ދައުލަތުގެ ބަޖެޓް

ބަޖެޓުން ކުރަހައިދޭ ކަންނެތް އިގްތިސާދުގެ މަންޒަރު!

Nov 14, 2018
7

ރައްޔިތުން މަޖިލީހަށް ސަރުކާރުން އިއްޔެ ހުށަހެޅި 29 ބިލިއަން ރުފިޔާގެ ބަޖެޓްގެ އަސާސްތައް ބިނާވެފައި އޮތީ އާ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށެވެ. އެކަންކަމަށް ކޮންމެހެން ވަނީ ފައިސާ ހިމަނައިފަ އެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ކޮންމެ ދަރިވަރަކަށް ނާސްތާ ދިނުމާއި ރާއްޖޭގައި ފުރަތަމަ ޑިގުރީއަށް ހިލޭ ކިޔެވޭނެ އިންތިޒާމް ހަމަޖައްސަން ވަނީ ޖުމްލަ 100 މިލިއަނެއްހާ ރުފިޔާ ކަނޑައަޅައިފަ އެވެ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، މި ކަންކަން ކުރުމަށް ބަޖެޓްގައި ފައިސާ ހިމެނުމަކީ ކޮންމެވެސް ސިފައެއްގައި އަނެއްކާ ވެސް ރައްޔިތު މީހާއަށް ދެވޭ ސަބްސިޑީއެކެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ރައްޔިތުން ހިތްހަމަ ޖެއްސުމަށް ސަރުކާރުތަކުން ގެންގުޅޭ އުކުޅަކީ ސަބްސިޑީ ދީގެން ޝަކުވާތައް މަދުކުރުމެވެ. އިބޫގެ ސަރުކާރުގެ ވިސްނުމުގައި ފުރަތަމަ އެކުލަވާލި ބަޖެޓްގައި ވެސް ވިސްނުމަކަށް މި އޮތީ ހިލޭ ހިދުމަތްތަކެއް ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމެވެ. އެކަމަކު މިހާރުވެސް އޮތް އެންމެ ބޮޑު ބުރައަކީ، ރައްޔިތުންނަށް ހުރިހާ ކަމެއް ހިލޭ ދޭ ގައުމަކަށް ރާއްޖެ ބަދަލުވެ ސަބްސިޑީތަކުގެ ބުރަ ބޮޑުވުމެވެ. އާމްދަނީއަށް ނުކަތާ ވަރަށް އިންތިހާޔަށް ބޮޑު
ސަބްސިޑީތައް ރާއްޖެއަށް ހެޔޮވަރު ހެއްޔެވެ؟ ދުރު މުސްތަގުބަލުގައި މި ސަބްސިޑީތަކުން ނެރެވޭނީ ކޮން ނަތީޖާއެއް ހެއްޔެވެ؟

ކޮންމެ ކަމެއް ހިލޭ، ނޫނީ ސަބްސިޑީ

ރާއްޖޭގެ ހުރިހާ އަސާސީ ހިދުމަތެއް މި އޮތީ ސޯޝަލް އިނާޔަތްތަކުން ގާތްގަނޑަކަށް ހިލޭ ކޮށްދީފަ އެވެ. ނޫނީ އެ ހިދުމަތެއް ހޯދަން މާ ބޮޑު ތަކްލީފެއް އުފުލަން ނުޖެހޭ ވަރަށް ކޮންމެ އަސާސީ ހިދުމަތެއް އަގު ހެޔޮ ކުރަން ކޮންމެވެސް ނަމެއްގައި ސަބްސިޑީއެއް އޮންނާނެ އެވެ. މިސާލަކަށް ސިއްހީ ދާއިރާއަށް ބަލާ ނަމަ ބޭސް ފަރުވާއަށް ދާ ހަރަދުގެ ގާތްގަނޑަކަށް 50 ޕަސެންޓް ހިލޭވެ އެވެ. އެ ހިދުމަތް ހޯދަން ދައްކަން ޖެހޭ ސީދާ އަގެއް ވެސް ނެތެވެ. ޕްރައިމަރީ ސްކޫލުން ފެށިގެން ގޮސް އޯލެވެލްއާ ހަމަޔަށް ސަރުކާރުގެ ސްކޫލްތަކުގައި ކިޔެވެނީ މުޅިން ހިލެ އެވެ. ޓެކްސްފޮތްތަކާއި އޯލެވެލް އިމްތިހާނުގެ ފީވެސް ސަރުކާރުން ދައްކަދެ އެވެ. ކަރަންޓް ބިލަށް ސަބްސިޑީދެ އެވެ. ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދޭ އިރު، އޭގެ އަގު ވެސް ހުންނަނީ ކޮންޓްރޯލްކޮށްފަ އެވެ. މި ލިސްޓު އަދި ނިމެން އަންނަނީ، އެކަނިވެރި މައިންނަށް ސަރުކާރުން ދޭ އެލަވަންސާއި 65 އަހަރުވުމުން ދޭ 5،000ރ. އެލަވަންސް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސުންނެވެ.

