ހަބަރު

ލޯނުތަކާ ގުޅިގެން ޗައިނާ ސަފީރާއި ނަޝީދު އަނެއްކާވެސް އަރައިރުމަކަށް

ކުރީގެ ސަރުކާރުން ހިންގި ބިޔަ މަޝްރޫއުތަކަށް ޗައިނާ އިން ނަގާފައިވާ ބޮޑެތި ލޯނުތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު އަނެއްކާވެސް ދެބަސްވެއްޖެ އެވެ.

އެކަމާ ގުޅިގެން މީގެ ކުރިންވެސް އެކި ފަހަރުމަތިން ހިޔާލު ތަފާތުވެފައިވާ ދެބޭފުޅުންގެ މެދުގައި މި އަރައިރުން އުފެދިފައިވަނީ ޗައިނާއަށް ރާއްޖޭން ދައްކަންޖެހޭ ދަރަންޏާ ގުޅެގޮތުން ނަޝީދު ދާދި ފަހުން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސިނަމާލެ ބްރިޖް 77 މިލިއަނަށް އަޅައިދޭން ޖީއެމްއާރް ކުންފުނިން ކޮޓޭޝަން ހުށަހެޅި ނަމަވެސް މިދިޔަ ސަރުކާރުން އެ މަސައްކަތް ޗައިނާގެ ކުންފުންޏާ ހަވާލު ކުރުމުން މިއަދު 300 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ދަރަނީގެ ގޮތުގައި 3.4 ބިލިއަން ޑޮލަރު ޗައިނާގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭއިރު، އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓްގެ 15 ޕަސެންޓް ޗައިނާގެ ލޯންތައް ދައްކަން ކަނޑައަޅަންޖެހޭ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އަދި ބޮޑުވެފައިވަނީ ދައްކަން ޖެހޭ ލޯންގެ އިންޓަރެސްޓް އެކަނި ނޫން ކަމަށާއި އެމީހުން ކޮށްދީފައިވާ މަސައްކަތްތަކުގެ އަގުވެސް ބޮޑު ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައއްވައިފަ އެވެ.

ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޗައިނާ ސަފީރު ޖަންގް ލިޖޮންގް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިނަމާލޭ ބްރިޖުގެ މަޝްރޫއަށް މުޅިއަކު ހޭދަވީ 200 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި އޭގެން ބޮޑު ބައެއް ހަމަޖައްސާފައިވަނީ ޗައިނާއިން ދިން ހިލޭ އެހީގެ ދަށުންނެވެ.

އެގޮތުން، ރާއްޖޭން އަނބުރާ ދައްކަން ޖެހޭނީ ބްރިޖު އަޅަން ދިޔަ ޖުމްލަ ހަރަދުގެ 50 ޕަސަންޓްކަމަށް ވެސް ސަފީރު ފާހަގަކުރެއްވި އެވެ.

"... ރާއްޖޭން އަނބުރާ ދައްކަން ޖެހެނީ 100 މިލިއަން ޑޮލަރު. އެވެސް ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކަށްފަހު 20 އަހަރުގެ މުއްދަތެއްގެ ތެރޭގައި،" ލިޖޮންގް ވިދާޅުވި އެވެ.

އެހެން ލޯނުތަކާއެކު ރާއްޖޭން ޗައިނާއަށް ދައްކަންޖެހޭ ޖުމްލަ ދަރަނީގެ އަދަދުތަކުގެ މައްޗަށްވެސް ސަފީރު ކުރެއްވި އެހެން ޓުވީޓެއްގައި ވަނީ އަލިއަޅުވާލައްވައިފަ އެވެ.

އެގޮތުން، ރާއްޖޭގެ ބޭރު ދަރަނީގެ އަދަދު 3.21 ބިލިއަން ޑޮލަރުގައި ހުރި އިރު، ޗައިނާއަށް ދައްކަންޖެހެނީ 1.53 ބިލިއަން ޑޮލަރުކަމަށް މަރުކަޒީގެ ބޭންކުގެ ތަފާސް ހިސާބުތަކަށް ހަވާލާދެއްވަމުން ލިޖޮންގް ވަނީ ފާހަގަކުރައްވައިފަ އެވެ.

"ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ތެރޭގައި ކޮންސެޝަނަލް ލޯނުގެ ގޮތުގައި ދީފައިވާ 872 މިލިއަން ޑޮލަރުގެ އިތުރުން ޕްރިފެރެންޝަލް ލޯނުގެ ގޮތުގައި 657 މިލިއަން ޑޮލަރު،" ސަފީރު ފާހަގަކުރެއްވި އެވެ.

ޗައިނާއިން ކުރި މަސައްކަތްތަކުގެ ބިލްތައް ފޮނުވީ ބޮޑުކޮށް ޖަހާފައި ކަމަށާއި އެހެންކަމުން މިހާރު މި ސަރުކާރުން އެ މަސައްކަތްތަކަށްވާ އަގާއިއެކު އިންޓަރެސްޓްވެސް ދައްކަންޖެހޭ ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ދިވެހި ރައްޔިތުންގެ އިހުސާސްތަކަށް ޗައިނާ ސަރުކާރުން އިހުތިރާމް ކުރާ ކަމަށާއި، ރާއްޖެއަށް ކޮންމެހެން ބޭނުންވެފައިތިބި ތަރައްގީއަށް އެހީތެރިވެ ދިނުމުގައި ސިޔާސީ ޝަރުތެއް ނުހިމަނާނެ ކަމަށް ސަފީރު ވަނީ މިއަދު ވެސް ތަކުރާރު ކުރައްވައިފަ އެވެ.