އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ސަރުކާރަކީ ފާޑުކިޔުންތައް މަރުހަބާ ކިޔާނެ ސަރުކާރެއް ކަމަށް އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް މިއަދު މަޖިލީހުން ފާސްކޮށްފައިވާތީ އެވެ. އެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހެޅުއްވީ ޝާހިދެވެ. ޝާހިދު ވިދާޅުވި ގޮތުގައި އެ ގާނޫނަކީ ނޫސްވެރިންނަށް އެތައް އަނިޔާތަކެއް ދިން ގާނޫނެކެވެ.
"ގާނޫނުގެ ސަބަބުން އެންމެ ބޮޑު އަނިޔާއެއް ތަހަންމަލްކުރީ ދިވެހި ރިޕޯޓަކުން ޖާނަލިސްޓުން ބްލޮގަރުން، ރާއްޖޭގެ ޓީވީ ސްޓޭޝަންތައް، ޓީވީ ސްޓޭޝަންތައް ވަނީ އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާކޮށްފަ، އެހެން ނަމަވެސް އެކަން މި ހުއްޓުވުނީ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީގައި އޮތް ފުޅާ މިނުގައި ރައްޔިތުންނަށް ދޫކޮށްލުމަކީ އިންތިހާބީ ރައީސް އިބޫގެ ވައުދެއް ކަމަށެވެ. އޭގެ ފުރަތަމަ ފިޔަވަޅު މިއަދު އެޅިގެން ދިޔައީކަން ފާހަގަކުރެއްވި އެވެ. އިބޫގެ ސަރުކާރު ވެގެން ދާނީ ހުޅުވާލެވިފައިވާ ސަރުކާރަކަށް ކަމަށާއި އެ މަންޒަރު މިއަދު މަޖިލީހުން ފެނިގެން ދިޔައީ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެގެން ދާނީ ފާޑުކިޔުމަށް މަރުހަބާ ކިޔާ ސަރުކާރަކަށް، އެކަން މިއަދު ފެނިގެން އެ ދިޔައީ، ރައްޔިތުން ސަރުކާރަށް ފާޑުކިޔުން ހުއްޓުވުން އެއީ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނައިގެން ތިބޭ ބަޔަކު ކުރަން ހެޔޮވާވަރު ކަމެއް ނޫން، އެކަން ރައްޔިތުން ގަބޫލު ނުކުރާނެ ފެނިގެން ހިނގައްޖެ،" ޝާހިދު ވިދާޅުވި އެވެ.
އަބުރުގެ ގާނޫނުގެ އުވާލުމުގެ ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ނުކުރައްވައިފިނަމަ އެ ބިލް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ބިލްގެ ގޮތުގައި ތަސްދީގު ކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މީޑިއާގެ ބޭފުޅުންނަށް އެ ފުރުސަތު ދިނުން އެއީ އެމަނިކުފާނުގެ ފުރަތަމަ ހަދިޔާގެ ގޮތުގައި ވެގެން ދާނެ،" ޝާހިދު ވިދާޅުވި އެވެ.
އަބުރުގެ ގާނޫނު އުވާލަން މިއަދު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ 38 މެންބަރުންގެ ވޯޓާއެކު އެވެ. އަބުރު ރައްކާތެރިކުރުމުގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ. އަބުރުގެ ގާނޫނު އުވާލުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ވައުދެކެވެ. އިބޫ ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަބުރުގެ ގާނޫނު އުވާލާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
އަބުރު ގާނޫނުގެ ދަށުން ރާއްޖެޓީވީ ވަނީ އެކި ފަހަރު މަތިން ބޮޑެތި އަދަދުން ޖޫރިމަނާކޮށްފަ އެވެ. އޭގެ އިތުރުން ވީޓީވީ އާއި ސަންގްޓީވީ ވެސް އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކޮށްފައިވެ އެވެ.
އެ ގާނޫނު އުވާލުމަށް އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެންބަރުން ފުރިހަމައަށް ވަނީ ތާއިދުކުރައްވާފަ އެވެ. ޕީޕީއެމްގެ ބައެއް މެންބަރުން ވެސް އެކަމަށް ތާއިދު ކުރެއްވި އެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހިމެނެ އެވެ. ނަޝީދު ވަނީ އެ ނޫސްވެރިންގެ ހައްގުތައް ގެއްލުވާލާފައިވާ ގާނޫނެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.