ހަބަރު

ސަރުކާރު އޮތީ އޮގަނައިޒޭޝަނެއްގެ ގޮތުގަ ވަރަށް ބަލިކަށިކޮށް: ޓްރާންސިޝަން ކޮމެޓީ

ފާއިތުވި ފަސް އަހަރުގެ ތެރޭގައި، ސިވިލް ސާވިސް އޮތީ ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެ، އޮގަނައިޒޭޝަނެއްގެ ގޮތުގައި ހީނަރުވެ ވަރަށް ބަލަިކަށިވެފައި ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ޓްރާންސިޝަނަލް ކޮމިޓީއިން ބުނެފި އެވެ.

ސަރުކާރުގެ ހަތަރު މިނިސްޓްރީއެއް ރިވިއުކުރުމަށްފަހު، އެ މައުލޫމާތުތައް ހިއްސާކުރުމަށް، ޓްރާންސިޝަނަލް ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކޮމިޓީގެ ސޯޝަލް އެފެއާޒް ކޮމެޓީ ޗެއާމަން އަދި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، މިނިސްޓްރީތައް ރިވިއުކުރި އިރު މައިގަނޑު ދެ މައްސަލައެއް ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން ބެލި ބެލުމުން، ސިވިލް ސާވިސްގެ ތެރޭގައި ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް އޮތްކަން ފާހަގަކުރެވުނު ކަމަށާއި، އޭގެ ސަބަބުން އެކި މިނިސްޓްރީތަކާއި އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް މޭންޑޭޓުން ބޭރުން އެއްވެސް މިސްރާބެއް ނެތި ކޮށްފައި ހުރިކަން ފާހަގަކުރެވުނު ކަމަށް ވިދާޅުވި އެވެ.

"އެ މިނިސްޓްރީއެއްގެ ޒިންމާތަކަށް ވުރެ ސިޔާސީ ފަރާތްތަކުން އަންގާ ގޮތަކަށް މަސައްކަތް ކުރާ ގޮތަށް ކަންކަން ރޭވިފައި ހުރިކަން ފާހަގަކުރެވުނު. އަޅުގަނޑުމެންނަށް ފެނުނީ ރަނގަޅަށް ގޮސްގޮސް އޮތް ކަމެއް ބަދަލުވެގެން ދިޔަ ފަސް އަހަރު،" އަސްލަމް ވިދާޅުވި އެވެ.

އެހެން ނަމަވެސް އާ ސަރުކާރެއް އައިސް، މުވައްޒަފުންނަށް މަގާމުގެ މަސްއޫލިއްޔަތުތައް މިނިވަންކަމާއެކު ކުރިއަށްގެންދިއުމަށް ޖާގަ ދީފިނަމަ އެކަން ހައްލުވެގެންދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މިނިސްޓްރީތައް އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރި މަންޒަރު ރިވިއުއިން ފެންނަން ނެތް ކަމަށެވެ. އެއީ ވަރަށް ދެރަ މައްސަލައެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފަ އެވެ. މުޅިންވެސް ކަންކަން ކޮށްފައިވަނީ ވަކި ވަކި ބައެއްގެ ގޮތުގައި، ވަކިވެގަނެގެން ކަމަށް ވާތީ ސިވިލް ސާވިސްގެ ތެރޭގައި އޮންނަންޖެހޭ މަސައްކަތުގެ ގުޅުންތެރިކަމާއި އެއްބާރުލުންތެރިކަން ނެތްކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ސަރުކާރު އޮގަނައިޒޭޝަނެއް ގޮތަށް ވަރަށް ބޮޑަށް ހީނަރުވެފައި އޮތްތަން. މި ރިވިއުގެ ބޭނުމަކަށްވީ އަލަށް އުފެދިގެން އަންނަ ސަރުކާރު، އެ ސަރުކާރުގެ ސިޔާސަތުތައް ހިންގާ، ތަންފީޒުކުރަން ހުރި ޕްރޮގްރާމްތައް ތަންފީޒުކުރުމުގަ، ކިހާ ވަރަކަށް އުނދަގޫތަކާ ކުރިމަތިލާންޖެހޭނެތޯ، ބަޖެޓުގެ ދަތިތަކާ ކިހާ ވަރަކަށް ކުރިމަތިލާންޖެހޭނެތޯ، ކަންކުރުމުގެ ގާބިލުކަން ހުރީ ކޮން މިންވަރަކަށްތޯ ބެލުން،" އަސްލަމް ވިދާޅުވި އެވެ.

އެ ކޮމިޓީއިން ވަނީ ޖެންޑާ މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގައި ހުރި ބައެއް މައްސަލަތައް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން ޖާގައިގެ ދަތިކަން ދެ މިނިސްޓްރީއަށް ވެސް ދިމާވެފައިވާއިރު، މަސައްކަތްތައް ޕްލޭންތަކާ އެއްގޮތަށް ކަންކަން ކުރިއަށް ނުދާކަން ވަނީ ފާހަގަކޮށްފަ އެވެ. ހާއްސަކޮށް، ޖެންޑާ މިނިސްޓްރީގެ ތެރޭގައި މި މައްސަލަތައް ބޮޑުކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"ސަރުކާރުގެ ވަސީލަތްތަކާއި ބަޖެޓް ކަނޑައެޅުމުގައި އެންމެ ކުޑަ ބަޖެޓެއް އޮތީ ޖެންޑާ މިނިސްޓްރީއަށް،" ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޝިދާތާ ޝަރީފް ވިދާޅުވި އެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑ މުސްތަފާ ލުތުފީ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީން މިވަގުތު ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް މައްސަލައަކީ ފަންނީ ތަޖުރިބާކާރުން މަސައްކަތުގައި ނެތް ކަން ކަމަށެވެ. ހާއްސަ ގޮތެއްގައި ސްކޫލްތަކުގައި ޕްރިންސިޕަލުން ފަދަ ބޭފުޅުން ނެތުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވި އެވެ.

ޓްރާންސިޝަނަލް ސާވިސްއިން ކުރި މި ރިވިއުއަކީ އާ ސަރުކާރު ފަށައިގެން މަސައްކަތްތަކުގެ މިސްރާބު ގެންދަންވީ ދިމާ ހޯދަން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ރިވިއުއެއް ކަމަށް އެ ކޮމިޓީ އިން މިއަދު ވަނީ ބުނެފަ އެވެ.

"މި ރިވިއުކުރުމުން އަޅުގަނޑުމެންނަށް ފުދޭ މިންވަރަކަށް އެނގިއްޖެ. އަލަށް މިތަންތަނަށް އައްޔަންވެގެން ވަޑައިގަންނަވާ ބޭފުޅުން ވަޑައިގެންފަ، ފުރަތަމަ ދުވަހުން ފެށިގެން މަަސއްކަތް ކުރެވޭނެ މިންވަރަށް އަޅުގަނޑުމެންނަށް މައުލޫމާތު އެއްކުރެވިއްޖެ. ދެން މީގެ އިން ކޮންމެ މިނިސްޓްރީއެއްގެ މި ދެންނެވި ރިވިއުގެ ރިޕޯޓެއް އިންނާނެ ޓްރާންސިޝަނަލް އޮފީހާ ހަވާލުކޮށްފަ،" އަސްލަމް ވިދާޅުވި އެވެ.