އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިފް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ 44 ވަނަ ބައްދަލުވުން ރާއްޖޭގެ ކޮންސްޓްރަކްޝަން ޖަމިއްޔާ (މަސީ) އާއެކު މެލޭޝިއާގައި ފަށައިފި އެވެ.
މެލޭޝިއާގެ ވެރިޔަށް ކުއަލަމްޕޫރުގައި ކުރިއަށްދާ މި ބައްދަލުވުމުގައި މަސީގެ ފަރާތުން ބައިވެރިވަޑައިގަތީ އެ ޖަމިއްޔާގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު އާއި އެލިއާ އިންވެސްޓްމަންޓުގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އާއި ދަމާސް ކުންފުނީގެ ވެރިޔާ އަބްދުﷲ ސާލިހު އެވެ. މީގެ އިތުރުން އަމީން ކޮންސްޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދު ވެސް ބައިވެރި ވަޑައިގަތެވެ.
މި ބައްދަލުވުން ހުޅުއްވައި ދެއްވީ މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު އެވެ. މި ބައްދަލުވުމުގައި އިފޮޕްކާގެ ޗީފް ޑެލިގޭޓްސްގެ ހައިސިއްޔަތުން ދަމާސް ކުންފުނީގެ ވެރިޔާ ސޯލިހު ވަނީ ވާހަކަ ދައްކަވާފަ އެވެ.
ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތައް ބައިވެރިވާ މި ބައްދަލުވުން ތިން ދުވަހަށް ދާއިރު، މި ބައްދަލުވުމުގައި އެންމެ ހާއްސަ ކަމަކަށް އޮންނާނީ ބުރާސްފަތި ދުވަހު އެ ޖަމިއްޔާގެ އާ ރައީސް ރާއްޖޭގެ މުހައްމަދު އަލީ ޖަނާހު އާ އެ މަގާމު ހަވާލު ކުރެއްވުމެވެ.
މިހާރު އެ ޖަމިއްޔާގެ ރައީސް އަކަށް ހުންނެވީ މެލޭޝިއާގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ މެތިއު ޓީ ކައި ވޫން އެވެ.
އިފޮޕްކާ އަކީ އޭޝިޔާ އަދި ވެސްޓާން ޕެސިފިކް ގައުމުތަކުގެ ކޮންސްޓްރަކްޝަން ޖަމިއްޔާތައް ބައިވެރިވާ، އެންމެ ނުފޫޒުގަދަ އެ ޖަމިއްޔާ އެވެ. އެ ޖަމިއްޔާގެ 45 ވަނަ ބައްދަލުވުން އަންނަ އަހަރު ރާއްޖޭގައި ބާއްވާނެކަން ވަނީ އިއުލާނުކޮށްފަ އެވެ.