އެހެން ޓީމަކާ ހަވާލުވުމުގެ އަމިއްލަ އިހުތިޔާރު މިވަގަތު ނެތަސް އެ ހާލަތު ނިމެންދެން ކެތްތެރިކަމާއެކު އިންތިޒާރު ކުރާނެ ކަމަށް ޗެލްސީގެ ކުރީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ރެއާލް މެޑްރިޑްގެ ކޯޗު ކަމުން ހުލެން ލޮޕެޓެގީ، މިދިޔަ މަހު ވަކިކުރުމަށް ފަހު، އެ ޓީމުގެ ކޯޗަކަށް ކޮންޓޭ ގެންނަން ރެއާލުން މަސައްކަތް ކުރި އެވެ. އަދި އެކަމާ ބެހޭގޮތުން ކޮންޓޭ އާވެސް ވާހަކަ ދެއްކި އެވެ. އެހެން ނަމަވެސް އެ ދޮރު ރެއާލްއަށް ބަންދުވީ، ޗެލްސީގެ ކޮންޓްރެކްޓްގައި ކޮންޓޭ ހުރުމުންނެވެ.
މި ސީޒަން ފެށުމުގެ ކުރިން ޗެލްސީގެ މަސްއޫލިއްޔަތުތަކުން ކޮންޓޭ ދުރު ކުރި ނަމަވެސް، އެ ޓީމުން އޭނާ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ބާތަިލު ކޮށްފަ އެއް ނުވެ އެވެ. އެ ކޮންޓްރެކްޓްގެ މުއްދަތު ހަމަ ވާނީ، އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށެވެ.
އޭގެ ކުރިން، ދެ ފަރާތުން ކުރެ، އެއްވެސް ފަރާތަކުން ކޮންޓްރެކްޓް އުވާލާނަމަ އަގެއް ހުށަހަޅަން ޖެހެ އެވެ. ޗެލްސީން އިންވެސް ކޮންޓްރެކްޓް އުވާ ނުލައި އޮތީ އެހެންވެ އެވެ. ރެއާލް މެޑްރިޑުން ވެސް އެ މަސައްކަތް ހުއްޓާލީ ކޮންޓޭ ގެންދާނަމަ 10 ޔޫރޯ ހުށަހަޅަން ޖެހޭތީ އެވެ. އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ، އެ ޓީމުގެ ޒުވާން ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އާޖެންޓީނާގެ ސެންތިއާގޯ ސޮލާރީ އެވެ.
ކޮންޓޭއަށް ލިބުނު ފުރުސަތު ގެއްލުނު ނަމަވެސް އޭނާ ބުނީ، އެކަމާ ކަންބޮޑު ނުވާ ކަމަށާއި އާ ޓީމަކާ ހަވާލުވާން އޭނާގެ ކެތްތެރިކަން ކޮޅުން ނުލާ ކަމަށެވެ. އަދި މިވަގުތަކީ ކޯޗިންގައި އޭނާ އާ ކަންތައްތަކެއް ދަސް ކުރަން ލިބޭ ފުރުސަތަކަށް ވުމުން ކަންބޮޑުވުމެއް ނެތް ކަމަށް، ޔުވެންޓަސް އާއި ޗެލްސީގައި ކާމިޔާބު ހޯދި ކޮންޓޭ ބުންޏެވެ.
"މި ވަގުތަކީ އަހަރެންގެ ބެޓަރީ ރީޗާޖު ކޮށްލާ ވަގުތެއް، އަހަރެންގެ ފުޓްބޯޅައިގެ ބައިވެރިންނާއެކު މެޗުތައް ބަލައި އާ ކަންކަން ދަސް ކުރަމުން މިގެން ދަނީ،" ކޮންޓޭ ބުންޏެވެ. "ޖޫން މަހު އާ ޓީމަކާ ހަވާލުވުމުގެ ކުރިން އަހަރެން ބޭނުންވާ ސުޓައިލްގެ ކޯޗެއްގެ ގޮތުގައި ހުރުމަށްޓަކައި އަހަރެން އިތުރަށް ކަންކަން ހޯދައި ދަސް ކުރަމުން މި ދަނީ."
އަލުން އިޓަލީގެ ކުލަބެއްގެ ކޯޗު ކަމާ ހަވާލުވެދާނަންތޯ ސުވާލު ކުރުމުން ކޮންޓޭ ބުނީ އެކަމެއް ނުވާނެ ކަމަކަށް އަދި ވާނެ ކަމަކަށް ނުބުނާނެ ކަމަށެވެ.