ހަބަރު

މަޖިލީހުގައި ޝާހިދުގެ ފަހު ދުވަސް: އުފާވެރި ހަދިޔާއަކާއެކު!

މިއަދަކީ ރައްޔިތުންގެ މަޖިލީހުގައި ފަސް ދައުރު ހޭދަ ކުރެއްވުމަށްފަހު އެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މަޖިލީހުން ނުކުމެވަޑައިގެންނެވި ދުވަހެވެ. ފަންސަވީސް އަހަރު މެދުކެނޑުމެއް ނެތި މަޖިލީހުގެ ތެރެއިން ހިދުމަތްކޮށް ދެއްވުމަށްފަހު ޝާހިދު މަޖިލީހަށް މިއަދު އަލްވަދާއު ކިޔުއްވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ފަހިކޮށް ދެއްވުމަށްފަހު އެވެ. މީޑިއާއަށް ހަދިޔާއެއް ދެއްވަމުންނެވެ.

ނޫސްވެރިންގެ ބޮޑެތި ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް ހުރި އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހެޅުއްވީ ޝާހިދެވެ. ޝާހިދު ހުށަހެޅުއްވި އެ ބިލް މަޖިލީހުގެ 38 މެންބަރުންގެ ވޯޓާއެކު މިއަދު ވަނީ ފާސްކޮށްފަ އެވެ. އެ ގާނޫނު އުވާލަން ވަނީ ނިންމާފަ އެވެ.

އެކަން ފާސްވުމުން ނޫސްވެރިންނާ ބައްދަލުކުރައްވައި ޝާހިދު ވިދާޅުވި ގޮތުގައި މިއަދަކީ އޭނާ މަޖިލީހުގައި ހޭދަ ކުރައްވާނެ ފަހު ދުވަހެވެ. ޝާހިދު ވަނީ މަޖިލީހުގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައި، އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ސަރުކާރުގައި މަސައްކަތް ކުރެއްވުމަށް ނިންމަވާފަ އެވެ. ޝާހިދާއި އިބޫ މަޖިލީހަށް ވަދެވަޑައިގެންނެވީ އެކުއެކީގަ އެވެ. ދެ ބޭފުޅުން ވެސް ވަނީ ފަސް ދައުރު މަޖިލީހުގައި ހޭދަ ކުރައްވާފަ އެވެ.

"ގާނޫނުގެ ސަބަބުން އެންމެ ބޮޑު އަނިޔާއެއް ތަހަންމަލްކުރީ ދިވެހި ރިޕޯޓަކުން ޖާނަލިސްޓުން ބްލޮގަރުން، ރާއްޖޭގެ ޓީވީ ސްޓޭޝަންތައް، ޓީވީ ސްޓޭޝަންތައް ވަނީ އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާކޮށްފަ، އެހެން ނަމަވެސް އެކަން މި ހުއްޓުވުނީ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީގައި އޮތް ފުޅާ މިނުގައި ރައްޔިތުންނަށް ދޫކޮށްލުމަކީ އިންތިހާބީ ރައީސް އިބޫގެ ވައުދެއް ކަމަށެވެ. އޭގެ ފުރަތަމަ ފިޔަވަޅު މިއަދު އެޅިގެން ދިޔައީކަން ފާހަގަކުރެއްވި އެވެ. އިބޫގެ ސަރުކާރު ވެގެން ދާނީ ހުޅުވާލެވިފައިވާ ސަރުކާރަކަށް ކަމަށާއި އެ މަންޒަރު މިއަދު މަޖިލީހުން ފެނިގެން ދިޔައީ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެގެން ދާނީ ފާޑުކިޔުމަށް މަރުހަބާ ކިޔާ ސަރުކާރަކަށް، އެކަން މިއަދު ފެނިގެން އެ ދިޔައީ، ރައްޔިތުން ސަރުކާރަށް ފާޑުކިޔުން ހުއްޓުވުން އެއީ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނައިގެން ތިބޭ ބަޔަކު ކުރަން ހެޔޮވާވަރު ކަމެއް ނޫން، އެކަން ރައްޔިތުން ގަބޫލު ނުކުރާނެ ފެނިގެން ހިނގައްޖެ،" ޝާހިދު ވިދާޅުވި އެވެ.

