އެންޓޯނިއޯ ކޮންޓޭ

ލީގް ހޯދަން އިތުރު އުންމީދެއް ލިބިއްޖެ: ކޮންޓޭ

އިޓާލިއަން ލީގް ހޯދުމުގެ ރޭހުގައި އަދިވެސް އުންމީދު އެބައޮތް ކަމަށް އިންޓަގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ސެރީ އޭ ގައި ރޭ ސަމްޑޯރިއާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ތިން ވަނައިގައި އޮތް އިންޓަ ވަނީ އެންމެ ކުރީގައި އޮތް ލާޒިއޯ އާއި ޔުވެންޓަސް އާ ފަރަގު ކުޑަ ކޮށްފަ އެވެ. ފުރަތަމަ ހާފުގައި ރޮމެލޫ ލުކާކޫ އާއި ލައުޓާރޯ މާޓީނޭޒްގެ ލަނޑުތަކުން އިންޓައިން އިން ލީޑް ނެގި ނަމަވެސް، ސަމްޑޯރިއާއިން ވަނީ ދެ ވަނަ ހާފުގައި ނަތީޖަ ހަމަހަމަ ކުރުމާ ކައިރިއަށް ގޮސްފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓްގައި ލުކާކޫ ކާމިޔާބު ކުރީ ކްރިސްޓިއަން އެރިކްސަން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ދެވަނަ ލަނޑު މާޓިނޭޒް ކާމިޔާބު ކުރީ 33 ވަނަ މިނެޓްގަ އެވެ. ސަމްޕްޑޯރިއާގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ނޯވޭގެ މިޑްފީލްޑާ މޯޓެން ތޯޝްބީ އެވެ.

އިންޓަ މޮޅުވެ ހޯދިން ތިން ޕޮއިންޓާއެކު އެ ޓީމު ވަނީ އެއް ވަނައިގައި އޮތް ޔުވެންޓަސް އާ ހަ ޕޮއިންޓަށް ކައިރި ކޮށްފަ އެވެ. އަދި އެ ޓީމު އޮތީ ދެ ވަނައިގައި އޮތް ލާޒީއޯ އާއި ފަސް ޕޮއިންޓް ކައިރީގަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކޮންޓޭ ބުނީ އަދިވެސް އިންޓަ އޮތީ ލީގް ހޯދުމުގެ ރޭހުގައި ކަމަށެވެ.

"މިއަދު އަހަރެމެންނަކަށް ނެތް މެޗުން މޮޅުވުން ނޫން ގޮތެއް، މިހާރު މިއޮތީ ހަ ޕޮއިންޓަށް ކައިރިވެފައި،" މެޗަށް ފަހު ވާހަކަ ދައްކަމުން ކޮންޓޭ ބުންޏެވެ. "އަހަރެމެން އުންމީދު އާ މި ކުރީ ހާއްސަ ކާމިޔާބެއް އަދިވެސް އަހަރެމެންނަށް ހޯދޭނެ ކަމުގެ."