މީގެ އިތުރަށް މަސްވެރިކަމާއި ދަނޑުވެރި ކަމަށް ވެސް ސަރުކާރުން އަންނަނީ އެކި ނަންނަމުގައި ސަބްސިޑީ ދޫކުރަމުންނެވެ.

މިހާ ވަރަށް ސޯޝަލް އެލަވަންސްތައް ގިނަ ގައުމެއް ވަރަށް މަދުވެދާނެ އެވެ. އަންނަ އަހަރުގެ ބަޖެޓްގައި ވެސް ސޯޝަލް އެލަވަންސް ތަކަށް ޖުމްލަ، 2.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ ޖުމްލަ ބަޖެޓްގެ ގާތްގަނޑަކަށް އަށް ޕަސެންޓެވެ. ހަގީގަތުގައި ރާއްޖށގެ ބަޖެޓްގެ ނިސްބަތުން މިއީ އެފަދަ ކަމަކަށް ވަރަށް ބޮޑު މިންވަރެކެވެ.

ސޯޝަލް އެލެވަންސްތަކުގެ ތަފްސީލް:

  • ކާބޯތަކެތި އަގުހެޔޮ ކުރަން 223 މިލިއަން ރުފިޔާ
  • ފަގީރުންނަށް ދޭ އެހީއަށް 18.6 މިލިއަން ރުފިޔާ
  • އާންމުންނަށް އެހީގެ ގޮތުގައި 145.9 މިލިއަން ރުފިޔާ
  • ކަރަންޓް ސަބްސިޑީ އަށް 400 މިލިއަން ރުފިޔާ
  • އެކަނިވެރި މައިންނަށް 78.4 މިލިއަން ރުފިޔާ
  • އާސަންދަ ސްކީމަށް 847 މިލިއަން ރުފިޔާ
  • ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 168 މިލިއަން ރުފިޔާ

މިހާ ބޮޑު އަދަދަކުން ރާއްޖޭގެ ހުރިހާ އަސާސީ ހިދުމަތަކަށް ސަބްސިޑީ ދެމުން އަންނަ އިރު އެ ލިސްޓަށް އިތުރު ކުރަން ޖެހިފައި މި އޮތީ ކުދިންގެ ނާސްތާ ހިލޭ ދިނުމާއި ފުރަތަމަ ޑިގްރީއަށް ރާއްޖެއިން ހިލޭ ކިޔެވޭނެ ގޮތް ހަމަޖެއްސުމެވެ. މިކަންކަމުގެ ފައިދާ ހަގީގަތުގައި ކުރާނީ މިންވަރާ މެދު މި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފަ އެވެ. ބައެއް ސަބްސިޑީތަކުގެ ސަބަބުން އަސްލު އިގްތިސާދަށް ނޫނީ އާންމު ރައްޔިތުންނަށް ކުރާ ފައިދާ ވެސް ގިނަ ފަހަރަށް އޮންނަނީ ވަރަށް ބޮޑުތަން ކުޑަވެފަ އެވެ. ދުނިޔޭގެ ނިސްބަތުން ރާއްޖެއަކީ ބޮޑެތި ސަބްސިޑީތައް ދޭ ގައުމެކެވެ.

