ހަބަރު

މަކުނުދޫގައި އެއާޕޯޓް އެޅުމަށް ދިރާސާކުރަން ބަޖެޓްގައި ހިމަނައިފި

ރާއްޖޭގެ އެހެން ރަށްތަކުގެ ހުޅަނގުން ރަށްތަކާ ނެއްޓި އެކަހެރިކޮށް އުފެދިފައިވާ ހދ. މަކުނުދޫގައި އެއާޕޯޓެއް އެޅުމަށް ދިރާސާ ކުރަން ނިންމައި އެކަމަށް ބަޖެޓްގައި ހިމަނައިފި އެވެ.

މަކުނުދޫގައި އެއާޕޯޓެއް އެޅުމަކީ އެ ރަށުގެ ރައްޔިތުންގެ އުއްމީދެކެވެ. ރައީސް އަބްދުﷲ ޔާމީން ވަނީ އެއާޕޯޓެއް އަޅުއްވާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އެ ރަށަށް ވަޑައިގެން ވެސް އެ ރަށުގައި އެއާޕޯޓް އެޅުމާ ގުޅޭ ދިރާސާތައް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގައި މަކުނުދޫގައި އެއާޕޯޓެއް އެޅުމަށް ދިރާސާ ކުރުމަށް ފަސް ލައްކަ ރުފިޔާ ވަނީ ހިމަނާފަ އެވެ.

އިބޫ ވިދާޅުވެފައިވާ ގޮތުން މަކުނުދޫއަށް ވައިގެ މަގުން އުދެހުވޭ ގޮތް އެމަނިކުފާނު ހައްދަވާނެ އެވެ. އެއީ ވައިގެ އެއާޕޯޓެއް އަޅައިގެންތޯ ނޫނީ ސީޕްލޭން ބޭސްއެއް ގާއިމްކޮށްގެންތޯ ދިރާސާ ކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

މަކުނުދޫގައި އޮންނަ ބޮޑު ފަޅުގެ ދިގުމިނުގައި 17.2 ނޯޓިކަލް މޭލް ހުރެ އެވެ. ރ. އަތޮޅުގެ ރަށްތަކާ ދާދިގާތަށް ފަޅުގެ ދިގުމިން ގޮސްފައިވެ އެވެ. މަކުނުދޫ ރައްޔިތުން ހދ. ކުޅުދުއްފުއްޓަށް ވެސް ބޮޑު ކަނޑެއް ހުރަސްކޮށް ހަ ގަޑިއިރުގެ ދަތުރެއް ބޭސްފަރުވާއަށާއި އެހެން އަސާސީ ކަންކަމަށް ކުރެ އެވެ.