އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ފޯރުކޮށް ދިނުމަށް 50 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނައިފި އެވެ.
ބަޖެޓްގައި ހިމަނާފައިވަނީ، ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދިނުމަށް އަންނަ އަހަރު 50 މިލިއަން ހަރަދު ކުރުމަށެވެ. އަދި 2020 އަހަރާއި 2021 ވަނަ އަހަރަށް ލަފާކޮށްފައިވަނީ 264 މިލިއަން ރުފިޔާ އެކަމަށް ހަރަދުވާނެ ކަމަށެވެ.
އިންތިހާބީ ރައީސް އިބޫ، ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެކަމަކީ އެމްޑީޕީ ސަރުކާރުގައި މާ ކުރިންސުރެވެސް ކުރުމަށް ވައުދުވެފައިވާ ކަމެކެވެ.
ޓްރާންސިޝަން މާލީ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ކޯ ޗެއާ އިބްރާހިމް އަމީރު ވިދާޅުވި، އިބޫގެ ސަރުކާރުން ކުރަން ވައުދުވެފައިވާ ބޮޑެތި ގިނަ ކަންކަން ބަޖެޓްގައި ހިމަނާފައިވާ ކަމަށެވެ. އެގޮތުން މަތީ ތައުލީމު ހިލޭ ފޯރުކޮށްދިނުމާއި ހެނދުނުގެ ނާސްތާ ފޯރުކޮށް ދިނުމަކީ ބޮޑެތި ވައުދުތަކުގެ ތެރެއިން ވައުދުތައް ކަމަށާއި އެކަންކަން ފޯރުކޮށް ދެވޭނެ ކަމަށެވެ.
ނަމަވެސް އެކަންކަން ހަމަޖެހިގެންދާނީ އަންނަ އަހަރު ޖެނުއަރީގައި ކަން ދަންނަވަން ދަތި ކަމަށާއި މިނިސްޓްރީތައް އުފެދި އެކަންކަމަށް ބޭނުންވާ ޕޮލިސީތައް އެކުލަވާލެވުމުން އެކަންކަންވެސް ހަމަޖެހިގެންދާނެ ކަމަށް އަމީރު ވިދާޅުވި އެވެ.