ސަބްސިޑީ ދޭ ގޮތް ބަދަލު ކުރަން ޖެހޭ

މީގެ އަހަރެއްހާ ދުވަސް ކުރިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ރާއްޖޭގެ އިގްތިސާދު ރިވިއުކޮށް ބަޖެޓަށް ވެސް ރަނގަޅު އޮޕީނިއަން ތަނެއް ދިނެވެ. ހާއްސަކޮށް ސަރުކާރުގެ ހަރަދު ކުޑަކުރަން ޖެހޭކަން ފާހަގަ ކުރަމުން އެކަމަށް އެންމެ ބޮޑަށް ފޯކަސް ކުރަން ޖެހެނީ ސަބްސިޑީތައް އޭގެ އެންމެ ބޭނުން ޖެހިފައިވާ މީހާޔަށް ދިނުމަށް ކަމަށް އޭރު އައިއެމްއެފުން ފާހަގަކޮށްފައިވެ އެވެ. ކަރަންޓް ސަބްސިޑީ ދޭ ގޮތާ މެދު ވަރަށް ބޮޑަށް އޭރު ފާޑުކިޔެވެ. އެ ސަބްސިޑީ އެންމެ މުއްސަދި މީހާ ވެސް ހިމެނޭ ގޮތަށް އެންމެނަށް ވެސް އެ ސބްސިޑީ ލިބުމަކީ މައްސަލައެކެވެ. މިސާލަކަށް އާސަންދަ މަހުޖަނުންނަށް ވެސް ލިބެ އެވެ. މުއްސަދިންގެ ދަރިންނަށް ވެސް ފުރަތަމަ ޑިގްރީއަށް ކިޔެވެ އެވެ. އަދި މުއްސަދި މީހާގެ ދަރިއަށް ވެސް ހެނދުނު ނާސްތާ ދޭންޖެހެ އެވެ. ނަތީޖާއަކަށް ވަނީ މި ފައިސާއަކީ އިސްރާފަށް އުކޭ ފައިސާއަށްވުމެވެ. އޭގެ ބަދަލުގައި ސަބްސިޑީތައް ބޭނުން ޖެހިފައި ތިބޭ މީހުންނަށް ދިނުމަށް ވޯލްޑް ބޭންކުން އަބަދުވެސް ގޮވާލަ އެވެ.

"ބްލޭންކެޓްކޮށް ދޭ ސަބްސިޑީތަކުގެ ސަބަބުން އޭގެން ފައިދާއެއް މާ ބޮޑު ނުކުރޭ. އޭގެ ބަދަލުގައި ބޭނުން ޖެހިފަިއވާ މީހުންނަށް ސަބްސިޑީ ލިބޭނެ ނިޒާމެއް ތައާރަފް ކުރަން ޖެހޭ. ސަބްސިޑީ ހައްގު ނުވާ އެތައް ބަޔަކަށް ސަބްސިޑީ ލިބި، އެކަމުގެ ސަބަބުން މުއްސަދިންނާއި ފަގީރުންގެ ނިސްބަތް ކުޑަކުރަން ކުރެވޭ މަސައްކަތްތަށް ހުރަސް އެޅޭ،" ވޯލްޑް ބޭންކްގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވެ އެވެ.

ބައެއް ސަބްސިޑީތައް ރަނގަޅު ކުރުމަށް މިދިޔަ ދެ އަހަރެއްހާ ދުވަހު ފިޔަވަޅު އެޅި އެވެ. މިސާލަކަށް ކަރަންޓް ސަބްސިޑީ ވެސް މިހާރު ދެނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ވިޔަފާރިތަކަށް ދެމުން އައި ކަރަންޓް ސަބްސިޑީ އެކީ އުނިކުރި އެވެ. ނަތީޖާއެއްގެ ގޮތުން އެ ހަރަދުން 40 ޕަސެންޓް ސަލާމަތް ކުރެވޭ ކަމަށް އެންސްޕާއިން މީގެ ކުރިން ހާމަކޮށްފައިވެ އެވެ.

މިވަރަކުން އަދި ނިމުނީކީ ނޫނެވެ. ކާޑުގެ ބާވަތްތަކަށް ދޭ ސަބްސިޑީ އަށް ކޮންމެ އަހަރަކުހެން ބަޖެޓުން ތިން މިލިއަން ރުފިޔާ ދޭ އިރު، ރާއްޖެ އެތެރެ ކުރާ ކާޑުގެ ބޮޑުބައެއް ރިސޯޓްތަކުގައި ބޭނުން ކުރެ އެވެ. އެކަމަކު އަގު ހެޔޮ ކާޑުގެ ބާވަތްތައް ބޭނުން ކުރާ އިރު އެއީ އެ ސަބްސިޑީ ބެހިގެން ދާން ހައްގު ބައެއް ހެއްޔެވެ؟ ކޮންމެ ބާވަތެއްގެ ކިލޯއަކަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން އެސްޓީއޯ އަށް 10 ރުފިޔާ އާއި14 ރުފިޔާ އާ ދޭތެރޭ އަގެއް ދައްކަ އެވެ. އަނެއްކާ ވެސް ކުރިން އޮތް ގޮތަށް ކާޑުގެ ސަބްސިޑީ މި ސަރުކާރުން ވަނީ އިއާދަކޮށްފަ އެވެ.

