ހަބަރު

ދަރުމަވަންތަ ހޮސްޕިޓަލަކީ މި ސަރުކާރުން ދޫކުރާ ބޮޑު ތަރިކައެއް: މިނިސްޓަރު

ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިވެހިންނަށް ދޫކުރާ އަގުހުރި ތަރިކައެއް ކަމަށާއި، އެހެންކަމުން އުންމީދަކީ ދެން އަންނަ ސަރުކާރަކުން އެތަން އަވަހަށް ހުޅުވައި ޕްލޭނާ އެއްގޮތަށް ރައްޔިތުންނަށް ހިދުމަތްދޭން ފެށުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތްތައް ބައްލަވާލެއްވުމަށް މިއަދު އެ ހޮސްފިޓަލް ސައިޓަށް ކުރެއްވި ޒިޔާރަތަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތްތައް މިހާރު 95 ޕަސެންޓް ނިމިފައިވާ ކަމަށް އެ ހޮސްޕިޓަލްގެ އިކުއިޕްމަންޓް ސަޕްލަޔަރުން އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ދާނަމަ، އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އެތަން ފުރިހަމަ ހޮސްޕިޓަލެއްގެ ގޮތުގައި ނިމި، ހިދުމަތްދޭން ފަށަން ތައްޔާރުވާނެ ކަމަށް އެފަރާތުން އަންގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފަންސަވީސް ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ހުރިހާ ފްލޯ ތަކެއްހެން މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. އެތަނުގެ އިންޓީރިއާ ތަނަވަސް ވެފައި ހިތްގައިމެވެ. ޕްރެޒިޑެންޝިއަލް ވޯޑެއްވެސް ހިމެނޭގޮތަށް އެ ހޮސްޕިޓަލް ތަރައްގީކޮށް މިހާރު ނިމެމުން އަންނަ އިރު، އެ ހޮސްޕިޓަލަށް ވަނުމަށް ވެސް ތިން އެންޓްރެންސް ވަނީ ގާއިމްކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ، ވަރަށް ހިތްގައިމުކޮށް، ރީތި އިންޓީރިއާއަކާއެކު އެންމެ ޒަމާނީ ފަރުމާގައި ތަރައްގީކުރާ ސަރުކާރުގެ، ދަރުމަވަންތަ ހޮސްޕިޓަަކީ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ބޮޑު އުންމީދުފުޅެއް ކަމަށެވެ. އެއީ ސިއްހީ ދާއިރާ މުޅިން އާ ހަރުފަތަކަށް ގެންދިއުމަށް ރައީސް ޔާމީން ފެއްޓެވި އެންމެ ބޮޑު މަޝްރޫއު ކަމަށް ވާތީ، އެ ހޮސްޕިޓަލް ވެގެންދާނީ އަންނަން އޮތް ސަރުކާރުތަކާއި ދިވެހި ރައްޔިތުންނަށް މި ސަރުކާރުން ދޫކޮށްލާ ވަރަށް އަގުހުރި "ތަރިކަ"އަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދިވެހިންނަށް ދޫކުރާ ވަރަށް ވެސް ބޮޑު ތަރިކައެއް. މިއީ ހެލްތު ދާއިރާ މުޅިން އެހެން ހަރުފަތަކަށް ގެނެސްދިނުމަށް އެޅުނު އެންމެ މުހިއްމު ބިނާ،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވާ ތާރީހް މި ސަރުކާރުން ތިން ހަތަރު ފަހަރެއްގެ މަތިން ބަދަލުކޮށްފައިވާއިރު، ހޮސްޕިޓަލް މުޅިން ނިމޭނެ ކަމަށް ބެލެވޭ ފެބްރުއަރީ މަސް އަންނަ އިރު ވެރިކަމުގައި އޮންނާނީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރެވެ. އެހެންކަމުން ހޮސްޕިޓަލް ހުޅުވާ ތާރީހެއް ދެން އިއުލާންކުރާނީ އާ ސަރުކާރުންނެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ، އިބޫގެ ސަރުކާރުން އެކަންކަން ފުރިހަމައަށް ކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ކޮންމެ ސަރުކާރެއް އަޔަސް އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް ހިދުމަތް ދިނުން ކަމަށް ވާތީ، އެކަން ފުރިހަމަވަނިކޮށް ރައީސް ޔާމީންގެ ސަރުކާރުގެ މަގްސަދު ފުރިހަމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ހޮސްޕިޓަލް ހުޅުވާ ދުވަހު އެ އުފަލުގައި ބައިވެރި ނުވެވުނަސް އެކަމުގެ މާޔޫސްކަމެއް ވެސް ނެތް ކަމަށެވެ. ދެރަވަނީ ހޮސްޕިޓަލް ނިންމަން ނެގި ވަގުތު އުންމީދުކުރި ވަރަށްވުރެ ދިގުލައިގެން ދިއުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮންމެ ސަރުކާރެއްގައިވެސް ޕްލޭންތަކެއް ހަދައި، އެކަންކަން ޑެލިވާކުރަން ވަގުތުތަކެއް ނަގާ ހާލަތްތައް އާދޭ. އެގޮތުން އަޅުގަނޑުމެން އުންމީދުކުރި ވަރަށްވުރެ ތިން ހަތަރު މަހެއް މިވަނީ ލަސްވެފަ. އެހެން ނަމަވެސް މީގެ މުހިއްމުކަމަކީ މިއަށް ބޭނުންވާ ފައިސާއާއި މިކަމުގެ ހުރިހާ މަސައްކަތްތަކެއް މިހިރީ ޕޭޕާވޯކް ހެދި، މަސައްކަތް ހަވާލުކުރެވި، ހަމައެކަނި މަސައްކަތް ނިންމާފައި ތަލުދަނޑި ޖަހާފައި ދިއްކޮށްލާ ހިސާބަށް މި މަސައްކަތް ގޮއްސަ އޮތީ،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ތަރައްގީކުރަމުން އަންނަ 140 މިލިއަން ޑޮލަރުގެ އަގުބޮޑު މި ހޮސްޕިޓަލްގެ މަސައްކަތްތައް 95 ޕަސެންޓަށް ނިމިފައިވާ އިރު، އެމްއާރްއައި މެޝިން ފަދަ ބައެއް ބޮޑެތި މެޝިންތައް ވެސް މިހާރު ދަނީ އެ ހޮސްޕިޓަލުގައި އިންސްޓޯލް ކުރަމުންނެވެ.