ހަބަރު

ފައިނު އެއާޕޯޓްގެ އީއައިއޭ އީޕީއޭއިން ބަލައިނުގަތް

ރ ފައިނުގައި އެއާޕޯޓް އެޅުމަށްޓަކައި އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ އަިއލެންޑް އޭވިއޭޝަނުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއަށް ފޮނުވާފައިވާ އީއައިއޭ ބަލައިނުގަންނަން އީޕީއޭ އިން ނިންމައިފި އެވެ.

ފައިނުގައި އެއާޕޯޓެއް އަޅަން އައިލެންޑް އޭވިއޭޝަނުން ހެދި އީއައިއޭ ރިޕޯޓް އެކުންފުނިން އީޕީއޭއާ ހަވާލުކުރީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެ ރިޕޯޓު މުރާޖައާ ކުރުމަށްފަހު އީޕީއޭއިން މިއަދު ބުނީ، އައިލެންޑް އޭވިއޭޝަނުން އެ ރިޕޯޓު އެކުލަވާލާފައިވަނީ ފަރުވާކުޑަ ގޮތަކަށް ކަމަށެވެ.

އެގޮތުން އެފަދަ މަސައްކަތެއް ކުރާއިރު ލަފާ ހޯދަންޖެހޭ ބައެއް ފަރާތްތަކުގެ ލަފާ ހޯދާފައި ނުވާއިރު، ސޯޝަލް ސާވޭއެއްވެސް ހަދާފައިވާކަން އެ ރިޕޯޓުގައި ސާބިތުކޮށްދީފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

އީޕީއޭ އިން ބުނީ، މިފަދަ މަސައްކަތެއް ހިންގާއިރު، އޭގެ ސަބަބުން ގެއްލުންވާ ފަރާތްތަކާ [ފެމިލީތަކާއި ރަށުގައި ދިރިއުޅޭ މީހުން، ދަނޑުވެރިން] ވާހަކަ ދައްކާފައިވާކަން އީއައިއޭ ރިޕޯޓުން އެނގެން ނެތް ކަމަށެވެ. އަދި އެ މަޝްރޫއުން ވަޒީފާ އުފެދޭނެ މިންވަރާއި އެ ޕްރޮޖެކްޓްގެ ސަބަބުން ގެއްލުންވާ ފަރާތްތަކަށް ބަދަލު ނުވަތަ މަންފާ ލިބޭނެ ގޮތްތަކެއް ވެސް އެ ރިޕޯޓުގައި ހިމަނާފައި ނެތް ކަން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ވެސް، އެ ޕްރޮޖެކްޓްގެ ސަބަބުން ތިމާވެއްޓަސް ލިބޭ ގެއްލުންތަކުގެ ތަފްސީލު ފުރިހަމަނުވާކަން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ގަސްތަކާ ގުޅޭ ގޮތުން ހެދި ދިރާސާގައި ނަގަންޖެހޭ ގަސްތަކުގެ އަދަދާއި ކަނޑާލަންޖެހޭ ބޮޑެތި ގަސްތަކުގެ އަދަދާއި މި ނޫނަސް މިފަދަ މުހިއްމު މައުލޫމާތުތަކެއް ރިޕޯޓުގައި ނެތް މައްސަލަ ހިމެނޭ ގޮތަށް 12 މައްސަލައެއް އެ އީއައިއޭ ރިޕޯޓާ ގުޅިގެން އީޕީއޭ އިން ފާހަގަކޮށްފައިވެ އެވެ.

އައިލެންޑް އޭވިއޭޝަނުން އީޕީއޭ އަށް ހުށަހެޅި ރިޕޯޓުގައި ބުނެފައިވާ ގޮތުން އެއާޕޯޓްގެ މަސައްކަތަކަށް އެރަށުން 5،000 އަށްވުރެ ގިނަ ގަސް ކަނޑަަން ޖެހެ އެވެ. އެކަމާ ގުޅިގެން ރަށް ހަލާކުކޮށްލައިގެން އެއާޕޯޓް އެޅުމާ ދެކޮޅަށް އެ ރަށުގެ ބައެއް ރައްޔިތުން ވަނީ އަޑުއުފުލާފަ އެވެ. އަދި ދައުލަތުގެ ބައެއް އިދާރާތަކަށް ޕެޓިޝަން ވެސް ހުށަހެޅި އެވެ.

ފައިނުގައި އަޅަން ނިންމީ ދިގުމިނުގައި 1320 މީޓަރު ހުންނަ، ފުޅާ މިނުގައި 30 މީޓަރުގެ ރަންވޭއަކާއި، 60 މީޓަރު ދިގު 15 މީޓަރު ފުޅާ ޓެކްސީވޭ އަކާއި 227.5 މީޓަރު ދިގު 45 މީޓަރު ފުޅާ އޭޕްރަން އޭރިއާއެއް އޮންނަ ގޮތަށެވެ.