ވިޔަފާރި

ރާއްޖެއަށް އެންމެ ގިނަ ހިލޭ އެހީ ސައޫދީއިން

Nov 14, 2018
7

ވޭތުވެދިޔަ ފަސް އަހަރު ރާއްޖެ އަށް އެންމެ ގިނަ އިން ހިލޭ އެހީ ދީފައިވަނީ ސައޫދީ އަރަބިއްޔާ އިން ކަމަށް ބަޖެޓުން
ހާމަވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް ފޮނުވާފައިވާ ބަޖެޓު ފޮތުގައިވާ ގޮތުން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ނުވަ ރަށެއްގައި ހިންގާ މަޝްރޫއު ތަކަށް ސައޫދީ އަރަބިއްޔާ އިން ވަނީ އެހީތެރިކަން ދީފަ އެވެ. މިގޮތުން ސައޫދީ އަރަބިއްޔާ އިން މައިގަނޑު ގޮތެގައި އެހީ ދީފައިވަނީ މިސްކިތް ބިނާ ކުރުމަށެވެ. ރަށްރަށުގައި ކުރިއަށް ގެންދާ މަޝްރޫއުގެ އިތުރުން ސައޫދީ އަަރަބިއްޔާ އިން މާލޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއަކީ މާލޭގައި ގާއިމް ކުރާ ހިންގް ސަލްމާން މިސްކިތް ބިނާ ކުރުމެވެ.

ބަޖެޓުގައިވާ ގޮތުން އެއް ގައުމަކަށް ބަލާއިރު އެންމެ މަދުން ރާއްޖެއަށް ހިލޭ އެހީދެނީ އިންޑިޔާއިންނެވެ. އެ ގައުމުން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ހިލޭ އެހީގެ ގޮތުގައި ހިންގާފައިވާ މަޝްރޫއަކީ ލ. ކައްދޫ އެއާޕޯޓުގެ ހެނގަރު ހެދުމުގެ މަޝްރޫ އެވެ. ލ. ކައްދޫއަކީ އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ތިބޭ އެއާޕޯޓެކެވެ.

އަންނަ އަހަރަށް ލަފާކޮށް ފޮނުވާފައިވާ ބަޖެޓުގައިވާ ގޮތުން ބޭރުގެ ހިލޭ އެހީއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ގޮތުގައި ޖުމްލަ 486 މިލިއަން ރުފިޔާގެ މަޝްރޫއު މި އަހަރު ކުރިއަށްދާނެ އެވެ. އަދި އަންނަ އަހަރު މި އަދަދު 655 މިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.