ދުނިޔެ

ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށްފި

Nov 14, 2018
1

ސްރީލަންކާގައި ބޮޑު ވަޒީރު ކަމުގެ ހުވާ ދާދި ފަހުން ކުރެއްވި މަހިންދުރަ ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް އެ ގައުމުގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ މި ނިންމުން އައީ މަޖިލިސް އުވާލަން ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ނިންމެވި ނިންމުން އިއްޔެ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވަނިކޮށެވެ. ސުޕްރީމް ކޯޓުން ވަނީ ސިރިސޭނާ އިއުލާންކޮށްފައިވާ އާ އިންތިހާބު ބޭއްވުން ވެސް ހުއްޓުވާފަ އެވެ.

ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވަނީ 225 މެންބަރުންގެ އަގުލަބިއްޔާއެކު އެވެ.

ވޯޓަށް އެހި ވަގުތު މަޖިލީހުގެ ތަޅުން ހަލަބޮލިވެ، ރާޖަޕަކްސަ އާއި އެމަނިކުފާނުގެ ދަރިކަލުން ވަނީ މަޖިލީސް ދޫކުރައްވައި ވަޑައިގެންފަ އެވެ.

"މި މަޖިލީހުގެ އިތުބާރު [ރާޖަޕަކްސާގެ] ސަރުކާރަކަށް ނެތް ކަމަށް އަޅުގަނޑު ކަނޑައަޅައިފިން،" މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވޯޓަށް ފަހު އިއުލާނު ކުރެއްވި އެވެ،

މިދިޔަ މަހުގެ 26 ވަނަ ދުވަހު އެ ގައުމުގެ ބޮޑު ވަޒީރު ކަމުން ރަނިލް ކުއްލި ގޮތަކަށް ވަކިކުރެއްވުމަށް ފަހު، ރައީސް ސިރިސޭނަ އެންމެ ފުރަތަމަ ވެސް ޕާލިމަންޓް ސަސްޕެންޑް ކުރެއްވި އެވެ. އަދި އެތެރޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ހައްލުކުރުމަށް ކަމަށް ބުނެ ޕާލަމެންޓް އުވާލަން މިދިޔަ ހުކުރު ދުވަހުގެ ރޭ ނިންމި ނިންމުމާއެކު، 14 ދުވަހުގެ ތެރޭގައި އާ މަޖިލިސް އިންތިހާބެއް ބޭއްވުމަށް ވެސް އިއުލާން ކުރެއްވި އެވެ. އެ ނިންމުން ރައީސް ނިންމެވީ މަޖިލީހުގެ ޖަލްސާއެއް ތާވަލްކޮށްފައިވަނިކޮށެވެ.

އިތުބާރުނެތްކަމަށް ފާސްކުރުމަކީ ރަނިލް އަށް ލިބުނު ކާމިޔާބީއެއް ނަމަވެސް، އެއީ މިހާރު އުފެދިފައިވާ މައްސަލަ ހައްލުވީ ކަމަށް ބެލެވޭނެ ޖާގަ ހަނިކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. ސަބަބަކީ، ބޮޑު ވަޒީރަކު އައްޔަނު ކުރުމުގެ ބާރު އަދިވެސް ސިރިސޭނާއަށް ލިބިވަޑައިގަންނަވާތީ އެވެ.