އެންޓޯނިއޯ ކޮންޓޭ

އިންޓަގެ މަގާމުގައި އަހަރެން ހުންނާނަން: ކޮންޓޭ

ހުސް އަތާ ސީޒަން ނިންމާލަން ޖެހުނު ނަމަވެސް، އިންޓަ މިލާންގެ މަގާމުގައި އޭނާ ދެމިހުންނާނެ ކަމަށް، ޔޫރޮޕާ ލީގްގެ ފައިނަލުގައި ސެވިއްޔާ އަތުން ބަލިވި އިންޓަގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ޔޫރޮޕާ ލީގްގެ ފައިނަލުގެ ނާކާމިޔާބަށް ފަހު ކޮންޓޭގެ މަމާގާމެދު އޮތް ޔަގީން ވަނީ ގެއްލިފަ އެވެ. އެހެންނަމަވެސް ކޮންޓޭ ބުނީ އިންޓަގެ ކޯޗްގެ މަގާމުގައި އޭނާ ހުންނާނެ ކަމަށާއި ޓީމުގެ މެނޭޖުމެންޓުންވެސް ތިބީ އެގޮތަށް ކަމަށެވެ.

"އަހަރެންގެ ފަރާތުން އެއްވެސް ހިތްހަމަ ނުޖެހޭ ކަމެއް އޮތީ ކީ ނޫން އަދި ކުލަބުގެ ފަރާތުން އަހަންނަށްވެސް އެއްވެސް ހިތްހަމަ ނުޖެހޭ ކަމެއް ނެތް، އެހެންވީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް،" ކޮންޓޭ ބުންޏެވެ. "މުޅި ސީޒަންގައި ފެނުނު ބައެއް ހާލަތްތަކާ މެދު އަހަރެންވެސް ހިތްހަމަ ނުޖެހޭ، މުޅި ސީޒަން އަހަރެމެން އެނަލައިސް ކުރާނަން."

އޭނާ ބުނީ، އިންޓަގެ މަގާމުން އޭނާ ފަހަތައް ޖެހޭނެ ކަމަށް ދެކިގެން ނުވާނެ ކަމަށާއި އޭނާ ހުރީ ކުލަބާއެކު ކުރިއަށް ދާން ކަމަށެވެ.

ސްކައިން ސްޕޯޓްސް އިޓަލީއާ އަށް ދިން އިންޓަވިުގައި ކޮންޓޭ ބުނީ އޭނާ އިންޓަގެ މަގާމުގައި ހުއްޓަސް ނުވަތަ ނެތް ނަމަވެސް އަންނަ ސީޒަނަށްވެސް އިންޓަގެ ކުރިމަގު ޕްލޭން ކުރާނެ ކަމަށެވެ.

އިންޓަގެ ރައީސް ޗައިނާގެ ސްޓީވަން ޖާންގް ވިދާޅުވީ މުޅި ސީޒަންގައި އިންޓަ ޓީމުން ޕޮޒިޓިވް ކަންތަކެއް ފެނުނު ކަމަށާއި އަންނަ ސީޒަންގައިވެސް އޭނާގެ ޓީމު ކުރިއަށް ދާނެ ކަމަށެވެ.

ރޭގެ މެޗުގައި އިންޓަ ބަލިވީ ލުކާކޫ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ކޮންޓޭ ބުނީ ދެ ވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެއް ކަމަށެވެ. އިންޓަ ބަލިވީ ގޯސް ކޮށް ފެނުނު އެންމެ ކަމަކުން ވަން ލަނޑުން ކަމަށެވެ.