ފިނިޕޭޖް

ރެކޯޑް އަގަކަށް ޖަވާހިރެއް ވިއްކާލައިފި، 50 މިލިއަން ޑޮލަރު

ދުނިޔޭގެ އެންމެ ރީތި ޖަވާހިރުގެ ގޮތުގައި މަޝްހޫރުވެފައިވާ، "ޕިންކް ލެގަސީ" ޑައިމަންޑް" ރެކޯޑް އަގެއް ކަމަށްވާ، 50 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލައިފި އެވެ. މިއީ މިޒާތުގެ ޑައިމަންޑެއް އެންމެ އަގުބޮޑުކޮށް ވިކުނު ފުރަތަމަ ފަހަރެވެ.

ބަރުދަނުގައި 19 ކެރެޓް ހުންނަ މި ޖަވާހިރަކީ ދުނިޔޭގައި ވަރަށް މަދުން ފެންނަ ޖަވާހިރެކެވެ.

މި ޖަވާހިރުގެ ނީލަން ކިޔަން ހުޅުވާލުމުގެ ކުރިން ވެސް ލަފާކުރެވިފައި ވަނީ، މި ޖަވާހިރުގެ އަގު، 30 އާއި 50 މިލިއަން ޑޮލަރަށް ވިކޭނެ ކަމަށެވެ. ނީލަން ކާމިޔާބުކޮށް ޖަވާހިރުގެ މިލްކުވެރިކަން ހޯދީ، އެމެރިކާގެ އެންމެ ލަގްޒަރީ ބްރޭންޑު ހެރީ ވިންސްޓަން އިންނެވެ. މި ޖަވާހިރު ނީލަމުގައި ވިކިފައިވަނީ އެންމެ ފަސް މިނެޓެއްހާ އިރު ތެރޭ އެވެ. ނީލަމަށްފަހު ހެރީ ވިންސްޓަން އިން ވަނީ މި ޖަވާހިރުގެ ނަން "ވިންސްޓަން ޕިންކް ލެގަސީ" އަށް ބަދަލުކޮށްފަ އެވެ. މިއީ ދުނިޔޭގައި އެންމެ ބޮޑު އަގުގައި ވިއްކާލެވުނު ޖަވާހިރަށް ވާއިރު މި ޖަވާހިރުގެ ކޮންމެ ކެރަޓަކަށް 2.6 މިލިއަން ޑޮލަރުޖެހެ އެވެ.

މި ޖަވާހިރު ނީލަން ކީ ކްރިސްޓީސް އިން ބުނެފައިވާ ގޮތުގައި މި ޖަވާހިރު އެންމެ ކުރިން ފެނިފައިވަނީ ސައުތް އެފްރިކާގެ ފަރުބަދައަކުން އެވެ. އަދި މިހާރު މި ޖަވާހިރު ވަނީ ގިނިސް ބުކް އޮފް ވޯލްޑް ރިކޯޑްސުންވެސް ޖާގަ ހޯދައިފަ އެވެ.