ދުނިޔެ

ޚާޝުގްޖީ މައްސަލާގައި ސައުދީއާ ދެކޮޅަށް ފިޔަވަޅު އަޅަނީ

Nov 14, 2018

ވޮޝިންގްޓަން (ނޮވެމްބަރު 13) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި ސައުދީއާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް އެމެރިކާ ސެނެޓުގައި ފަށައިފި އެވެ.

އެމެރިކާ ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ރިޕަބްލިކަން ޗެއާމަން ބޮބް ކޯކާ ވިދާޅުވީ، ޚާޝުގްޖީގެ މައްސަލައިގެ އިތުރުން ސައުދީ އިސްވެ ޔަމަނުގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ސައުދީއަށް ހަތިޔާރު ވިއްކުން ހުއްޓާލުމުގެ ބިލަށް މިއަހަރު ނިމުމުގެ ކުރިން ވޯޓަށް އަހާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ސެނެޓުގެ މެމްބަރުން ބޭނުންވޭ ނޫސްވެރިޔާއަށް ހެދި ގޮތުގެ ހިތްހަމަނުޖެހުން އޮތްކަން ސައުދީއަށް އަންގާނެ ގޮތެއް، ޔަމަނުގައި ހިނގަމުންދާ ކަންކަމުގެ ކަންބޮޑުވުންތައް ވެސް،" ކޯކާ ވިދާޅުވި އެވެ.

ތުރުކީ ސަރުކާރުން ގަބޫލުކުރާ ގޮތުގައި، އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އޮކްޓޯބަރު ދެވަނަ ދުވަހު ޚާޝުގްޖީ ވަނުމާއެކު ކަރުގައި ހިފައިގެން އޭނާ މަރާލާފައިވާ ކަމަށެވެ.

ޚާޝުގްޖީ މަރާލުމުގައި މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ތިން ބޭފުޅުން ކަމަށް ތުރުކީގެ އޮފިޝަލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އަދި އެކަމުގެ ހެއްކެއްގެ ގޮތުގައި، ތުރުކީ ސަރުކާރުން ވަނީ އެކަމުގެ އޯޑިއޯ ރެކޯޑިންއެއް އެމެރިކާ ހިމެނޭ ގޮތަށް ގިނަ ގައުމުތަކާ ހިއްސާކޮށްފަ އެވެ.

އެ ރެކޯޑިންގެ ސަބަބުން ޚާޝުގްޖީ މަރާލުމުގައި ސައުދީ ވަލީ އަހުދުގެ ސީދާ އަތެއްވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ގިނަ ފަރާތްތަކުން ބުނި ނަމަވެސް، އެމެރިކާއިން އެކަމަށް ވަނީ ދެކޮޅު ހަދާފަ އެވެ.

ސައުދީ ޝާހީ އާއިލާއާ ކުރިން ގާތް ގުޅުމެއް އޮތުމަަށް ފަހު، ފަހުން އެއާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ޚަޝޫގްޖީ ވީތަނެއް ނޭނގޭ ކަމަށް ބުނުމަށްފަހު، ނޫސްވެރިޔާ މަރުވެފައިވަނީ އޭނާއާ ސުވާލުކުރި ސައުދީ އޮފިޝަލުންތަކަކާ ދެމެދު ހިނގި "މާރާމާރީއެއްގައި" ކަމަށް ފަހުން ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅިގެން، 18 ސައުދީ އޮފިޝަލުން ހައްޔަރުކޮށްފައިވާއިރު، މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ދެ ބޭފުޅަކު މަގާމުން ވަކިކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.

ޖަމާލް ސައުދީ އެމްބަސީއަށް ދިޔައީ، ތުރުކީ އަންހެނަކާ ކައިވެނިކުރުމަށް އޭނާގެ ވަރީގެ ސެޓްފިކެޓް ހޯދަން ކަމަށްވެ އެވެ.