ހަބަރު

ޗައިނާއާ މެދު ނުތަނަވަސްކަމެއް ބާއްވާނެ ކަމެއް ނެތް: ޝާހިދު

ޗައިނާއަށް ބަދު ބަސް ބުނެ، ހިތުގައި ނުތަނަވަސްކަން ބާއްވަން ނުޖެހޭ ކަމަށާއި އެއީ ވެސް ރާއްޖެއަށް ވަރަށް މުހިންމު ގައުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ. އެމަނިކުފާނު ފާޑުވިދާޅުވަމުން ގެންދަވަނީ ނިމިދިޔަ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކާ ގުޅިގެންނެވެ. ލޯނުތައް މެދުވެރިކޮށް ރާއްޖެ އަތްދަށުކުރަން ޗައިނާ އުޅޭ ކަމަށް ތުހުމަތު ކުރައްވާއިރު އެމަނިކުފާނުގެ އެ ވާހަކަތަކަށް ޗައިނާ ސަފީރު ވަރުގަދަ ރައްދުތަކެއް ވެސް ދެއްވާފައިވާފަ އެވެ. ނަމަވެސް ސަފީރު ވެސް ވަނީ ދިވެހި ސަރުކާރު އޮތީ ޗައިނާއާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށްކަން އެނގިލައްވާތީ މައްސަލައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށް ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެއް ކަމަށެވެ. ހަގީގަތް ވާނީ ހަގީގަތަކަށް ކަމަށެވެ. ޗައިނާގެ އެންމެ ބޮޑު އެހީއަކީ ބްރިޖްކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ގޯހީ ޗައިނާ ނޫން ކަމަށާއި ނަމަވެސް ނިމިގެންދިޔަ ދިވެހި ސަރުކާރު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފާޑުކިޔަން ޖެހެނީ އެ ސަރުކާރުން ކަންތައްތައް ކުރި ގޮތަށް ކަމަށާއި ޗައިނާއަށް ނޫން ކަމަށެވެ.

"ކޮރަޕްޓް ސަރުކާރަކަށް އެހީ ދިނުމުން އެ އެހީގެ ބޭނުން ހިފާ ގޮތް އެ އަޅުގަނޑުމެން ކުށްވެރި ކުރަމުން ދިޔައީ، ދިވެހި ސަރުކާރުގަ ކުރިން ތިބި ކޮރަޕްޓް ބަޔަކު ލިބުނު އެހީ އޭގެ ހައްގު ނޫން ގޮތުގައި ބޭނުން ކުރަމުންދިޔުން ކުށްވެރިކުރަނީ، އެހީ ދޭ ފަރާތަށްވުރެ އޭގެ ނާޖައިޒު ފައިދާ ނަގާ ފަރާތް އެއީ ގޯސް ފަރާތަކީ،" ޝާހިދު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން އެއްވެސް ގައުމަކާ ދޭތެރޭ ކުޑައިމީސް ބަހެއް ވެސް ނުބުނަން، ހިތުގަ ނުތަނަވަސްކަމެއް ވެސް ނުގެންގުޅެން،"

މިނިސްޓަރު ޝާހިދު ވިދާޅުވީ ދިވެހި ސަރުކާރަށް ލިބުނު އެހީގެ ބޭނުން ނުބައި ގޮތުގައި ހިފާފައިވާ މައްސަލަތައް މި ސަރުކާރުން ބަލަން ވެއްޖެނަމަ އެހެން ކަމެއް ކުރާނެ ވަގުތު ނުވާނެ ކަމަށެވެ. އެހެންވެ އެ މަސައްކަތް މިނިވަން ކޮމިޝަންތަކަކާ ހަވާލުކުރެއްވީކަން ޝާހިދު ފާހަގަ ކުރެއްވި އެވެ. އެ ކޮމިޝަނުން އެކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވަން ލަފާ ދެއްވާނެ ކަމަށެވެ.

ސަރުކާރަށް އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށް ދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން ރާއްޖެ، ވަނީ ބައިނަލްއަގްވާމީ މުޖުތަމައުގައި ވަރަށް ބޮޑަށް ބަލައިގެންފަ އެވެ. އަދި އޭގެ ފައިދާތައް ރައްޔިތުންނަށް ދަނީ ކުރަމުންނެވެ.

އަންނަ ހަފުތާ މިނިސްޓަރު ޝާހިދު ވަނީ ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކުރައްވަން ތައްޔާރުވެފަ އެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ އެ ދަތުރުފުޅުގައި ވެސް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން އެ ގައުމާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. ޗައިނާގެ ނައިބު ރައީސް އަދި ހާރިޖީ ވަޒީރާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި ޗައިނާއިން ވެދީފައިވާ އެހީތަކަށް ޝުކުރު އަދާކޮށް އަދިވެސް ރާއްޖެ އޮތީ ޗައިނާއާއެކު މަޝްރޫއުތައް ހިންގަން ތައްޔާރަށްކަން ދަންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެއިތުރުން ޗައިނާގެ ބޮޑެތި ލޯނުތަކުގެ ސަބަބުން ހުރި ދަތިތައް ވެސް ޗައިނާގެ ސަރުކާރުގެ ސަމާލު ކަމަށް ގެންނަވައި ހައްލުތަކެއް ހޯދުމަށް މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.