމުގެ މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ހުކުމް ތަންފީޒުކުރުން ފަސްކުރުމަށާއި އެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ނާޒިމްގެ މައްޗަށް އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކުރުމަށެވެ.