ފ. އަތޮޅު މަޝްރޫއު ފަށަން ހަތަރު މިލިއަން ހޭދަކޮށްފައިވާކަން، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓްގައި ހުރި ހިސާބުތަކުން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި "ބަޖެޓު ފޮތުގައި" ވާ ގޮތުން ފ. އަތޮޅުގައި "ސަން ރައިޒް" ގެ ނަމުގައި މަޝްރޫއެއް ހިންގަން 2017 ވަނަ އަހަރު 4.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓުގައިވެސް މިކަމަށް އިތުުރު ފައިސާ ހިމަނާފައިވެ އެވެ. ފިނޭންސުން ބުނީ އެ ފައިސާއަކީ ސަރުކާރުގެ ބަޖެޓުން ހޭދަކޮށްފައި ހުރި ފައިސާ ކަމަށާއި އެ ހޭދަގެ ތަފްސީލް އިކޮނޮމިކް މިނިސްޓްރީގައި ހުންނާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި "ސަން ރައިޒް" މަޝްރޫއުއަކީ ސައޫދީ ޝާހީ އާއިލާގެ ބައިވެރިވުމާއެކު ފ. އަތޮޅުގައި ހިންގަން ނިންމި ބިޔަ މަޝްރޫއެވެ. ފ. އަތޮޅުގައި 10،000 މިލިއަން ޑޮލަރަށްވުރެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއުލާނު ކުރައްވާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި އެ މަޝްރޫއުގެ ވާހަކައިގެ އަޑު ގަދަ ވެފައިވަނިކޮށް ސައޫދީ ރަސްގެފާނު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވަން ވެސް ނިންމެވި އެވެ. ނަމަވެސް މި މަޝްރޫއާ ދެކޮޅު ހެދުމުގެ ގޮތުން އިނދިކޮޅު ފަރާތްތަކުން ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.
އެއާޕޯޓާއި ވިޔަފާރީގެ ގިނަ ފުރުސަތުތައް ހިމެނޭ ގޮތަށް ކުރިއަށް ގެންދަން އޭރު ނިންމާފައިވާ މި މަޝްރޫއު ހުއްޓުމަކަށް އައިކަން ރައީސް ޔާމީން އިއުލާނު ކުރެއްވީ 18، ނޮވެމްބަރު 2017 ގަ އެވެ. ބޯހިޔާވަހިކަމުގެ ދެމެހެއްޓެނިވި ހައްލުގެ މަޝްރޫއު "ހިޔާ" އިފްތިތާހު ކުރުމަށް ހުޅުމާލެ ފޭސް ދެއެއްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފ. އަތޮޅުގެ މަޝްރޫއު ބީވެގެން ދިޔައީ އިދިކޮޅު ސިޔާސީ ލީޑަރުންގެ ސަބަބުން ކަަމަށެވެ.
"އަޅުގަނޑު އަބަދުވެސް ދަންނަވަމުން އައީ ފެއްސާއި ރަތާ ހުދުގެ އެއްވެސް މައްސަލައެއް އަޅުގަނޑާއި ހަމައަކަށް ނާދެއޭ، ފ. އަތޮޅުގައި އަޅަން އަޅުގަނޑުމެން ނިންމި ބިޔަ މަޝްރޫއު އަޅުގަނޑުމެންނާ ބީވެގެން ދިޔައީ ކޮންބައެއްގެ މަސައްކަތުންތޯ، ކީއްވެގެންތޯ އެ މަސައްކަތްތަކަށް ސޮއިކުރި އެތައް ބަޔަކު ފަހުން ނާންނަން ނިންމީ، އެއީ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން ދައްކަވާފައި ހުރި ވިޔާނުދާ ވާހަކަތަކެއްގެ ސަބަބުން،" ރައީސް ވިދާޅުވި އެވެ.