އެހެން ވީމާ މިއީ ވެސް ހައްގުވެރިންނަށް ޓާގެޓްކޮށްގެން ދެވޭ ސަބްސިޑީއަކަށް ނުވެ އެވެ. އާސަންދަ ސްކީމުން ވެސް އެންމެ މުއްސަދި މީހާއަށް ވެސް ހިލޭ ނޫނީ ކުޑައަގެއް ދައްކައިގެން ބޭސް ކުރެވެ އެވެ. އެކަމަކު އެއީ އަދި އިންސާފެއް ހެއްޔެވެ؟ އެ ސްކީމުން ގާތްގަނޑަކަށް އަހަރަކު އެއް ބިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރަން ޖެހެ އެވެ. އާސަންދަ ސްކީމަކީ ވެސް މުއްސަދިންނަށް ވެސް ލިބޭ އެއްޗެއް ގޮތަށް އޮންނަ ނަމަ މިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ބަޖެޓް ކޮމިޓީގައި ފިނޭންސް މިނިސްޓަރު، އަހުމަދު މުނައްވަރު މީގެ ކުރިން ވިދާޅުވެފައި ވަނީ ބަޖެޓްގައި ހިމެނިފައިވާ ސަބްސިޑީގެ ފައިސާގެ ތެރެއިން، ސަބްސިޑީ ކޮންމެހެން ލިބެންޖެހޭ މީހުންނަށް ލިބެނީ ސަބްސިޑީ ފައިސާގެ އެންމެ 15 ޕަސެންޓެވެ. އަނެއް 85 ޕަސެންޓް ފައިސާ ލިބެނީ، ކޮންމެހެން ސަބްސިޑީގެ އެހީތެރިކަން ލިބެންޖެހޭ މީހުންނަށް ނޫން ކަމަށް މިނިސްޓަރު އެއްބަސްވެލައްވަ އެވެ.

"މިއީ ރާއްޖެ ފަދަ އިގްތިސާދީ ވަސީލަތްތައް މަދު ގައުމަކުން އުފުލަމުންދާ ވަރަށް ބޮޑު މާލީ ބުރައެއް. އެއް އަހަރު ނިމި އަނެއް އަހަރުގެ ބަޖެޓަކާ ކުރިމަތިލާ އިރު އަޅުގަނޑުމެން އެބަ ޖެހޭ މިއަށް ގޮތްތަކެއް ހަމަޖައްސަން" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މި އުފެދެނީ ނުބައި ސަގާފަތެއް

އިގްތިސާދީ ވިސްނުމުގެ ބޭފުޅުން ސަބްސިޑީތަކާ ދެކޮޅަށް އަޑުއުފުލަނީ އޭގެ ސަބަބުން ނިކުންނަން އިގްތިސާދީ ބޮޑެތި މައްސަލަތައް ގިނަވެ، އޮޅުންބޮޅުން ވާތީ އެވެ. މީގެ ސަބަބުން ސޯޝަލް މައްސަލަތަކެއްގެ ތެރެއަށް އިގްތިސާދު ވެއްޓޭތީ އެވެ. ކަންނެތް އިގްތިސާދެއް އުފެދޭތީ އެވެ. ރާއްޖޭގެ އެންމެ މުއްސަދި މީހާ ވެސް ދައުލަތަށް ބަރޯސާވެގެން އުޅުމަށް މި ވަނީ ވަރަށް ބޮޑަށް ދަސްކޮށްފަ އެވެ. ވިޔަފާރިއަކަށް ދޭ ސަބްސިޑީއެއް ކަނޑާލައިފިއްޔާ ދެން އެޖެހުނީ ކަންތަކާ އެވެ. އެކަމަކު ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އިގްތިސާދީ މަސައްކަތްތަކަށް ސަބްސިޑީގެ ބަދަލުގައި ދެނީ ލުއި ލޯނުތަކެވެ. ނޫނީ ކޮންމެވެސް ވަރެއްގެ ޓެކްސް މާފު ކުރުން ތަކެއް ގެނެސްގެން ވިޔަފާރިތަކަށް ލުއި ދެނީ އެވެ. ސިނާއަތަކަށް ސަބްސިޑީ ދިނުމަކީ އަސްލު އިގްތިސާދީ ވިސްނުމަކުން އިސްރާފެކެވެ. އަބަދު މީހުންގެ އެހީގައި އުޅެންޏާ ވާނީ އުޅޭހާ އެވެ.

