ފިނިޕޭޖް

ޑަމްބޯ މިފަހަރު ލައިވް އެކްޝަން ފިލްމަކުން

ވޯލްޓް ޑިޒްނީ ސްޓޫޑިއޯސްއިން އުފައްދަމުންދާ ލައިވް އެެކްޝަން ފިލްމުތަކުގެ ލިސްޓަށް މި ފަހަރު މިއޮތީ 90ގެ އަހަރުތަކުގައި މަގުބޫލުކަން ހޯދި ޑަމްބޯ ކާޓޫނެވެ.

އަންނަ އަހަރު ކުރީކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ ޑަމްބޯގެ ލައިވް އެކްޝަން ފިލްމުގެ ޓްރެއިލާ ރޭ ރިލީޒް ކޮށްފައިވާއިރު، މި ފިލްމުން ފެނިގެންދާނީ މައިކަލް ކީޓަން، އީވާ ގްރީން، ކޮލިން ފެރަލް، ޑެނީ ޑެވީޓޯ، ކޮލެޓްް މާޗަންޓް ހޯލްޓް ފެރިއާ އަދި މެކްސް މެޑިސީ އެވެ.

ޑަމްބޯގެ ކުރީގެ ކާޓޫނުގައި ދައްކުވައިދިނީ މީހުންނަށް ކުޅި ސަމާ ދައްކުވައިދޭ ސާކަސްއެއްގެ ހަގީގަތެވެ. އެ ތަނުގައި ގެންގުޅޭ ޖަނަވާރުތަކުގެ އަސްލު ދިރިއުޅުމަކީ ކޮބައި ކަމާއި، ފަރުދާގެ ފުރަގަހުގައި ވަނީ ކިހިނެއްކަން މި ކާޓޫނުން ކިތަންމެހާވެސް ރަނގަޅަކަށް ވަނީ ދައްކުވައިދީފަ އެވެ. އަދި އެ ކާޓޫނުގެ މެއިން ކެރެކްޓާ، ޑަމްބޯ: އައިބު ބޮޑު ދެ ކަންފަތާ އެކީ އުފަންވެފައިވާ ކުޑަ އެތެއް، އެކަނި ދިރިއުޅެން ޖެހުމުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނަށް ކުރާ މަސައްކަތްތަކާއި ހިތްވަރު ވެސް ކުރީގެ ކާޓޫނުން ދައްކުވައިދެ އެވެ.

ބުދަ ދުވަހުގެ ރޭ ރިލީޒް ކުރި ޓްރެއިލާއާއެކު ފިލްމުގެ ބޮޑު ބައެއް ކުޅެފައިވާ ސާކަސްގެ ބާކީ ޖަނަވާރުތަައް ވެސް ޓްރެއިލާ ގައި ވަނީ ދައްކާލާފަ އެވެ. އަދި ކުރީގެ ކާޓޫނުން ފެނުނު ކަންކަމުގެ އަސްލު، ލައިވް އެކްޝަން ފިލްމުގައި ހިފަހައްޓާފައިވާއިރު މި ފިލްމަށް ކުރެވޭ އުންމީދު މިވަނީ ބޮޑުވެފަ އެވެ.

ޑަމްބޯގެ ލައިވް އެކްޝަން ފިލްމުގެ ޓްރެއިލަރ