އިންޓަ މިލާންގެ ޓީމު ބިނާ ކުރުމުގައި މިސާލަކަށް ބަލާނީ، ލިވަޕޫލްގައި އެ ޓީމުގެ ކޯޗް ޔާގަން ކްލޮޕް ކުރި މަސައްކަތް ކަމަށް އިންޓަގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ޖެނޯއާ އާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޮންޓޭ ބުނީ، އިންޓަގެ ޓީމު ބިނާ ކުރުމުގައި ކެތްތެރިވާން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އިންޓައިން ކުރިން އެރުންތައް ހޯދަން ޖެހޭކަން ކޮންޓޭ ފާހަގަ ކުރި އެވެ. ޗެމްޕިއަންސް ލީގްގައި ބުރޫޝިއާ މެންޗެންގްލެޖްބާކް އާ ދެކޮޅަށް ކުޅުނު މެޗުން އިންޓަ ބަލި ނުވެ ސަލާމަތްވީ މެޗުގެ އެންމެ ފަހު ކޮޅުގައި ކާމިޔާބު ކުރި ލަނޑުންނެވެ.
ކޮންޓޭ ގަބޫލު ކުރަނީ، އިންޓައިން މިހާތަނަށް ދެއްކި ކުޅުމަކީ އެ ޓީމަށް ހައްގުވާވަރެއް ނޫނެވެ. އޭނާ ބުނީ މިހާރު އޮތް ޓީމާއެކު މިއަށްވުރެ ރަނގަޅު ނަތީޖާތަކެއް ނެރެވެން ޖެހޭނެ ކަމަށެވެ.
އިންޓަ މިވަގުތު އޮތީ ތާވަލުގެ ހަ ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ވާދަވެރި އެސީ މިލާނެވެ. ކޮންޓޭ ބުނީ އޭނާގެ ސްކޮޑްގައި އޮތް މިންވަރަށާއި ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެން ޖެހޭއިރު އެހުރިހާ ކަމަކަށް ވިސްނައިގެން ޓީމުގެ ފެންވަރު ހިފެހެއްޓުމަށް މަސައްކަތް ކުރާ ކަމަށެވެ.
"އަހަރެން ކަންބޮޑެއް ނުވޭ ސަބަބަކީ އަހަރެމެން ކުރިއަށްދާން ނިންމާފައިވާ ގޮތާމެދު އަހަންނާއި ކުޅުންތެރިންވެސް ހިތްހަމަ ޖެހޭ،" ކޮންޓޭ ބުންޏެވެ. "އަހަރެމެން މިދަނީ ރަނގަޅު ފުޓްބޯޅައެއް ކުޅެމުން އަދި އަހަރެމެންނަށް ނަތީޖާ މިލިބެނީ އަހަރެމެންގެ ސްކޮޑަށް ހައްގުވާވަރަށް ވުރެ ކުޑަކޮށް."
ގްލެޖްބާކް އާ ދެކޮޅަށް ކުޅުނު މެޗުގައި ހިތްހަމަ ޖެހޭ ނަތީޖާއެއް ނުލިބުނަސް ޓީމު ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށް ކޮންޓޭ ބުންޏެވެ.
"އަހަރެމެން ޖެހޭނެ ކަންކަން އިތުރަށް ރަނގަޅު ކުރަންވެސް ނަމަވެސް ކްލޮޕްގެ ލިވަޕޫލް މިސާލަކަށް ބަލަން ޖެހޭ،" ކޮންޓޭ ވާހަކަ ދެއްކި އެވެ.
"ހަތަރު އަހަރު އެ ޓީމަށް ކާމިޔާބެއް ނުހޯދޭ ނަމަވެސް މިހާރު އެ ޓީމަކީ ހަނގުރާމަ މަތީ މެޝިނެކޭ އެއްގޮތް. އެ ޓީމުން ހިތްހަމަ ޖެހޭ އެ ޓީމުން ބިނާ ކޮށްފައިވާ މަސައްކަތާ މެދު. އެއީ އަހަރެމެން އިހްތިޔާރު ކުރަންޖެހޭނެ މިސާލަކީ ޓީމުގެ އެގްޒެކެޓިވުން ފެށިގެން ކުލަބުގެ ރައީސް އާ ހަމައަށް އަހަރެމެން ވިސްނުން ގެންގުޅެން ޖެހޭނެ އޮނިގަނޑަކީ އެއީ."