އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމަށް ބާއްވާ ހަފްލާއަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އެގައުމުގެ ޓޫރިޒަމް މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާނެކަމަށް އެގައުމުން ބުނެފި އެވެ.
އިބޫ ހުވާކުރެއްވުމުގެ ހަފްލާ އަންނަ ހޮނިހިރު ދުވަހު ގަލޮޅު ބޯޅަދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ހަފްލާއަށް އެތައް ހާސްބަޔަކަށް މިހާރު ވަނީ ދައުވަތު ދީފަ އެވެ.
އެ ހަފްލާގައި ޗައިނާގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރު ލުއޯ ޝުޖެންގް ބައިވެރިވެ ވަޑައިގެންނެވުމަށް ރާއްޖެ ވަޑައިގަންނަވާނެކަމަށް، ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިއްޔެ ވަނީ ނޫސްވެރިންނަށް ވިދާޅުވެފަ އެވެ.
ނަމަވެސް، މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާ ސީދާ ތާރީހެއް ވިދާޅުވެފައެއް ނުވެ އެވެ.
އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަޑައިގަންނަވާނެކަމަށް އިންޑިއާ ސަރުކާރުން މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ.
ބިޔަ މަޝްރޫއުތައް ހިންގުމަށް ބޮޑެތި އަދަދުތަކުން ރާއްޖެއަށް ލޯނު ދީގެން، ރާއްޖެ ދަރަނިވެރިކުރުމުގެ މަގްސަދަކީ، އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު އިތުރުކޮށް މުޅި ސަރަހައްދަށް އަތްގަދަ ކުރުން ކަމުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އާ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން ވަރަށް ބޮޑުތަނުން ހީނަރުވެފައިވާއިރު، އެކަމުގެ މައިގަނޑު ސަބަބަކީ ޗައިނާއާއި ގުޅުން ބަދަހިކުރުން ކަމަށް ވެސް އިދިކޮޅުން މީގެ ކުރިންވެސް އެތަކެއް ފަހަރު މަތިން ވަނީ ތުހުމަތުކޮށްފަ އެވެ.
އަދި މީގެ އިތުރުން ސިނަމާލެ ބްރިޖާއި، އެއާޕޯޓް އެކްސްޓެންޝަން މަޝްރޫއާއި ހުޅުމާލެ ހައުސިން ޕްރޮޖެކްޓްތައް ހިމެނޭގޮތަށް ހިންގާފައިވާ މަޝްރޫއުތަކަކީ އެކަށީގެން ނުވާ އަދަދުތަކުން ޗައިނާއަށް ދީފައިވާ މަޝްރޫއުތަކެއް ކަމަށާއި، ޗައިނާއާ އެކު ހަދާފައިވާ ޑީލްތަކާ އެކު، ރާއްޖެ ޗައިނާއަށް ތިން ބިލިއަން ޑޮލަރަށް ދަރާފައިވާ ކަމަށެވެ.
ނަމަވެސް، ރާއްޖޭގައި ހުންނަވާ ސަފީރު ދާދި ފަހުން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.