ހަބަރު

ޗައިނާއާ ރާއްޖޭގެ ގުޅުމަކީ ދުނިޔެއަށް މިސާލެއް: ޝާހިދު

Jul 22, 2019
10

ރާއްޖެއާ ޗައިނާއާދެމެދު އޮންނަ ގުޅުމަކީ ތަރައްގީވެފައިވާ ބޮޑު ގައުމަކާ ކުޑަ ގައުމެއް ގުޅިގެން މަސައްކަތްކުރެވޭނެ ކަމުގެ މުޅި ދުނިޔެއަށް އޮތް މިސާލެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޗައިނާ ސަރުކާރުގެ "ޒިންހުއާ ނިއުސް އެޖެންސީ" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ދެ ގައުމުގެ ދެމެދު އޮތް ގުޅުމަކީ ތާރީހީ ގޮތުން އޮތް ގާތްކަމާއި އެއްގައުމުގެ ސިޔާދަތަށް އަނެއް ގައުމުން އިހުތިރާމް ކުރުމުގެ ވަރުގަދަ ބިންގަލެއްގެ މަތީގައި އޮތް ގުޅުމެއް ކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޗައިނާއާއެކު އޮންނަ ގުޅުން މުޅީން އާ ހަރުފަތަކަށް އުފުލުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ޝާހިދު ވަނީ ދެއްވައިފަ އެވެ.

"ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މަންފާ ދިވެހި ރައްޔިތުންނަށް ދަނީ ކުރަމުން. ބާރަށް ކުރިއަރައި، ތަރައްގީވަމުން އަންނަ މެދު އާމްދަނީގެ ގައުމަކަށް ވުމަށް ރާއްޖޭން ފަށާފައިވާ ދަތުރުގައި ޗައިނާ ދެމިއޮންނާނީ ރާއްޖޭގެ އިގުތިސާދީ އަދި ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް އެހީތެރިވާނެ ކަމަށެވެ. އަދި ޗައިނާ އިން ރާއްޖެ އަށް ވެދިން އެހީތެރިކަމުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކޮށްފައިވާ ކަމަށާއި އެ ގައުމުގެ އެހީގައި ހިންގާފައިވާ އަދި ހިންގަމުން އަންނަ މަޝްރޫއުތަކުގެ އަގު ވަޒަންކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ސިނަމާލެ ބްރިޖާއި ވެލާނާ އެއާޕޯޓްގެ އާ ރަންވޭ އާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނޭ ކަަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާގައި ދާދިފަހުން ބޭއްވި ބެލްޓް އެންޑް ރޯޑް ފޯރަމްގައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރައްވަމުން، ޝާހިދު ވިދާޅުވީ ރާއްޖެއަކީ ޗައިނާގެ ބޮޑު މަޝްރޫއުގެ ބައިވެރިއެއް ކަމަށާއި، ބެލްޓް އެންޑް ރޯޑް މަޝްރޫއުއަށް ރާއްޖޭން ތާއީދު ކުރާ ކަމަށެވެ.

ޓޫރިޒަމް ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާ މެދު ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައި ވަނީ ފާއިތުވި 10 އަހަރުވެސް ޗައިނާއަކީ ރާއްޖޭގެ ޓުއަރިޒަމްގެ އެންމެ ބޮޑު މާކެޓް ކަމަށެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޗައިނާގެ 95،272 ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީހޭދަކޮށްފައި ވެ އެވެ. އެއީ މިމުއްދަތުގައި ރާއްޖެއަށް އައި ޓޫރިސްޓުންގެ 14.7 ޕަސެންޓެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ސިޔާސަތުތަކާ އެއްގޮތަށް ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގެ ތަރައްގީގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދޭނެ ކަމަށެވެ.

ޗައިނާއާއެކު އޮންނަ ގުޅުމަށް ފޮރިން މިނިސްޓަރު ތައުރީފު ކުރައްވާފައިވަނީ، ޗައިނާއަށް ދައްކަންޖެހޭ ދަރަންޏާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ރާއްޖޭގެ ހުންނަވާ ޗައިނާ ސަފީރާއި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރައްވާފައި ދަނޑިވަޅެއްގަ އެވެ.

ދަރަނީގެ ގޮތުގައި 3.4 ބިލިއަން ޑޮލަރު ޗައިނާގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭއިރު، އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓްގެ 15 ޕަސެންޓް ޗައިނާގެ ލޯންތައް ދައްކަން ކަނޑައަޅަންޖެހޭ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޗައިނާ ސަފީރު ޖަންގް ލިޖޮންގް އިއްޔެ ވިދާޅުވެފައިވަނީ ސިނަމާލޭ ބްރިޖުގެ މަޝްރޫއަށް މުޅިއަކު ހޭދަވީ 200 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި އޭގެން ބޮޑު ބައެއް ހަމަޖައްސާފައިވަނީ ޗައިނާއިން ދިން ހިލޭ އެހީގެ ދަށުންނެވެ.

އެގޮތުން، ރާއްޖޭން އަނބުރާ ދައްކަން ޖެހޭނީ ބްރިޖު އަޅަން ދިޔަ ޖުމްލަ ހަރަދުގެ 50 ޕަސަންޓްކަމަށް ވެސް ސަފީރު ފާހަގަކުރެއްވި އެވެ.

"... ރާއްޖޭން އަނބުރާ ދައްކަން ޖެހެނީ 100 މިލިއަން ޑޮލަރު. އެވެސް ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކަށްފަހު 20 އަހަރުގެ މުއްދަތެއްގެ ތެރޭގައި،" ލިޖޮންގް ވިދާޅުވި އެވެ.