އަބުރުގެ ގާނޫނުގެ އުވާލުމުގެ ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ނުކުރައްވައިފިނަމަ އެ ބިލް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ބިލްގެ ގޮތުގައި ތަސްދީގު ކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މީޑިއާގެ ބޭފުޅުންނަށް އެ ފުރުސަތު ދިނުން އެއީ އެމަނިކުފާނުގެ ފުރަތަމަ ހަދިޔާގެ ގޮތުގައި ވެގެން ދާނެ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ އެންމެ ފަހަށް ހުށަހެޅުއްވި ބިލް މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާތީ އެކަމަށް މެންބަރުންނަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. ޝާހިދު ވިދާޅުބި ގޮތުގައިި، ލައްކަ ކަންކަން އޭނާއަށް މަޖިލީހުގައި ވަނީ ތަޖުރިބާ ކުރެވިފަ އެވެ. އެގޮތުން ދެ ގާނޫނު އަސާސީ ހެދުމުގެ މަސައްކަތުގައި ބައިވެރިވާން ފުރުސަތު ލިބުންކަން ފާހަގަކުރެއްވި އެވެ.

އާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ އެކުލަވާލި މަޖިލިސް ކަމަށްވާ މިދިޔަ މަޖިލީހުގެ ރައީސްކަން ފަސް އަހަރު ވެސް ކުރައްވާފައިވަނީ އަބްދުﷲ ޝާހިދެވެ. އެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި އެންމެ ބޮޑަށް ބެއްލެވީ ރައްޔިތުންގެ ބައިވެރިވުން އޮންނަ ހުޅުވާލެވިފައިވާ މުއައްސަސާއަކަށް މަޖިލިސް ހެދުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ހަގީގީ ނަމުގައި ރައްޔިތުންގެ މަޖިލީހަކަށް ހެދޭތޯ މަސައްކަތް ކުރިން، މަޝްވަރާކޮށްގެން ކަންކަން ކުރުމުގެ އުސޫލު އަށަގަނެވޭތޯ މަސައްކަތް ކުރިން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ އޭނާ މަޖިލީހަށް ހޮވައިދިން ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ. އެގޮތުން ވ. އަތޮޅުގެ ރައްޔިތުންނާއި ކެޔޮދޫ، ރަކީދޫގެ ރައްޔިތުންނަށާއި ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންނަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. މަޖިލީހުގެ މުވައްޒަފުންނަށާއި އެކި ދައުރުތަކުގައި މަސައްކަތް ކުރެއްވި މެންބަރުންނަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.

"ރައްޔިތުންނަށް އަޅުގަނޑު ކަށަވަރުކޮށް ދޭން ބޭނުން ވަނީ އަޅުގަނޑު ހުންނާނީ ދިވެހި ދައުލަތަށް ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އިހްލާސްތެރިކަމާއެކުކަން،" ޝާހިދު ވިދާޅުވި އެވެ.

އަންނަ ހޮނިހިރު އިންތިހާބީ ރައީސް، ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާއިރު ޝާހިދު ވަޑައިގަންނަވަނީ ސަރުކާރުގެ ކޮން މަގާމެއް ކަމެއް ވިދާޅުވެއް ނުވެ އެވެ. ޝާހިދު ވިދާޅުވީ އިންތިހާބީ ރައީސް ހަވާލުކުރެއްވި ކޮންމެ މަސައްކަތެއްގައި ހިދުމަތް ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ. ޝާހިދަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ހާރިޖީ ދާއިރާގެ ތަޖުރިބާ ގިނަ ބޭފުޅެކެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން އޭނާ ވަކިވުމަކީ އޭނާގެ ސިޔާސީ ހަޔާތް ނިންމާލުމެއް ނޫނެވެ. ވަގުތާއި ހާލަތު ބަދަލުވާ ގޮތުން ސިޔާސީ މަސައްކަތަށް ބަދަލު އަންނާނެ ކަމަށާއި ނަމަވެސް އަބަދުވެސް ހުންނަވާނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.