ހަބަރު

ބްރިޖްގެ ފީ ނަގާ ނިޒާމް ގާއިމްކުރަން 53.8 މިލިއަން ރުފިޔާ

ސިނަމާލެ ބްރިޖުގައި ޓޮލް ނިޒާމް ގާއިމް ކުރުމުގެ މަސައްކަތަށް 56.8 މިލިއަން ރުފިޔާ އާ ސަރުކާރުގެ ފުރަތަމަ ބަޖެޓުގައި ހިމަނައިފި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ 29 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅާފަ އެވެ. ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އެއީ އާ ސަރުކާރުން ހިންގުމަށް ރާވާފައިވާ މަސައްކަތްތަކުގެ މައްޗައް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ.

އެގޮތުން ބަޖެޓުގެ ޕީއެސްއައިޕީ މަސައްކަތުގެ ތެރޭގައި 1،723،185 ނޫނީ 56،865،105 މިލިއަން ރުފިޔާ ވަނީ ވަނީ ބްރިޖުގެ ޓޮލް ކަލެކްޝަން ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށް ހިމަނައިފަ އެވެ. އަދި 2020 ވަނަ އަހަރަށް ވެސް އެ މަސައްކަތަށް 1.7 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ބްރިޖުގައި ޓޮލް ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށް މިހާރު ވެސް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ބަޖެޓުގައިވެ އެވެ. ނަމަވެސް ހަވާލުކޮށްފައި ވަނީ ކޮން ބަޔަކާ ކަމެއް އަދި ސާފެއް ނުވެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުން ދަތުރު ކުރާ އުޅަނދުތަކުން ފީ ދައްކަން މަޑު ކުރަން ނުޖެހޭނެ ކަމަށާއި ބްރިޖުގައި ގާއިމް ކުރަނީ އިލެކްޓްރޯނިކް ޓޮލް ނިޒާމެއް ކަމަށެވެ. ހުޅުމާލެއިން އައިސް ބްރިޖާ ގުޅޭ ހިސާބުގައި އެއް ޓޮލް، އަދި މާލެ ކޮޅުގައި އެއް ޓޮލް ހުންނާނެ އެވެ. ހުޅުމާލެއިން އައިސް ބްރިޖާ ގުޅޭ ހިސާބުގައި އެއް ޓޮލް، އަދި މާލެ ކޮޅުގައި އެއް ޓޮލް ހުންނާނެ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވި އެވެ.

ބްރިޖުން ނަގާނެ ޓޮލްގެ ރޭޓެއް ސަރުކާރު ހާމައެއް ނުކުރައްވަ އެވެ. ބްރިޖު ޓޮލްގެ އަގު ކަނޑައަޅާނީ އާ ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ބްރިޖު މަޝްރޫއަށް އިތުރު 53.2 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ. ފިނޭންސްގެ އޮފިޝަލަކު "އަަވަސް"އަށް ވިދާޅުވީ އެއީ ބްރިޖުގެ ބާކީ ހުރި ލޯނުގެ އަދަދާއި ނުނިމި ހުރި ބައެއް މަސައްކަތްތައް ނިންމުމުގެ އިތުރުން މެއިންޓެއިން ކުރުމަށް ޗައިނާ ކުންފުނިން ގެންގުޅޭ ސާމާނު ދިވެހި ސަރުކާރަށް ގަތުމަށް ކުރާ ހަރަދުތައް ކަމަށެވެ.