އެހެން ނަމަވެސް ރާއްޖޭގައި މަސްވެރިކަމަށް އަދި ދަނޑުވެރިކަމަށް ވެސް އެކި ސިފަސިފައިގައި ސަބްސިޑީދެ އެވެ. އެވެސް އޮންނަނީ ބަހާލާ އެއްޗަކަށް ހަދައިފަ އެވެ. ގިނަ ފަހަރަށް މިދާއިރާ ތަކަށް ދޫކުރާ ލޯނަށް ވުރެ ދެވޭ ސަބްސިޑީ ވެސް ގިނަ އެވެ. މީގެ ސަބަބުން އުފެދޭނެ އިގްތިސާދީ ވަކި ފައިދާއެއް ނެތެވެ. މިހާތަނަށް އޭގެ ތަޖުރިބާ ދިޔައީ ޗޮކުން އެވެ.

"ފަހަކަށް އައިސް މަސްވެރިކަމުގެ ތެރޭގައި އަޅުގަނޑުމެންނަށް ވަރަށް ގިނަ ސަބްސިޑީތަކަކާ އެއްޗެހި ފެނިގެން ގޮސްފި. ސަބްސިޑީ ދީގެން މަސްވެރިކަން ކުރުވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރެވޭ ގޮތެއް ނޫން. އަޅުގަނޑު ދެކޭ ހިތް ވަނީ އެއްވެސް އެހީތެރިކަމަކާ ނުލާ، މަސްވެރިންނަކީ އެމީހުންގެ ބުރަ މަސައްކަތުން އަމިއްލައަށް، އެހެން ބައެއްގެ އެހީތެރިކަމެއް ނެތި ހަރަކާތްތެރިވެވޭނެ ހީވާގި ބަޔަކަށް ހެދުން،" މިއީ ސަބްސިޑީއާ މެދު އިކޮނޮމިކް ދާއިރާގެ ބޭފުޅެއްގެ ވިސްނުމެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ސަބްސިޑީތައް ދެނީ ތާކުންތާކު ޖެހޭ އުސޫލަކުން ނޫނެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ ކުރަން ޖެހޭ އެއް ކަމަކީ ސަބްސިޑީ ދެވޭނެ ހަރުދަނާ ނިޒާމެއް ކަނޑައެޅުމާއި އާމްދަނީ ލިބޭ ވަރު ރިޕޯޓްކުރެވޭނެ ގޮތްތަކެއް ހެދުމެވެ.

"ކޮންމެ ކަމަކަށް ކޮންމެވެސް ނަމެއްގައި ސޯޝަލް އެލަވަންސެއް. މިސާލަކަށް އޭގެ ބަދަލުގައި ދެމެހެއްޓެނިވި އިގްތިސާދީ މަސައްކަތެއް މީހެއްގެ އެހީއެއް ނެތިވެސް ކުރެވޭނެ ގޮތަކަށް މީތި ބައްޓަން ކުރަންވީ. އެހެން ނޫނީ މީގެ ބުރަޔަކީ ނުއުފުލޭ ވަރުގެ ބުރަޔަކަށް ވެދާނެ. އަބަދު ސަރުކާރަށް ބަރޯސާވެގެން އުޅުމަކީ އުފެއްދޭ ނުބައި ސަގާފަތެއް،" އިކޮނޮމިކް ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި ރާއްޖެ އަކީ ދުނިޔޭގެ ކުދި އެހެން ގައުމުތަކާ ބަލާއިރު ނިސްބަތުން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުންދާ އެއް ގައުމެވެ. ނަމަވެސް ރާއްޖެ އަށް ޖެހިފައިވާ މައްސަލަ އަކީ އިސްރާފު އިންތިހާ އަށް ދިއުމެވެ. ސަބްސިޑީ މިދޭ ސަގާފަތަކީ ވެސް ހަމަ އޭގެ ބައެކެވެ. ރާއްޖޭގެ އެންމެ ބޮޑެތި ސިނާއަތްތައް ބަރޯސާވަމުން ދަނީ ސަބްސިޑީ އަށެވެ. ސަބްސިޑީ މި ވަނީ ސޮދަގާތެއްގެ ގޮތުގައ ބަހާ އެއްޗަކަށެވެ. މި ނޫން އެހެން ގޮތެއް މިކަމަށް އެބަ ހޯދަން ޖެހެ އެވެ. އެކަމަކު އާ ސަރުކާރުގެ އަތް އޮވެގެން ގެންނަ ބަޖެޓްގައި ވެސް އަނެއްކާ މި އޮތީ ހިލޭ ކަންތައްތަކެއް ކުރަން އެއްބަސްވެފަ އެވެ.