ޝަރުއީ ދާއިރާ

ޖޭއެސްސީއަށް ހަމަޖައްސަން ފާރިސް އާއި ރަޝީދުގެ ނަން

Nov 13, 2018
1

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ މެންބަރު ކަމަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އާއި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދުގެ ނަން މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ފަރާތުން ޖޭއެސްސީގައި މިދިޔަ ހަތަރު އަހަރު ހުންނެވީ ޕީޕީއެމްގެ އިސް މެންބަރެއް ކަމަށްވާ، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެވެ. ނަމަވެސް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާ އިއްޔެ ވަނީ އޭނާ އެ މަގާމުން ދުރުކޮށްފަ އެވެ.

އެގޮތުން ޖޭއެސްސީގައި ހުސްވެފައިވާ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ނަން ހުށަހެޅުމަށް މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ ފާރިސްގެ ނަން ހުށަހަޅުއްވައިފަ އެވެ. އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވައިފަ އެވެ.

ޕީޕީއެމްގެ ފަރާތުން ހުށަހެޅީ ރަޝީދުގެ ނަމެވެ. އޭނާގެ ނަން ހުށަހެޅީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. އެ ހުށަހެޅުމަަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް އެވެ.

އެ މައްސަލާގައި ވޯޓަށް އެހުން މިއަދު 1:30 ގައި އޮންނާނެ އެވެ.