ހަބަރު

އިބޫ މުލިއާގެއަށް، ފައިސަލް ހިލާލީގެއަށް

ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ދިރިއުޅުއްވުން މުލިއާގެއަށް ބަދަލު ކުރައްވަން ނިންމަވައިފި އެވެ. އެކަމަށް މުލިއާގެ ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އިބޫ ދިރިއުޅުއްވުން މުލިއާގެއަށް ބަދަލު ކުރައްވާކަން އޮފިޝަލަކު ޔަގީންކޮށް ދީފައިވާއިރު އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވާނީ ހިލާލީގޭގަ ކަމަށާއި އެކަމަށް ތައްޔާރީތައްވަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ރަަސްމީކޮށް މިކަން އަދި އިއުލާން ނުކުރައްވަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އިބޫ ވިދާޅުވީ އެމަނިކުފާނު ދިރިއުޅުއްވާނީ ދައުލަތުން ދައްކާ ތަނެއްގަ ކަމަށާއި އަމިއްލަ ގެކޮޅަށް ދައުލަތުގެ ފައިސާ ހަރަދު ނުކުރައްވާނެ ކަމަށެވެ.

މުލިއާގެއަކީ ރައީސުން ދިރިއުޅުއްވަމުން ހާއްސަކޮށްފައިވާ ގެކޮޅެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ދިރިއުޅުއްވީ އެ ގެކޮޅުގަ އެވެ.

މުލިއާގެއަށް ދިރިއުޅުން ބަދަލު ނުކުރެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. ރައީސް ކަމަށް ވަޑައިގެންނެވުމަށްފަހު ވެސް އެމަނިކުފާނު ދިރިއުޅުއްވީ އަމިއްލަ ގެކޮޅުގަ އެވެ. ފަހުން އެ ގޮޅު ވިއްކާލުމަށްފަހު ދިރިއުޅުން ހިލާލީގެއަށް ބަދަލު ކުރެއްވި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެސް ދިރިއުޅުއްވީ ހިލާލީގޭގަ އެވެ. މިހާރު ރައީސް ޔާމީންގެ އާއިލާ އެ ގޭގައި ދިރިއުޅުއްވަމުން ގެންދަވާއިރު އާޓިފިޝަލް ބީޗް ކުރިމަތީގައި ބުރިބުރިއަށް ރައީސް ޔާމީން ގެންދަވަނީ ގެކޮޅެއް އިމާރާތް ކުރައްވަމުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސުންގެ ގެކޮޅު، މުލިއާގެ ބޭނުން ކުރެއްވީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ސިޔާސީ މަސައްކަތްތަކާއި އިޖުތިމާއީ މަސައްކަތްތައް ކުރައްވާ ތަނެއްގެ ގޮތުގަ އެވެ.