ޔޫރަޕްގެ މުބާރާތުގައި މިހާރު ދެމިއޮތް އިޓަލީ ހަމައެކަނި ކުލަބަކީ އިންޓަ މިލާން ކަމަށް ވިޔަސް، އިންޓަ މިލާން ސެމީ ފައިނަލުގައި ތިބީ އެހެން ބަޔަކާ މެދު ވިސްނަގައިގެން ނޫންކަމަށް، އެ ޓީމުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ޔޫރޮޕާ ލީގްގެ ސެމީ ފައިނަލުގައި މިރޭ، ޔޫކްރޭންގެ ޝަކްޓާ ޑޮނެސްކް އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން، ކޮންޓޭ ބުނީ އިންޓަ މަސައްކަތް ކުރަނީ އެ ޓީމުގެ އަމިއްލަ ޓާގެޓަކަށް ކަމަށެވެ.
"އެހެން އެއްވެސް މީހަކަށް ނުބަލާ އަހަރެމެން ޓީމަކީ އަހަރެމެންގެ އަމިއްލަ ޓާގެޓަށް މަސައްކަތް ކުރާ ޓީމެއް،" ޔޫރަޕްގެ މުބާރާތުގައި އިޓަލީގެ ނަން ދެމެހެއްޓުމަށް އިސްކަން ދޭނެތޯ ސުވާލު ކުރުމުން ކޮންޓޭ ބުންޏެވެ. "އަހަރެމެން ބައިވެރިވާ ހުރިހާ މުބާރާތެއްގައި އަހަރެމެން ވާދަ ކުރަނީ އެ ޝަރަފަށް، އެހެންވެ އަދިވެސް ޓާގެޓަކީ އަހަރެމެން އަމިއްލައަށް ކުރިއަރަން މަސައްކަތް ކުރުން."
ޔޫރަޕްގެ މުބާރާތްތަކުގައި ކޮންޓޭއަށް ކާމިޔާބު ހޯދިފައެއް ނުވެ އެވެ. އޭނާ މީގެ ކުރިން ކޯޗް ކޮށްދިން ޔުވެންޓަސް އާއި ޗެލްސީގައިވެސް ޔޫރަޕްގައި ކާމިޔާބާ ހަމައަށް ވާސިލު ނުވެވުނެވެ. ޗެމްޕިއަންސް ލީގްގައި މިއަހަރު އިންޓަ ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އޭނާ ބުނީ އޭނާގެ އަމިއްލަ ކާމިޔާބަކަށް ނުބަލާ ކަމަށާއި އަބަދުވެސް ބަލަނީ އޭނާ މަސައްކަތް ކުރާ ކުލަބަކަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށެވެ.
"އިންޓައަށް ތަށި ލިބިއްޖެޔާ އަހަރެން އުފާ ވަނީ އެ ކުލަބަކަށް ތަށި ލިބުނީމަ،" ކޮންޓޭ ބުންޏެވެ. "އަހަރެން ނުބަލަން އަހަރެންގެ އަމިއްލަ ކާމިޔާބަކަށް، އަބަދުވެސް ބަލަނީ އަހަރެންގެ މަސައްކަތް ކުރާ ކުލަބަކަށް ކާމިޔާބު ހޯދައިދޭން."
އޭނާ ބުނީ، ޝަކްޓާގެ ކޯޗާއި ކުޅުންތެރިން ބަދަލުވިނަމަވެސް އެ ޓީމަކީ އަބަދުވެސް ޓީމު ބިނާ ކުރުމުގައި ކާމިޔާބުތަކެއް ހޯދާފައިވާ ކުލަބެއް ކަމަށެވެ. އަދި އަބަދުވެސް ވަރުގަދަ ސްކޮޑެއް އެޓީމުން ބިނާ ކުރާ ކަމަށް ކޮންޓޭ ބުންޏެވެ.
"އަހަރެންގެ އިހްތިރާމް އެ ޓީމަށް އޮންނާނެ، އެކަމަކު އަހަރެމެން ސާބިތު ކޮށްދޭން ބޭނުން ސެމީ ފައިނަލުގައި އަހަރެމެން މިތިބީ ސަބަބެއް އޮވެގެން ކަން، އަހަރެމެންގެ ސަބަބަކީ ފައިނަލަށް ދިއުން."
އިންޓަގެ ގޯލްކީޕަރު ސަމިއާ ހޭންޑޭނޮވިޗް ބުނީ، ޔޫރޮޕާ ލީގްގައި އިންޓައިން މިހާތަނަށް ކުރިމަތިލާ އެންމެ ވަރުގަދަ ޓީމަކީ ޝަކްޓާ ކަމަށެވެ. މިރޭގެ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ވާދަ ކުރާނީ ސެވިއްޔާ އާ ދެކޮޅަށެވެ.