ރައީސް އަބްދުﷲ ޔާމީންގެ އެންމެ ބޮޑު ތަރައްގީގެ އެއް މަޝްރޫއު ކަމަށްވާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ "ކްރައިމެއް" ނޫނީ ބޮޑު ޖަރީމާއެއް ކަމަށް އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަދި ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދު ވިދާޅުވެއްޖެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ 140 މިލިއަން ޑޮލަރުގެ އަގުބޮޑު ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލްގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއާ އެވެ. އެ މަޝްރޫއާ މެދު ތުހުމަތުތައް ކިރެވި އޭސީސީއިން އެ މައްސަލަ ބަލައި އެކަމުގައި ކޮރަޕްޝަން ނެތް ކަމަށް ވަނީ ނިންމައިފަ އެވެ.
ނާޝިދު އެހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ވާހަކަ ދައްކަވަމުންނެވެ. މިއީ ދަރުމަވަންތަ ހޮސްޕިޓަލާ ގުޅޭ ގޮތުން ނާޝިދު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވެސް ވަނީ އެ ހޮސްޕިޓަލަކީ ކޮރަޕްޝަން އެކުލެވޭ މަޝްރޫއެއް ކަމަށް އެކި ފަހަރު މަތިން ވިދާޅުވެފަ އެވެ.
"ވަރަށް ކެރިހުރެގެން ދަންނަވަން ކެރިދާނެ އިޓްސް އަ ކްރައިމް، ފުރަތަމަ ކަމަކީ ހޮސްޕިޓަލެއް ބޮޑުކުރަން ނާރާނެ ހައިޓަކަށް، ހޮސްޕިޓަލް ފުޅާ ވާން ޖެހެނީ މިހެން، އެ އިމާރާތް އަޅަން 140 މިލިއަން ޑޮލަރު އިޓްސް އަ ކްރައިމް،" ނާޝިދު ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލާ ޖެހިގެން އޮތް ބިމުގައި ފަސް އިމާރާތް އެޅުމަށް ހަމަ ހޮސްޕިޓަލްގެ މަސައްކަތް ކުރާ ކުންފުނީގެ ބަޖެޓަކީ 240 މިލިއަން ޑޮލަރު ކަމަށް ބުނެފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ. ނާޝިދު ވިދާޅުވި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލަށް އިކުއިޕްމެންޓް ހޯދުމަށް ވެސް ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ މާއަގު ބޮޑުކޮށް ކަމަށް ނާޝިދު ވިދާޅުވި އެވެ.
"ދަރުމަވަންތަ ހޮސްޕިޓަލް އިކްއިޓްކުރަން 56 މިލިއަން ޑޮލަރު ތުރުކީ ކުންފުންޏަކަށް ދީފައި އެއޮތީ ބިޑަކަށް ވެސް ނުލާ، ހޮސްޕިޓަލެއް އިކްއިޓް ކުރަން އެންމެ ޒަމާނީ ވަސީލަތްތައް ލާފައި ދަރުމަވަންތަ ހޮސްޕިޓަލް އިކްއިޓް ކުރަން 25 މިލިއަން ޑޮލަރު ވެސް ނާރާނެ، ބިޑިން ޕްރޮސެސްގެ ތެރެއިން ދެން އަންނަ ސަރުކާރަކުން ވެސް މިކަންކަން ކުރަންވީ،" ނާޝިދު ވިދާޅުވި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އެ ހޮސްޕިޓަލަކީ ބޮޑު އިންވެސްޓްމެންޓެއް ކަމަށާއި އޭގެ ފައިދާ ރައްޔިތުންނަށް ވާނެ ކަމަށެވެ. ރާއްޖޭގައި ހުރެގެން ބޮޑެތި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދަން އެ ހޮސްޕިޓަލް މެދުވެރިކޮށް އާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
ނާޝިދުގެ ވާހަކަތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލްގެ އަގުތައް ހަދާފައިވަނީ އެކަމުގެ ޓެކްނިކަލް ބޭފުޅުން ކަމަށާއި އޭގައި މައްސަލަތަކެއް އުޅޭ ކަމަށްވާނަމަ އެކަމެއް ބަލަން ޖެހޭ ކަމަށެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އެ މަޝްރޫއުގައި މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ބިޑިންގެ
ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރަންޖެހޭކަން ގަބޫލު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ މެޑިކަލް ކޮލެޖުގެ ބައެއް ވެސް ހިމެނޭގޮތަށް ތަރައްގީ ކުރާ ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވީ ނަމަވެސް އައިޖީއެމްއެޗްގެ ތަފާސްހިސާބަށް ބަލާއިރު ހޮސްޕިޓަލްގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވަނީ އެ މަސައްކަތް ކުރިއަށްގެންދަން ޕްލޭންކޮށްފައިވާ ޓައިމްލައިނަށްވުރެ ތަންކޮޅެއް ދަށް ސްޕީޑެއްގަ އެވެ.
ހޮސްޕިޓަލްގެ ކަރަންޓް މަސައްކަތްތަކާއި އެނޫންވެސް ސޮފްޓްވެއާ އިންސްޓޯލް ކުރުމުގެ މަސައްކަތްތަކުގެ މިހާރު ކުރަމުންދާއިރު ފަރުނީޗަރާއި އެހެނިހެންވެސް މެޑިކަލް އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. މިތަން ފަރުމާކޮށްފައި ވަނީ ލައިފް ސަޕޯޓް ސިސްޓަމް އިންސްޓޯލް ކުރާ ގޮތަށެވެ މީގެ އިތުރުން ވެސް ރޭޑިއޭޝަން ނުފެތުރޭ ގޮތަށް "ޝީލްޑް" ކުރުމާއި ސިއްހީ ފަރުވާދިނުމަށް ބޭނުންކުރާ ގޭސް ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެހެއްޓޭނެ
އިންތިޒާމެއް ހުންނާނެ އެވެ. އަދި ޗައިލްޑް ކެއާ ސެންޓަރަކާއި ޖިމާއި ރިހެބިލިޓޭޝަން ސުއިޓަކާއި ހައިޑްރޯ ތެރަޕީ ސުއިޓެއްގެ އިތުރުން ސްވިމިން ޕޫލެއް ވެސް އޮވެ އެވެ.