ހަބަރު

އަބުރުގެ ގާނޫނު އުވާލަން ފާސްކޮށްފި

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ނޫސްވެރިންގެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އަބުރުގެ ގާނޫނު އުވާލަން މިއަދު މަޖިލީހުގައި ފާސްކޮށްފައިވަނީ 38 މެންބަރުންގެ ވޯޓުންނެވެ. ގާނޫނު އުވާލުމާ ދެކޮޅަށް 13 މެންބަރަކު ވޯޓު ދެއްވި އެވެ.

ސަރުކާރުން މަޖިލީހަށް ވައްދައިގެން ފާސްކުރި ގާނޫނު އުވާލަން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ.

އަބުރު ރައްކާތެރިކުރުމުގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ. އަބުރުގެ ގާނޫނު އުވާލުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ވައުދެކެވެ. އިބޫ ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަބުރުގެ ގާނޫނު އުވާލާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އަބުރު ގާނޫނުގެ ދަށުން ރާއްޖެޓީވީ ވަނީ އެކި ފަހަރު މަތިން ބޮޑެތި އަދަދުން ޖޫރިމަނާކޮށްފަ އެވެ. އޭގެ އިތުރުން ވީޓީވީ އާއި ސަންގްޓީވީ ވެސް އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކޮށްފައިވެ އެވެ.

އެ ގާނޫނު އުވާލުމަށް އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެންބަރުން ފުރިހަމައަށް ވަނީ ތާއިދުކުރައްވާފަ އެވެ. ޕީޕީއެމްގެ ބައެއް މެންބަރުން ވެސް އެކަމަށް ތާއިދު ކުރެއްވި އެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހިމެނެ އެވެ. ނަޝީދު ވަނީ އެ ނޫސްވެރިންގެ ހައްގުތައް ގެއްލުވާލާފައިވާ ގާނޫނެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.